މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނުން ހއ.ދިއްދޫގައި އިމާރާތްކުރާ ޖޫނިއަރ ކޮލެޖާއި، ރ.އަލިފުށީގައި އިމާރާތްކުރާ ޓިވެޓް ސެންޓަރު ހިންގާނެ ފަރާތެއް ހޯދުމަށް "އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" (އީއޯއައި) ހުށަހެޅުމުގެ ދައުވަތު ހުޅުވާލައިފިއެވެ.
ހަޔަރ އެޑިއުކޭޝަނުން ބުނީ، ދިއްދޫ ޖޫނިއާ ކޮލެޖާއި، އަލިފުށީ ޓިވެޓް ސެންޓަރުގެކޮންސްޓަރަކްޝަން މަސައްކަތް ހަލުވި ކަމާއެކު ކުރިއަށްދާއިރު، މި ޕްރޮޖެކްޓްތަކުގެ ކޮންކްރީޓް މަސައްކަތްތަކުގެ 90 އިންސައްތަ މިހާރު ވަނީ ނިމިފައި ކަމަށެވެ.
މިގޮތުން މި އިންސްޓިޓިއުޓުތަކުގެ ކޮންސްޓްރަކްޝަން މަސައްކަތް ނިންމުމަށްފަހު އޮޕަރޭޓްކުރުމަށް ބިލްޑިންގް ހަވާލުކުރާއިރު، މިތަންތަނަށް ބޭނުންވާ ހުރިހާ ފަރުނީޗަރަކާއި، އިކުއިޕްމެންޓްތަކާއި، ފިޓިންގްސް ހޯދާ އިންސްޓޯލުކުރުމުގެ އިތުރުން ޕްރީ އޮޕަރޭޝަނަލް ސްޓޭޖުގައި ކުރަންޖެހޭ ހުރިހާ މަސައްކަތެއްވެސް ކުރާނީ އޮޕަރޭޓްކުރުމަށް ހަވާލުވާ ފަރާތުން ކަމަށް ހަޔަރ އެޑިއުކޭޝަނުން ބުނެއެވެ.
ހއ.ދިއްދޫ ޖޫނިއަރ ކޮލެޖް ޚާއްސަ ކޮށްފައިވަނީ ފުޑް ޕްރޮސެސިންގ ދާއިރާގެ އެކި ލެވެލްތަކުގެ ކޯސްތަށް ހިންގުމަށް ކަމަށާއި، އަލިފުށީ ޓިވެޓް ސެންޓަރު ޚާއްސަކުރެވިފައިވަނީ ބޯޓް ބިލްޑިންގް ދާއިރާގެ ކޯސްތައް ހިންގުމަށް ކަމަށް ހަޔަރ އެޑިއުކޭޝަނުން ބުނެއެވެ. އަދި އެ ކޯސްތަކުގެ އިތުރަށް ވޮކޭޝަނަލް ދާއިރާއާއި ގުޅުންހުރި ތަފާތު އެހެނިހެން ކޯސްތައް ވެސް މި އިންސްޓިޓިއުޓުތަކުގައި ހިންގުމަށް މަގުފަހިވާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.
ހޔަރ އެޑިއުކޭޝަނުން ބުނީ، މި އިންސްޓިޓިއުޓްތައް އޮޕްރޭޓްކުރުމަށް ޝައުގުވެރިކަން ފާޅުކުރުމަށް މިހާރު ހުޅުވާލެވިފައިވާ ރިކުއެސްޓް ފޯރ އެކްސްޕްރެޝަން އޮފް އިންޓަރެސްޓް އާ ގުޅޭ ޓެންޑަރ ޑޮކިޔުމެންޓްތައް މިނިސްޓްރީ އޮފް ފިނޭންސްގެ ވެބްސައިޓް www.finance.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެ ކަމަށާއި، އަދި މި ހުޅުވާލެވުނު ޓެންޑަރގެ ސުންގަޑިއަކީ 27 މާރޗް 2023 ވާ ހޯމަ ދުވަހުގެ 13:00 ކަމަށެވެ.