ހުޅުމާލެއަކީ ޒަމާނީ ވަސީލަތްތަކާއިއެކު ވިޔަފާރީގެ ގިނަ ހިދުމަތްތަކެއް ލިބިގެންދާނެ ރަށަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރެވެމުން އަންނަ ކަމަށް އެޗްޑީސީން ބުނެފިއެވެ.
އެޗްޑީސީން ބުނީ، ހުޅުމާލެ އަކީ މިވަގުތު ރާއްޖޭގައި އެއްފަހަރާ އެއްމެ ގިނަ ބަޔަކު އާބާދު ވަމުން އަންނަ ރަށެއް ކަމަށާއި، ފޭސް 2 ގައި ގިނަ ގެދޮރުވެރިކަމުގެ މަޝްރޫޢުތަކެއް ނިމި އަލަށް އާބާދު ވަމުން އަންނަ އިރު، ހުޅުމާލޭގައި ލިބެން ހުންނަ ޙިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް ޒަމާނީ ގިނަ ޙިދުމަތްތަކެއް ފޯރުކޮށްދިނުމަށް އެ ކޯޕަރޭޝަންގެ ފަރާތުން ގިނަ މަސައްކަތްތަކެއް ދަނީ ކުރެވެމުން ކަމަށެވެ.
ވިޔަފާރީ ވެރިންނަށް ހުރި ފުރުސަތުތައް އިތުރުކޮށް، ކުދި އަދި މެދު ފަންތީގެ ވިޔަފާރުތަކަށް ހާއްސަ އިސްކަމެއް ދީގެން ގިނަ ކޮމޭޝަލް ޔުނިޓްތަކާއި އިމާރާތްތައް އެޅުމަށް މިހާރު ހަވާލު ކުރެވި މަސައްކަތްތައް ދަނީ ކުރެވެމުން ކަމަށާއި، މިގޮތުން އަލަށް އިމާރާތް ކުރެވެމުންދާ ހައުސިންގ މަޝްރޫއުތަކުގެ ކޮމާޝަލް ޔުނިޓްތައް އެކި ކަހަލަ ވިޔަފާރިތައް ހިމެނިގެން އިއުލާން ކުރެވި މިހާރު ޔުނިޓުތަކުގައި ހިދުމަތްތައްވެސް އަންނަނީ ދެމުން ކަމަށް އެޗްޑީސީން ބުނެއެވެ.
އަލަށް އިމާރާތް ކުރެވެމުންދާ ހައުސިންގ މަޝްރޫއުތަކުގެ ކޮމާޝަލް ޔުނިޓްތައް އެކި ކަހަލަ ވިޔަފާރިތައް ހިމެނިގެން އިއުލާން ކުރެވި މިހާރު ޔުނިޓުތަކުގައި ޙިދުމަތްތައް ވެސް ދަނީ ދެމުންކަން ފާހަގަކޮށް އެޗްޑީސީން ބުނީ، މިހާރު ހުޅުމާލޭގައި ލިބެން ހުރި ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް ޒަމާނީ ޙިދުމަތްތައް ގާއިމު ކުރުމަށް ކުރެވުނު މަސައްކަތްތަކުގެ ތެރެއިން ހުޅުމާލޭގައި އަލަށް ގާއިމު ކުރާ 2 ޕެޓްރޯލް ޝެޑަކީ ޒަމާނީ ވަސީލަތްތަކާއެކު ކާރު އަދި ސައިކަލް ދޮވެ، ކުދި ރިޕެއަރ ކުރެވޭނެ ގޮތަށް ފަރުމާކޮށް ހަވާލު ކުރެވިފައިވާ 2 މަސައްކަތް ކަމަށެވެ. އަދި އޭގެ ތެރެއިން، ހޯކްސް ޕްރައިވެޓް ލިމިޓަޑާއި ހަވާލުކުރެވުނު ޝެޑުން މިހާރު ވެސް ގިނަ ބަޔަކު ދަނީ ޙިދުމަތް ހޯދަމުން ކަމަށްވެސް އެޗްޑީސީން ބުނެއެވެ.
ކެފޭ، ނުވަތަ ރެސްޓޯރަންޓުތަކަކީ އަބަދުވެސް އާއްމުންގެ މެދުގައި މަޤުބޫލު ވިޔަފާރިތަކަށްވާއިރު،. ހުޅުމާލޭގައި ހުންނަ ކެފޭ އަދި ރެސްޓޯރަންޓުތަކަށް ހުރި ފުރުސަތުތައް އިތުރުކޮށް، މިފަދަ ތަންތަނަކީ އާއިލާތަކާއި ކުޑަ ކުދިންނަށް ހިތްފަސޭހަ ބޭނުން ކުރަން ފަސޭހަ ތަންތަނަށް ހެދުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން، ވޯޓަރ ފްރަންޓް ކޮމެޝަލް ކޮމްޕްލެކްސް އެޗްޑީސީން ވަނީ ފާހަގަކޮށްފައެވެ.
މިގޮތުން އެ އިމާރާތުގައި ގިނަ ފްރެންޗައިސްތަކަކުން ޙިދުމަތް މިހާރު ދެމުންދާއިރު، އިވެންޓް ފަދަ ހަފުލާ ބޭއްވުމަށް ކުޑަ ހޯލެއް ވެސް ހުންނަ ކަމަށައި، ހަމަ މިގޮތަށް ކެފޭ ކޯޓެއް ގާއިމު ކުރުމުގެ މަސައްކަތް ވެސް މިހާރު ދަނީ ކުރެވެމުން ކަމަށް އެޗްޑީސީން ބުނެއެވެ. އަދި މި ކެފޭ ކޯޓުގައި 6 ރެސްޓޯރަންޓް ހުންނަ އިރު، ޓެރަސް އަދި އިވެންޓް ސްޕޭސްގެ އިތުރުން ސްވިމިންގ ޕޫލެއް ހިމެނޭ ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.
މީގެ އިތުރުން، އެޗްޑީސީން ބުނީ، ތަފާތު ހިދުމަތްތައް އިތުރުކުރުމަށް ފިޓްނަސް އެންޑް ވެލްނަސް ސެންޓަރެއް ޤާއިމު ކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން އެމް.ޓީ.ޑީ އަދި ގްލަޓާއި ހަވާލުކޮށްގެން އިމާރާތް ކުރާ ސެންޓަރުގެ މަސައްކަތްވެސް ދަނީ ކުރެވެމުން ކަމަށެވެ.
އެޗް.ޑީ.ސީގެ މަސައްކަތްތައް ބައްޓަން ކުރެވިފައި ވަނީ ހުޅުމާލެ އަކީ ޒަމާނީ އަދި ހުރިހާ ޙިދުމަތްތަކެއް ވެސް ފަސޭހަ ކަމާއި އެކު ލިބިގެންދާނެ ރަށަކަށް ހެދު ކަމަށް ކަމަށައި، އަދި ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނާއި އެކި ބޭނުންތަކަށް ހުޅުމާލެ ޒިޔާރަތް ކުރާ ފަރާތްތަކަށް ބޭނުންވާނެ ގިނަ ޙިދުމަތްތަކެއް ލިބިގެންދާނެ ގޮތަށް ޕްލޭން ކުރެވި ފުރިހަމަ ރަށަކަށް ހެދުމަށް ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.