މި ސަރުކާރާމެދު އިތުރު އުންމީދުތަކެއް އޮތް ކަމަށް ރ.ރަސްމާދޫ ކައުންސިލުން ބުނެފިއެވެ.
މިއަދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާ ބައްދަލުކުރައްވައި ރަސްމާދޫ ކައުންސިލުން ބުނީ، ވޭތުވެދިޔަ ދިގު ތާރީހުގައި ދުވަހަކުވެސް ރަސްމާދޫގައި ނުހިންގާ ވަރަށް، މި ފާއިތުވެދިޔަ ހަތަރު އަހަރުގައި އެ ރަށުގައި ތަރައްގީގެ މަޝްރޫޢުތައް ހިންގާފައިވާ ކަމަށެވެ.
ރަސްމާދޫ ތަރައްޤީއަށް އެންމެ މުހިންމު ކަންކަމާއި ކައުންސިލާއި ރައްޔިތުން މިވަގުތު އެންމެ ބޭނުންވާ ކަންކަން ފާހަގަކުރައްވަމުން ކައުންސިލުން ވަނީ ރަސްމާދޫގައި ބޯހިޔާވަހިކަމުގެ ދަތިކަން ބޮޑުކަން ފާހަގަކުރައްވައި، ފްލެޓް އެޅުމަށް ބޭނުންވާކަން ހިއްސާކުރައްވާފައެވެ.
މީގެ އިތުރުންވެސް ރަށުގެ މަގުތައް ނުހެދި އޮތުމުން ދިމާވާ ދަތިތަކާއި، ކައުންސިލް އިދާރާގެ ޖާގައިގެ ދަތިކަމާއި، ބަޖެޓުގެ ދަތިކަމުގެ އިތުރުން ސިއްހީ ދާއިރާގެ ފެންވަރު ރަނގަޅުކުރުމަށް ބޭނުންވާކަން ކައުންސިލުން ފާހަގަކުރެއްވިއެވެ. އަދި، ބަނދަރުގައި ރޭމްޕެއް އެޅުމާއި، މޫދަށް އެރޭ ސަރަޙައްދެއްގެ އިތުރުން، ކުޅިވަރު ކުޅުމަށް ބޭނުންކުރަން ފުޓްބޯޅަ ދަނޑު ތަރައްގީކުރުމަށް ރައްޔިތުން ބޭނުންވާކަން ކައުންސިލުން ފާހަގަކުރިއެވެ.
މި ބައްދަލުކުރެއްވުމުގައި ރަސްމާދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީން ވަނީ ބަޖެޓުގެ ދަތިކަން ކުރިމަތިވާކަން ފާހަގަކުރައްވާފައެވެ.
ރައީސް ސޯލިހު ވަނީ ރަސްމާދޫ ކައުންސިލާއި އ.ތ.މ. ކޮމިޓީއިން ފާހަގަކުރެއްވި ކަންކަމުގެ ތެރެއިން ކުރިޔަށްގެންދެވޭނެ ކަންކަމަކީ ކޮބައިތޯ ބައްލަވާނެ ކަމަށާއި، އަދި މި ބައްދަލުކުރެއްވުމުގެ ބައިވެރިން ފާހަގަކުރެއްވި ކަންކަމުގައި ކަމާގުޅޭ ސަރުކާރުގެ އިދާރާތަކާ މަޝްވަރާކުރައްވައިގެން އެދެވޭ ގޮތަކަށް ކަންކަން ނިންމަވައިދެއްވާނެ ކަމުގައި ވިދާޅުވެފަވެ.
މީގެ އިތުރުން ވެސް ރަށްރަށުގެ ރައްޔިތުންނަށް އެންމެ ބޭނުންވާ އަސާސީ ކަންކަމާއި ތަރައްޤީގެ މުހިންމު ކަންކަން ސަރުކާރުން ކުރިޔަށް ގެންދަނީ ރަށްރަށުގެ އިގްތިސާދު ކުރިއަރުވައި އާމްދަނީ އިތުރުކުރުމުގެ މަގްސަދުގައިކަން ރައީސް ސޯލިހު ވަނީ ފާހަގަކުރައްވާފައެވެ.