މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) ގެ މާފުށީ ޖަލުގައި ތިބި ގައިދީންނާއި ބަންދުމީހުންނަށް ސްޕެޝަލިސްޓް ޑޮކްޓަރުންގެ ހިދުމަތް ފޯރުކޮށްދޭ މެޑިކަލް ކޭމްޕެއް އެ ޖަލުގައި ބާއްވައިފިއެވެ.
ކަރެކްޝަންސް އިން ބުނީ، މި މަހުގެ 25 ން 26 ފެބްރުވަރީ 2023 ށް ކުރިއަށްދިޔަ މި މެޑިކަލް ކޭމްޕް ހިންގީ މާފުށީ ހެލްތް ސެންޓަރާއި މާފުށީ ޖަލުގެ މެޑިކަލް ސެންޓަރު ގުޅިގެން ކަމަށެވެ.
މި މެޑިކަލް ކޭމްޕް ހިންގުމުގެ މަގްސަދަކީ މާފުށީ ޖަލުގައި ތިބި ގައިދީންނާއި، ބަންދު މީހުންގެ ތެރެއިން ސްޕެޝަލިސްޓުންނަށް ދައްކަންޖެހޭ ގިނަ އަދަދެއްގެ މީހުން ތިބުމާއިއެކު، އެމީހުން ސްޕެޝަލިސްޓުންނަށް ދެއްކުމަށާއި ޖަލުގައި ދެވެން ނެތް ފަރުވާ ދިނުމަށް އެހެން ސިއްހީ ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކާ ގުޅިގެން އެކަމުގެ މަގު ފަހިކޮށްދިން ކަމަށް ކަރެކްޝަންސް އިން ބުނެއެވެ.
ކަރެކްޝަންސް އިން ބުނީ، މި ކޭމްޕްގައި ފޯރުކޮށްދީފައިވާ ސްޕެޝަލިސްޓް ހިދުމަތްތަކަކީ ހަމުގެ ބަލިތަކާއި، އެތެރެހަށީގެ ބަލިތައް ކަމަށެވެ. މިގޮތުން 49 ގައިދީންނާއި، ބަންދު މީހުންނަށް ހަމުގެ ބަލިތަކަށް ކޮންސަލްޓޭޝަން ދީފައިވާއިރު، އެތެރެހަށީގެ ޑޮކްޓަރަށް 24 ގައިދީންނާއި، ބަންދުމީހުން ދައްކާފައިވާ ކަމަށް އެ ސާވިސް އިން ބުނެއެވެ.
ކަރެކްޝަންސް އިން މިދިޔަ އަހަރުގެ އޮކްޓޫބަރ 29 އިން ނޮވެމްބަރ 17 އަށް ކުރިޔަށްގެންދިޔަ "އޮޕަރޭޝަން ހޭހަން" ގައި ހުރިހާ ޖަލަކުން ޖުމްލަ 853 ބަލިމީހުންނަށް ސްޕެޝަލިސްޓް ޑޮކްޓަރ ކޮންސަލްޓޭޝަނާއި، ހިދްމަތްތައް ވަނީ ފޯރުކޮށްދީފައެވެ.