ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު ގާސިމް އިބްރާހިމް ރައީސް ސޯލިހުއާ ބައްދަލުކުރެއްވުމަށް ރައީސް އޮފީހަށް ވަޑައިގެންފިއެވެ.
މި ބައްދަލުކުރެއްވުމާ ގުޅޭ މައުލޫމާތު ރައީސް އޮފީހާއި، ގާސިމްގެ ފަރާތުން އާންމު ކޮށްފައި ނުވާއިރު، ރައީސް އޮފީހަށް ގާސިމް ވަޑައިގެންނެވީ ރައީސް ސޯލިހުއާ ބައްދަލުކުރެއްވުމަށް ކަން ތޭވީސްއަށް ވަނީ ކަށަވަރުވެފައެވެ.
ރައީސް ސޯލިހުއާ ބައްދަލުކުރެއްވުމަށް ގާސިމް ވަޑައިގެންފައި މިވަނީ ރިޔާސީ އިންތިހާބުގައި ވަކިން ވާދަކުރުމަށް ޖޭޕީގެ ކޮންގްރެސްއިން ލަފާ ދީފައިވާ ދަނޑިވަޅެއްގައެވެ. ނަމަވެސް ޖޭޕީގެ ކައުންސިލުން އެކަމާ ގުޅޭގޮތުން ވަކި ގޮތެއް ނުނިންމައެވެ.
ރައީސް ސޯލިހު ވަނީ ޖޭޕީއަށް އެމްޑީޕީއާއެކު ކޯލިޝަން ހެދުމުގެ ދައުވަތު ދެއްވާފައެވެ. ނަމަވެސް ސަރުކާރު ކޯލިޝަންގައި މިހާރުވެސް ހިމެނޭ ޖޭޕީން މިހާތަނަށް ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި ކޯލިޝަން ހެދުމާ ގުޅޭގޮތުން ގޮތެއް ނުނިންމައެވެ.