އެޗްޑީސީން ކުރިޔަށް ގެންދިޔަ އެޕްރެންޓިސްޝިޕް ޕްރޮގްރާމް 72 ބައިވެރިން ނިންމައިފިއެވެ.
އެޗްޑީސީން ބުނީ، އެ ކޯޕަރޭޝަނުން ހަތަރު މަސް ދުވަހަށް ކުރިޔަށްގެންދިޔަ އެޕްރެންޓިސްޝިޕް ޕްރޮގްރާމް 72 ބައިވެރިން ނިންމާ ސަނަދު ހާސިލްކޮށްފައިވާ ކަމަށެވެ.
މިގޮތުން އެޕްރެންޓިސްޝިޕް ޕްރޮގްރާމް ކުރިޔަށް ގެންދިޔައީ 10 ދާއިރާއަކުންކަން ފާހަގަކޮށް އެޗްޑީސީން އޭގެ ތެރޭގައި ހެވީ ވެހިކަލް، ވެލްޑިންގް، މޭސަނަރީ، ގާޑަނިންގް، އިލެކްޓްރިކަލް، ބިލްޑިންގް މެއިންޓެނަންސް، ކާޕެންޓްރީ، ޕްލަމްބިންގް، ރެފްރިޖަރޭޝަން އެންޑް އެއަރ ކޮންޑިޝަން މެކޭނިކް އަދި ކޮންސްޓްރަކްޝަން ސައިޓް ސުޕަވިޝަންގެ ދާއިރާ ހިމެނެއެވެ.
މި އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ އެޗްޑީސީ އާއި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އަދި މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްއާއެކު ސޮއި ކޮށްފައިވާ ފަހުމްނާމާއެއްގެ ދަށުން ކުރިއަށްގެންދާ ޕްރޮގްރާމެއް ކަމަށް އެޗްޑީސީން ބުނެއެވެ.
މި ޕްރޮގްރާމް ކުރިއަށް ގެންދެވިފައި ވަނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އަދި ވޯލްޑް ބެންކްގެ ފަންޑް "ކޮވިޑް -19 އެމަރޖެންސީ އިންކަމް ސަޕޯޓް ޕްރޮޖެކްޓް"ގެ އެހީއާއެކުކަން ފާހަގަކޮށް އެޗްޑީސީން ބުނީ ތަމްރީނުދޭ އިންސްޓްޓިއުޓެއްގެ ގޮތުގައި އެމް.އައި.ޓީ ހަމަޖައްސަވާފައި ވަނީ މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ ފަރާތުން ކަމަށެވެ.
މި ޕްރޮގްރާމްގެ މަގުސަދަކީ ކުރިއަށްދާނެ ވަކި ދާއިރާއެއް އިހްތިޔާރު ނުކުރެވި ނުވަތަ ކުރިއަށް ދާންބޭނުންވާ ދާއިރާއިން ފުރުސަތު ނުލިބި ތިބި ޒުވާނުންނަށް ފުރުސަތުތަކެއް ހުޅުވައިދިނުން ކަމަށައި، އަދި ވަޒީފާގެ ބާޒާރުގައި ޒުވާނުންނަކީ ފަސްނުޖެހި، އެ ވަޒީފާއެއްގެ އަމަލީ މަސައްކަތްތައް ދަންނަ ޤާބިލް ބަޔަކަށް ހެދުން ކަމަށް އެޗްޑީސީން ބުނެއެވެ.
މިދިޔަ އަހަރު ނެޝަނަލް އެޕްރެންޓިޝިޕް ޕްރޮގްރާމްގައި އެއްމެ ގިނަ އަދަދަކަށް ޒުވާނުން ތަމްރީން ކުރުމުގެ ޝަރަފު ހާސިލްކޮށްފައިވަނީ އެޗްޑީސީންނެވެ.