ހުޅުމާލެގައި ފުރަތަމަ ފަހަރަށް "މަގުހުރަސް ބައްތި" ނައިބްރައީސް ފައިސަލް ނަސީމް އިފްތިތާހްކޮށްދެއްވައިފިއެވެ.
މަގުހުރަސް ބައްތި ނުވަތަ ޕެޑެސްޓްރިއަން ކްރޮސިންގ ލައިޓްތަކަކީ ދުނިޔޭގެ ގިނަ ގައުމުތަކުގައި މިހާރުވެސް ބޭނުން ކުރެވެމުން އަންނަ ލައިޓްތަކެކެވެ. އަދި މި ލައިޓްތައް އާއްމުކޮށް ބަހައްޓަނީ ދުއްވާ އުޅަނދުތައް ހުއްޓުވައި، ހިނގާފައިދާ ގިނަ އަދަދެއްގެ މީހުންނަށް ރައްކާތެރިކަމާއެކު ހުރަސްކުރުމަށް ފަސޭހަކޮށްދިނުމަށެވެ.
އާބަންކޯއިން ބުނީ، މަގުހުރަސް ބައްތި ބެހެއްޓުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ، ހުޅުމާލޭގައި ދިރިއުޅުއްވާ ފަރާތްތަކާއި، އަދި އެކި ބޭނުންތަކަށް ހުޅުމާލެ ޒިޔާރަތް ކުރައްވާ ފަރާތްތަކަށް ރައްކާތެރި މާހައުލެއް ޤާއިމު ކޮށްދިނުން ކަމަށާއި، އަދި މީގެ ސަބަބުން މަގު ހުރަސް ކުރާ ފަރާތްތަކަށް ލުއި ފަސޭހަތަކެއް ވެގެންދާނެ ކަމަށެވެ.
މިގޮތުން މިފަހަރު 8 ސަރަހައްދެއްގައި މަގުހުރަސް ބައްތި ހަރު ކުރުމަށް ހަމަޖެހިފައިވާއިރު، އާއްމުން އެންމެ ގިނައިން ބޭނުން ކުރާ ކަފި ހުރަސްތައް އަދި މަގު ހުރަސް ކުރުމަށް ބޭނުންކުރާ ސަރަހައްދުތައް ދެނެގަނެ މި ތަންތަނަށް އިސްކަން ދެވޭނެ ކަމަށް އާބަންކޯއިން ބުނެއެވެ. ހުޅުމާލެ ހޮސްޕިޓަލް ކުރިމަތީގައި 1 ލައިޓް އަދި ހިޔާ ސަރަހައްދުގައި 1 ލައިޓް މިހާރު ބޭނުން ކުރެވިގެން ދާނެ ކަމަށްވެސް އެ ކުންފުނިން ބުނެއެވެ.
މީގެއިން ކޮންމެ ލައިޓެއްގައި ވެސް ހުންނަ ބަޓަން އަށް ފިތާލުމުން އަމަލުކުރަންވީ ގޮތުގެ އިންޑިކޭޝަން ފެނިގެންދާނެއެވެ. އެގޮތުން ރަތް ބޮކީގައި މަޑުކުރަން، އަދި ހިނގައިގަންނަންވީމައި އޭގެއިން ބުނެދޭނެ ކަމަށާއި، އެ ބަޓަން އަށް ފިތާލުމުން ކަނޑައެޅިފައިވާ ވަކި ވަގުތެއްގެ ތެރޭގައި ހުރަސްކުރަން އިންޑިކޭޓް ކުރާއިރު، ހުރަސްކުރުމަށް ވެސް ވަކި ވަގުތެއް ލިބިގެންދާނެ ކަމަށް އާބަންކޯއިން ބުނެއެވެ.
އާބަންކޯއިން ބުނީ، ހުޅުމާލެ ރައްކާތެރި މާހައުލަކަށް ހެދުމުގެ ގޮތުން، ވަކިން ޙާއްސަކޮށް މިހާރުވެސް މަގުމަތީގެ ރައްކާތެރިކަން އިތުރުކޮށް ގިނަ މަސައްކަތްތަކެއް ރޭވިގެން ކުރެވެމުންދާ ކަމަށާއި، އަދި ހުޅުމާލޭގައި ދިރި އުޅޭ އަދި އެކި ބޭނުންތަކަށް ހުޅުމާލެ ޒިޔާރަތް ކުރާ ފަރާތްތަކަށް ދުޅަހެޔޮ، ހިތްފަސޭހަ ވެއްޓެއް ޤާއިމުކޮށްދިނުމަށް އެ ކޯޕަރޭޝަނުން އަބަދުވެސް މަސައްކަތް ކުރަމުންދާނެ ކަމަށެވެ.