ގދ. މަޑަވެއްޔާއި، ހޯނޑެއްދޫ ގުޅާލާ ކޯޒްވޭގެ ބްރިޖްތަކުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.
އެމްޓީސީސީން ކުރިޔަށް ގެންދާ މި މަޝްރޫއުގެ ދަށުން މިދިޔަ ބުދަ ދުވަހު ރަށްތަކުގެ ދެމެދު އަޅާ ބްރިޖްތަކުގެ އަމަލީ މަސައްކަތް ވަނީ ފަށާފައެވެ. އަދި އެންމެ ފުރަތަމަ ފަށާފައި ވަނީ ހޯނޑެއްދޫ އާއި ކަންނިގިއްލާއާ ދެމެދު އަޅާ ބްރިޖްގެ ފައުންޑޭޝަން މަސައްކަތެވެ.
މި ބްރިޖްތައް ހެވީ ވެހިކަލް ދުއްވޭ ފެންވަރަށް ތަރައްގީކުރާއިރު، ބްރިޖްގެ ތަނބުތައް ޖެހުމުގެ މަސައްކަތްވެސް މިހާރު ވަނީ ފަށާފައެވެ.
މި މަޝްރޫއުގެ ދަށުން 260 މީޓަރުގެ ސަރަޙައްދެއްގެ ގޮނޑުދޮށް ޙިމާޔަތްކޮށް، ބްރިޖުގެ 2544 ކިއުބިކް މީޓަރުގެ ސެގްމަންޓް ކޮންކްރީޓް މަސައްކަތްކުރުމުގެ އިތުރުން 4596 އަކަ މީޓަރުގެ ސަރަޙައްދުގައި ތާރު އަޅައި، 1378 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވިންގ ހެދުމުގެ މަސައްކަތް ކުރާނެއެވެ.
މީގެއިތުރުން ރެއިލިންގ އަދި މަގުބައްތި ހަރުކުރުމާއި، މަގުމަތީ ނިޝާން ހަރުކުރުންވެސް މަޝްރޫއުގެ ދަށުން ހިމެނެއެވެ. އަދި މަޝްރޫއަށް 84.17 މިލިއަން ރުފިޔާ ހަރަދުވާނެއެވެ.