ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް އިބްރާޙިމް މުހައްމަދު ސޯލިހުއަށް ތާއީދު ކުރަން އަދާލަތު ޕާޓީން ނިންމައިފިއެވެ.
އަދާލަތު ޕާޓީން ބުނީ، މިވަގުތުގެ ހާލަތުގައި މާތްވެގެންވާ އިސްލާމް ދީނާއި ދިވެހި ގައުމާއި ދިވެހި ރައްޔިތުންގެ އެންމެ މަތީ މަސްލަހަތު އޮތް ގޮތަކީ ވެސް އަދި އެ މަސްލަހަތު ހިމާޔަތްކުރުމަށްޓަކައި އެންމެ ފަހިކޮށް އަދާލަތު ޕާޓީއަށް މަސައްކަތްކުރެވެން އޮތީވެސް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެމް.ޑީ.ޕީގެ ރިޔާސީ ކެނޑިޑޭޓު، ރައީސް ސޯލިހު އިންތިހާބު ކޮށްގެން ކަމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހަށް ފެންނަ ކަމަށެވެ.
މިގޮތުން އަދާލަތު ޕާޓީގެ ދުސްތޫރުގެ 49.3 ވަނަ މާއްދާގައި ބަޔާންކުރާ އެއްބަސްވުން އެކުލަވާލުމަށްފަހު 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓު، ރައީސް ސޯލިހުއަށް ތާއީދުކުރުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން އިގްރާރުވެފައިވާ ކަމަށްވެސް އެ ޕާޓީން ބުނެއެވެ.
އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓު ރައީސް ސޯލިހު 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އަދާލަތު ޕާޓީއިން އެމަނިކުފާނަށް ތާއީދުކޮށް ގުޅިފައިވާ ސަރުކާރެއް އެކުލަވާލުމުގެ މަޝްވަރާއަށް އެރުވި ދައުވަތާއެކު މިދިޔަ ހޯމަ ދުވަހު އެމްޑީޕީއާއެކު އަދާލަތުން މަޝްވަރާ ކުރިއެވެ.
މިގޮތުން އެ މަޝްވަރާތަކުގައި މާތްވެގެންވާ އިސްލާމް ދީނުގެ ސައްޙަ އަގީދާ ކުރިއަރުވާ ދެމެހެއްޓުމަށާއި، ރާއްޖޭގެ އިސްލާމީ ޝަޚްސިއްޔަތު ހަރުދަނާކޮށް، ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ނެގެހެއްޓުމަށާއި، ރާއްޖޭގެ މިނިވަންކަމާއި އިސްތިޤުލާލު ރައްކާތެރިކޮށް ދިވެހި ދައުލަތުގެ ސިޔާދަތީ ބާރު ދަމަހައްޓާ، ދިވެހިރާއްޖޭގެ ސުލްޙަމަސަލަސްކަން ދަމަހައްޓާ، ދިވެހިންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން ގާއިމުކޮށް ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް ހުށަހަޅާ މެނިފެސްޓޯ އެކުލަވާލުމުގައި އިސްލާމީ އުސޫލުތަކާއި ހަމަތަކުގެ އިތުރުން ދެފުށްފެންނަ ފުރިހަމަ ލާމަރުކަޒީ އުސޫލުތަކަށާއި އާއިލާތަކުގެ ދުޅަހެޔޮކަމާއި އިޖުތިމާއީ ޢަދާލަތު ޤާއިމުކުރުމަށް އިސްކަން ދިނުމަށް އެއްބަސްވެފައިވާ ކަމަށްވެސް އަދާލަތުން ބުނެއެވެ.
މީގެއިތުރުން މެނިފެސްޓޯ އެކުލަވާލުމުގައި އަދާލަތު ޕާޓީގެ ބައިވެރިވުން ފުރިހަމަޔަށް ހޯދުމަށް ވޭތުވެ ދިޔަ ތަނުގައި ތަފާތު އެކި ސިޔާސީ ޕާޓީތަކާއެކު ޢަދާލަތު ޕާޓީއަށް ކުރެވިފައިވާ ތަޖުރިބާ އާއި އެކި ސަރުކާރުތަކުގައި ޢަދާލަތު ޕާޓީގެ ސިޔާސަތުތައް ތަންފީޒުކުރަން ލިބުނު ފުރުސަތުތަކަށާއި ދިވެހިރާއްޖޭގެ ސިޔާސީ މާޙައުލު މިވަގުތު އޮތް ގޮތަށް ރިއާޔަތްކުރާ ހިނދު ރައީސް ސޯލިހަށް ތާއީދުކުރުމަކީ އެންމެ ރަނގަޅީ ރައީސް ސޯލިހުއަށް ތާއީދު ކުރުން ކަމަށެވެ.