ކ. ގުޅީ ބިންހިއްކުމުގެ މަޝްރޫއު ޕްލޭނިންގ މިނިސްޓްރީން މިއަދު އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.
މިއަދު މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގް، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ގައި ބޭއްވި ރަސްމިއްޔާތުގައި މި އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަ ރ އަލްފާޟިލް އާދަމް އާޒިމްއެވެ. އަދި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް ފާތުމަތު ޝާނާ ފާރޫގެވެ.
އެމްޓީސީސީން ބުނީ، މި މަޝްރޫއު އެ ކުންފުންޏާ ހަވާލުކޮށްފައި ވަނީ 450 ދުވަހުން ނިންމަން 99.82 މިލިއަން ރުފިޔާއަށެވެ.
މި މަޝްރޫޢުގެ ދަށުން 15.10 ހެކްޓަރުގެ ބިންހިއްކުމާއި، 940 މީޓަރުގެ ހިލަ ރިވެޓްމެންޓްއެއް ޖެހުމާއި، 362 މީޓަރުގެ ޖިއޯބޭގް ރިވެޓްމެންޓްއެއް ޖެހުމާއި، 88 މީޓަރުގެ ގްރޮއިން ޖެހުމުގެ މަސައްކަތް ހިމެނޭ ކަމަށް އެމްޓީސީސީން ބުނެއެވެ. އަދި މި މަޝްރޫޢުގެ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ އެންވަޔަރަންމަންޓަލް އިމްޕެކްޓް އެސަސްމަންޓެއް ހެދުމަށް ފަހު ކަމަށްވެސް އެ ކުންފުނިން ބުނެއެވެ،
ޖުމްލަ 994 މީހުންގެ އާބާދީއެއް ދިރިއުޅޭ ކ. ގުޅިއަކީ ބިމުގެ ޖާގައިގެ ގޮތުން ކުޑަ ރަށެއްކަމުގައި ވީނަމަވެސް ރީތި ތުނޑިޔަކާއި ހިތްގައިމު މޫދެއް ލިބިފައިވާ ރަށަކަށްވާއިރު، އެ ރަށުގެ ރައްޔިތުން މައިގަނޑުގޮތެއްގައި އާމްދަނީ ހޯދަނީ ގެސްޓްހައުސް ވިޔަފާރި ކޮށްގެނާއި ކައިރީގައި އޮންނަ އެކިއެކި ރިސޯޓްތަކުގައި ވަޒީފާ އަދާކޮށްގެންނެވެ.
މީގެ އިތުރުން އޮޑިދޯނިފަހަރު މަރާމާތުކުރާ ޔާޑެއް މި ރަށުގައި އޮންނައިރު ކަންނެއްޔަށާއި ކަނޑުމަހުގެ މަސްވެރިކަން ކުރާ 5 އޮޑިފަހަރުވެސް މިރަށުގައި އޮވެއެވެ. އަތޮޅުގެ އެހެން ރަށްތަކޭ އެއްފަދައިން މި ރަށުގައިވެސް އަންނަނީ ފަތުރުވެރިކަން ފުޅާވަމުންނެވެ. އެގޮތުން މިހާރުވެސް ރަނގަޅު ފެންވަރުގައި ހިންގާ 12 ގެސްޓްހައުސްއެއް ރަށުގައި ހުރިއިރު، ގެސްޓް ހައުސްތަކުގައި ހުރި އެނދުގެ އަދަދު ޖުމްލަ 100 އަށް އަރައެވެ.
ގުޅީގެ ރައްޔިތުންނަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ބިމުގެ ދަތިކަމެވެ. 19.9 ހެކްޓަރުގެ މި ރަށް އެއްކޮށް ފުރިފައިވާއިރު އެންމެ ފަހުން ގޯތި ދޫކޮށްފައިވަނީވެސް 1996-1998 ދެމެދުގެ ހިސާބެއްގައި ކަމަށް ކައުންސިލުން މަޢުލޫމާތު ދެއެވެ. ހަމަގައިމުވެސް މި މަޝްރޫޢުގެ ސަބަބުން ކ. ގުޅީގެ ރައްޔިތުންގެ ޒަމާންވީ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ލިބި، އިޤްތިޞާދީ އަދި ސިނާޢީ އެކިއެކި މަސައްކަތް ކުރެވޭނެ ބިން ރަށަށް އިތުރުވެގެން ދާނެއެވެ.
މިއަދު ސޮއެކުރެވިގެން ދިޔަ ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ސަބަބުން ކ. ގުޅީގެ ރައްޔިތުންގެ އުންމީދުތަކުގައި ކުލަޖެހި، ގުޅީގެ ރައްޔިތުންނަށް ނުހަނު ބޮޑު އުފަލަކާއި ހިތްހަމަޖެހުމެއް ލިބިގެންދާނެކަމަށް އެމްޓީސީސީން ބުނެއެވެ.