ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްގީކޮށްފައިވާ ހިޔާ ފްލެޓްގެ ކުލި ސަރުކާރުން 5،300 ރުފިޔާއަށް ކުޑަކޮށްދީފިއެވެ.
ކުރިން ހިޔާ ފްލެޓަށް ކުލީގެ ގޮތުގައި މެއިންޓަނަންސް ފީއާއެކު މަހަކު 8،500 ރުފިޔާ ނަގަމުން އައި ނަމަވެސް، މި މަހުން ފެށިގެން ފްލެޓްތަކަށް ދައްކަން ޖެހޭނީ ކުއްޔަށްވާ 5،300 ރުފިޔާގެ އިތުރުން މެއިންޓަނަންސް ފީއަށްވާ 1،000 ރުފިޔާއާއެކު ޖުމްލަ 6،500 ރުފިޔާ ކަމަށް ސަރުކާރުން ވަނީ މިއަދު އިއުލާންކޮށްފައެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗާގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވީ، ހިޔާ ފްލެޓްގައި ދިރިއުޅޭ ފަރާތްތަކަށް ލުއި ފަސޭހަ ގޮތެއްގައި ކުލި ދެއްކުމަށް މަގުފަހި ކުރުމުގެ ގޮތުން ކުލި ދެއްކުމުގެ މުއްދަތު އިތުރުކުރީ ކަމަށެވެ.
މި ބަދަލާއެކު ހިޔާ ފްލެޓް މުޅި ލޯނުގެ މުއްދަތު 25 އަހަރުން 27 އަހަރަށް އިތުރުކޮށްފައިވާއިރު، އިތުރުވާ ދެ އަހަރު ލޯނަށް އިތުރު އިންޓްރެސްޓެއް ނުނެގުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.