5 އަހަރުން މަތީގެ ކުދިންނަށް ފައިޒާ ވެކްސިން ދޭން ހުޅުވާލައިފި

Pfizer

ކޮވިޑް-19 އިން ރައްކާތެރިވުމަށް އުމުރުން 5 އަހަރާއި، 11 އަހަރާ ދެމެދުގެ ކުދިންނަށް ފައިޒާ ވެކްސިން ދޭން ހުޅުވާލައިފިއެވެ.

އެޗްޕީއޭ އިން ބުނީ، 5 އަހަރާއި، 11 އަހަރުގެ ދެމެދުގެ އުމުރުފުރާގެ ކުދިންނަށް ފައިޒާ ވެކްސިން ދިނުމަށް މޯލްޑިވްސް ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް އޮން އިމިއުނައިޒޭޝަނުން ލަފާދީފައިވާ ކަމަށެވެ.

މިގޮތުން މިއަދުން ފެށިގެން 5 އަހަރާއި، 11 އަހަރާ ދެމެދުގެ ކުދިންނަށް ފައިޒާ ވެކްސިން ޖެހުމަށް ހުޅުވާލާފައިވާ ކަމަށާއި، މިގޮތުން މާލޭގެ އިތުރުން އަތޮޅު ތެރޭގެ ހޮސްޕިޓަލް އަދި ހެލްތު ސެންޓަރުތަކުން ވެކްސިން ލިބެން ހުންނާނެ ކަމަށެވެ.

މީގެއިތުރުން އުމުރުން 12 އަހަރުން މަތީގެ އުމުރުފުރާގެ ކުދިންނަށްވެސް ފައިޒާ ވެކްސިން މިހާރު ލިބެން ހުންނާނެ ކަމަށްވެސް އެޗްޕީއޭއިން ބުނެއެވެ. އަދި ފައިޒަރ ވެކްސިންގެ ޑޯޒުތައް އަދި ބޫސްޓަރ ޑޯޒް ފުރިހަމަ ނުކުރައްވާ ފަރާތްތަކުން ވެކްސިން ޖެހުމަށްވެސް އެޗްޕީއިން އިލްތިމާސް ކުރެއެވެ.

އައިޖީއެމްއެޗްގައި ކޮންމެ އާދީއްތަ ދުވަހެއްގެ 09:00 އިން 12:00 އަށް، ހުޅުމާލޭ ހޮސްޕިޓަލްގައި ކޮންމެ އާދީއްތަ، އަންގާރަ އަދި ބުރާސްފަތި ދުވަހެއްގެ 13:00 އިން 14:00 އަށް ވެކްސިން ޖެހޭނެ ކަމަށައި، އަދި ދަމަނަވެށިން ސަރުކާރުން ބަންދު ނޫން ކޮންމެ ދުވަހެއްގެ 13:30 އިން 15:00 އަށް ވެކްސިން ޖެހޭނެ ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *