މެރިޓް ސްކޮލަޝިޕްގެ ނަމުގައި އައު ސްކޮލާޝިޕް ސްކީމެއް މިއަހަރު ފެށުމަށް ޤަޞްދުކުރައްވާކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ރޭ ޢުމަރު ޒާހިރު އޮފީސް އިމާރާތުގައި ބޭއްވި ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ ސްކޮލާޝިޕާއި ހައި އެޗީވަރސް ސްކޮލާޝިޕް ޙަވާލުކުރުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައެވެ.
މަތީ ތަޢުލީމު ޙާޞިލުކުރުމަށް އިތުރު ފުރުޞަތުތައް ފަހިކޮށްދިނުމުގެ ގޮތުން ހުޅުވާލާ މެރިޓް ސްކޮލާޝިޕް ލިބޭނީ، ރައީސްގެ ޚާއްޞަ އެވޯޑާއި ހައި އެޗީވަރސް ސްކޮލަރޝިޕްގައި ނުހިމެނޭ ދަރިވަރުންނަށެވެ. އަދި މިއީ އެ ދަރިވަރަކު ޔުނިވަރސިޓީގައި ފުރިހަމަކުރަން ބޭނުންވާ ޕްރޮގްރާމްގައި ބައިވެރިވުމަށްޓަކައި ފާސްވާންޖެހޭ މާއްދާތަކުގެ ތެރެއިން މަދުވެގެން ތިން މާއްދާއަކުން، އޭ ސްޓަރ ހޯދާ ދަރިވަރުންނަށް ސަރުކާރުން ޚާއްޞަކުރާ ސްކޮލާޝިޕެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މި ސްކީމާ ގުޅޭ އިތުރު ތަފްޞީލުތައް، މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަންގެ ފަރާތުން ވަރަށް އަވަހަށް އިޢުލާން ކުރައްވާނެކަމުގައި ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ސްކޮލާޝިޕްތަކާއި ލޯން ސްކީމްތަކާއި، އެވޯޑްތަކުގެ ޙަޤީޤީ މަޤްޞަދަކީ ޒަމާނީ ތަޢުލީމުން ދަރިވަރުންގެ ސިކުނޑިތައް ތަރައްޤީކުރުން ކަމުގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި މަތީ ތަޢުލީމު ޙާޞިލުކުރުމަށް މީގެ ކުރިން ދުވަހަކުވެސް ފަހިވެފައި ނެތް މިންވަރަށް ފުރުޞަތުތަކާއި މިއިން ޒަމާނަކުވެސް، ބޭރު ޤައުމުތަކުން ސްކޮލަޝިޕް ނުލިބޭ މިންވަރަށް، އަދި ނުލިބޭ އެތައް ދާއިރާއަކުން، ސްކޮލާޝިޕްގެ ފުރުޞަތު މިހާރު ފަހިވެފައިވާކަން ފާހަގަކުރެއްވިއެވެ. އަދި މި ސަރުކާރުން ތަޢާރަފްކުރި ހިލޭ ޑިގްރީ ޕްރޮގްރާމާއެކު ފުދުންތެރިކަން ނެތް ޢާއިލާތަކުގެ ދަރިވަރުންނަށްވެސް، އިތުރަށް ކިޔެވުމަށް މީގެ ކުރިން ނެތް މިންވަރަށް ފުރުޞަތުތައް ފުޅާވެ އިތުރުވެފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މިދިޔަ ދިރާސީ އަހަރުގެ މަތީ ސާނަވީ އިމްތިޙާނުން އެއްވަނަ ދަރަޖައިގައި ފާސްވި 17 ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ ސްކޮލާޝިޕްގެ ލިއުން ރޭގެ ޖަލްސާގައި އެދަރިވަރުންނާ ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާއެވެ. އަދި ހައި އެޗީވަރސް ސްކޮލާޝިޕް ޙާޞިލްކުރި 18 ދަރިވަރަކަށް ލިއުން ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދެވެ.
މިދިޔަ ދިރާސީ އަހަރުގެ މަތީ ސާނަވީ އިމްތިޙާނުން އެންމެ މޮޅު ދަރިވަރުންގެ މަޤާމު ޙާޞިލުކޮށް، ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ ސްކޮލާޝިޕް 17 ދަރިވަރަކު އަދި، ހައި އެޗީވަރސް ސްކޮލާޝިޕް 138 ދަރިވަރަކު ޙާޞިލުކޮށްފައިވެއެވެ.