މާލޭ ވޭސްޓް ޓްރާންސްފަރ ސްޓޭޝަންގެ މަސައްކަތް އަންނަ ޖުލައި މަހުގެ ނިޔަލަށް ނިންމުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް މިނިސްޓަރ އޮފް އެންވަޔަރަމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އައިމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.
ވޭސްޓް ޓްރާންސްފާ ސްޓޭޝަންގެ މަސައްކަތް ކުރިޔަށް ގެންދާ ގޮތް ނޫސްވެރިންނަށް ދައްކާލުމަށްފަހު މިނިސްޓަރ ޝައުނާ ވިދާޅުވީ، މި މަޝްރޫއު ނިމުމާއެކު މާލޭގެ ކުނި މެނޭޖު ކުރުމަށް ބަދަލުތަކެއް ގެނެވި، ގިނަ ހައްލުތަކެއް ލިބިގެންދާނެ ކަމަށެވެ.
މި ފަހަރު ތަރައްޤީކުރާ ފެސިލިޓީގައި ކަމާއި ގުޅޭ އިދާރާތަކުގެ އޮފީސްތައް ޤާއިމުކޮށް އެކަށީގެންވާ ގޮތަކަށް މަސައްކަތް ކުރިޔަށް ގެންދެވޭނެ ރަނގަޅު ނިޒާމެއްގެ ތެރެއިން މޮނިޓަރކޮށް ބެލެހެއްޓޭނެ ކަމަށް ޝައުނާ ވަނީ ވިދާޅުވެފައެވެ.
މާލޭގައި ވޭސްޓް ޓްރާންސްފާރ ސްޓޭޝަންގެ މަސައްކަތް ކުރިޔަށް ގެންދަނީ އޭޝިއަންޑިވެލޮޕްމެންޓް ބޭންކް (އޭޑީބީ) އާއި ދިވެހި ސަރުކާރުން ހަރަދުކޮށްގެންނެވެ. އަދި މި ސްޓޭޝަނުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރު ފެބްރުއަރީ ގައެވެ.