މިއަދުވެސް ރެކޯޑް މިންވަރަކަށް ކަރަންޓް ބޭނުންކޮށްފި

326663_3_5b9ed0162d21d7e19f74f5ef1d75ceac4902a904_medium

މާލެ ސަރަހައްދުގެ އެވްރެޖް އެނާޖީ ކޮންސަމްޕްޝަން މިއަދު ރެކޯޑު މިންވަރަކަށް މަތިވެފައިވެފައިވާ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.

ސްޓެލްކޯއިން ބުނީ، މި ދުވަސްވަރަކީ ރާއްޖެއަށް މި އަހަރު ތެރޭގައި އެންމެ ހޫނުގަދަވާނެ ދުވަސްތައް ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފައިވާ ކަމަށާއި، މިއާއެކު މާލެ އާއި ހުޅުމާލެ ހިމެނޭހެން މާލެ ސަރަހައްދުގެ އެވްރެޖް ޕަވަރ ޔޫސޭޖް ނުވަތަ އެވްރެޖް އެނާޖީ ކޮންސަމްޕްޝަން ރެކޯޑު މިންވަރަކަށް އިތުރުވެފައިވާ ކަމަށެވެ.

މިއަދު މެންދުރު 14:10 ގައި ސްޓެލްކޯގެ ޕިކްލޯޑް 102 މެގަވޮޓަށްވުރެ މައްޗަށް އަރާފައިވާކަން ފާހަގަކޮށް ސްޓެލްކޯއިން ވަނީ ކަރަންޓް އިގްތިސޯދު ކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސްކޮށްފައެވެ.

މިހާތަނަށް މާލެ ސަރަހައްދުން އެންމެ ގިނައިން ކަރަންޓް ބޭނުން ކޮށްފައި ވަނީ މި މަހުގެ 11 ވަނަ ދުވަހުއެވެ. އެއީ 92.5 މެގަވޮޓްއެވެ. ސްޓެލްކޯގައި 120 މެގަވޮޓް ކަރަންޓް އުފެއްދުމުގެ ގާބިލްކަން ވަނީ ލިބިފައެވެ.

މީގެއިތުރުން ސްޓެލްކޯއިން ވަނީ އާންމު ގޭބީސީ ތަކާއި، ދައުލަތުގެ އިދާރާތަކާއި، ސަރުކާރުގެ ވުޒާރާތަކާއި، އޮފީސްތަކާއި، ސުކޫލުތަކުގެ އިތުރުން، ބޮޑެތި އަދި ކުދި ވިޔަފާރިތަކުންވެސް ކޮންމެހެން ބޭނުންވާ މިންވަރަށް ކަރަންޓު ބޭނުން ކުރުމަށް އިލްތިމާސް ކޮށްފައެވެ.

ދިރާސާތަކުން ދައްކާގޮތުން، އާންމު ގޭބީސީތަކުގެ ކަރަންޓު ބިލްގެ 40 އިންސައްތަ ހިއްސާ ކުރަނީ ފިނިކުރުމަށް ގެންގުޅޭ އެއާރކޮންޑިޝަން ފަދަ އާލާތްތަކުން ކަމަށްވާތީ، ހުރިހާ ފަރާތްތަކުންވެސް 25°C އަށްވުރެ ދަށް ނުވާނެހެން އެއާރކޮންޑިޝަން ބެހެއްޓުމަށް ސަމާލުކަން ދިނުމަށްވެސް ސްޓެލްކޯއިން ވަނީ އެދިފައެވެ.

މިއާއެކު ކޮންމެހެން ދިއްލަންޖެހޭ ދިއްލުންތަކާއި، ބޭނުން ކުރަންޖެހޭ ކަރަންޓު އާލާތްތައްފިޔަވާ އިތުރު އާލާތްތަށް މިދުވަސްވަރު ބޭނުން ނުކުރުމަށާއި، މިދުވަސްވަރު ޕީކް ހޭންޑްލް ކުރުމަށްޓަކައި، ހުރިހާ ފަރާތްތަކެއްގެވެސް އެއްބާރުލުމާއި، އެހީތެރިކަން މިކުންފުންޏަށް ބޭނުންވާ ކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *