ޓްރާންސްޕޯޓް މިނިސްޓްރީ އާއި ޖެންޑަރ މިނިސްޓްރީގެ ހިދުމަތް ހުޅުމާލޭގައި ސަރުކާރުން އަލަށް ހުޅުވި އޮފީހުން ދޭން ފަށައިފިއެވެ.
ޓްރާންސްޕޯޓް އަދި ޖެންޑަރ މިނިސްޓްރީން ބުނީ، މިއަދުން ފެށިގެން އެ ދެ މިނިސްޓްރީގެ ހިދުމަތް ލިބެމުންދާނީ ހުޅުމާލޭގައި ސަރުކާރުން އަލަށް ހުޅުވި އުމަރު ޒާހިރު އޮފީސް އިމާރާތުން ކަމަށެވެ.
ޓްރާންސްޕޯޓް މިނިސްޓްރީގެ ހިދުމަތް އުމަރު ޒާހިރު އޮފީސް އިމާރާތުގެ ތިން ވަނަ ފަންގިފިލާއިން ލިބޭއިރު، ޖެންޑަރގެ ހިދުމަތް ލިބޭނީ އެ އިމާރާތުގެ ދެވަނަ ފަންގިފިލާއިންނެވެ.
އުމަރު ޒާހިރު އޮފީސް އިމާރާތުގެ ހަތަރުވަނަ ފަންގިފިލާގައި އެމެރިކާ އެމްބަސީގެ ހިދުމަތް ދިނުމަށް ހަމަޖެހިފައިވާއިރު، ފަސް ވަނަ ފަންގިފިލާއިން ހިދުމަތްދޭނީ މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަނުންނެވެ.
މި ސަރުކާރުން އޮފީސް އައު އިމާރާތެއް އަޅައި، ހުޅުވާފައިވާއިރު، އިތުރު އޮފީސް އިމާރާތެއް އެޅުމަށް ޕްލޭންކޮށްފައިވާ ކަމަށް ރައީސް ސޯލިހު ވަނީ ދާދި ފަހުން ހާމަކުރައްވާފައެވެ.