މި ސަރުކާރުގެ "ގެދޮރުވެރިޔާ" ގެ ދަށުން ހިންގަމުން އަންނަ ބައެއް މަޝްރޫއުތަކުގައި މިހާރު ކުރިޔަށްދަނީ ފިނިޝިން މަސައްކަތްތައް ކަމަށް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މިނިސްޓަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
މިއަދު ރައްޔިތުންގެ މަޖިލީހުގައި މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރ އަސްލަމް ވިދާޅުވީ، ސަރުކާރުން ކުރިޔަށް ގެންދާ ބޯހިޔާވެހިކަމުގެ މަޝްރޫއުތަކުގެ ޕްރޮގްރެސްއާމެދު ހިތްހަމަ ޖެހޭ ކަމަށާއި، ބައެއް ފްލެޓްތަކުގައި މިހާރު ފިނިޝިންގ މަސައްކަތްވެސް ކުރަމުން އަންނަ ކަމަށެވެ.
"ފްލެޓްތައް ނިންމުމުގައި ރަނގަޅު މިންވަރަކަށް ޕްރޮގްރެސް އެބަހުރި. ބައެއް ފްލެޓްތަކުގައި ކޮންކްރީޓް މަސައްކަތް ނިމި، އިމާރާތްތަކުގެ ފިނިޝިން މަސައްކަތްވެސް ކުރިޔަށް އެބަދޭ" މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ.
މި ސަރުކާރުން އަޅަމުން އަންނަ 4،000 ހައުސިންގ ޔުނިޓް ބެހިފައިވަނީ ޖުމްލަ 32 ޓަވަރަކަށެވެ. މި މަޝްރޫޢުގެ ދަށުން ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ 2 ކޮޓަރީގެ 1200 ހައުސިންގ ޔުނިޓާއި، 3 ކޮޓަރީގެ 2800 ހައުސިންގ ޔުނިޓެވެ.