މާލެ ސަރަހައްދުގައި ޕިކްނިކް އައިލެންޑެއް ވަކިން ހިއްކާ، މަސައްކަތައް ފެށިތާ މިހާރު ކުޑަ ދުވަސްކޮޅެއް ވެފައިވާއިރު، ކުޑަގިރި އަކީ އާއްމުންގެ މެދުގައި މިހާރުވެސް ހަފުތާ ބަންދުތަކުގައި އާއިލާ އާއި ރަހުމަތްތެރިންނާއި އެކު އުފާވެރި ވަގުތުތަކެއް ހޭދަ ކުރުމަށް މަޤުބޫލު ރަށެކެވެ.
ގިނަ ވަސީލަތްތަކާއި ފަސޭހަތަކާއި އެކު ޕްލޭން ކުރެވި ތަރައްޤީ ކުރެވިފައިވާ ކުޑަގިރި ބަލަހައްޓަމުން ގެންދާ އާބަންކޯ އިން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ، ކުޑަގިރިން ލިބިދޭ ހިދުމަތްތައް އިތުރުކޮށް، ފެންވަރު އިތުރަށް ރަނގަޅު ކުރުމަށް ކަމަށް އާބަންކޯއިން ބުނެއެވެ. އަދި ދިވެހިންނަށް ހިލޭ ދަތުރު ދިއުމަށް ކަނޑައެޅިފައިވާ ކުޑަ ގިރި ޕްލޭން ކުރެވިފައި ވަނީ މާލެ ސަރަހައްދުގައި ދިރިއުޅޭ ބޭރު މީހުންނާއި ފަތުރުވެރިންނަށް ވެސް މި ރަށް ކުޑަ ފީ އެއް ދައްކައިގެން ބޭނުން ކުރެވޭގޮތަށް ކަމަށްވެސް އެ ކުންފުނިން ބުނެއެވެ.
ޒަމާނީ ވަސީލަތްކާއި، ދަތުރު ގޮސް ކުރާނެ ގިނަ ކަންތައްތަކެއް ކުޑަގިރީގައި މިހާރުވެސް ހުރެއެވެ. މިގޮތުން، ކެފޭ ރެސްޓޯރަންޓް، މޫދުގެ އެކި ކުޅިވަރުތަކާއި، ބީޗް ކުޅިވަރުތައް އަދި ޑައިވިންގ ސްކޫލް ފާހަގަކޮށްލެވެއެވެ.
މިފަދަ ހިދުމަތްތައް ކުޑަ ގިރީގައި ޤާއިމު ކުރުމުގެ އެއްމެ ބޮޑު ބޭނުމަކީ ދިވެހިންނަށާއި، ހަފުތާ ބަންދު ނޫން ދުވަސްތަކުގައި ރަށަށް ޒިޔާރަތް ކުރާ ފަތުރުވެރިންނަށް ވެސް ހެޔޮ އަގެއްގައި ރާއްޖޭގެ ހިތްފަސޭހަ ކަމާއި ގުދުރަތީ ރީތިކަން ފަސޭހައިން ތަޖުރިބާ ކޮށްލެއްވޭނެ ގޮތެއް ފަހި ކޮށްދިން ކަމަށް އާބަންކޯއިން ބުނެއެވެ.
"ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް ސަރުކާރުން ކުރަމުން ގެންދާ ގިނަ މަސައްކަތްތަކުގެ ތެރެއިން، ކުދި އަދި މެދު ފަންތީގެ ވިޔަ ފާރިތައް ނުވަތަ ގެސްޓް ހައުސްތައް އިތުރުވެފައިވާއިރު، މާލެ ސަރައްދުގެ ގިނަ ރަށްތަކެއްގައި މިހާރު ގެސްޓް ހައުސްތައް އެކި ފެންވަރުގައި ދަނީ ހިންގަމުން. ކުޑަގިރި ވެފައި ވަނީ ގިނަ ވަސީލަތްތަކާއި އެކު މި ވިޔަފާރިތަކަށް ބޮޑު އެހީ އަކަށް. އަދި މިހާރުވެސް މާލެ ސަރަހައްދުގެ ގިނަ ގެސްޓް ހައުސްތަކުން ފަތުރުވެރިން ކުޑަގިރިއަށް ޑޭ ޓްރިޕް ގެންދޭ" އާބަންކޯއިން ބުނެއެވެ.
އާބަންކޯއިން ބުނީ، މިކަމުގެ ސަބަބުން މިފަދަ ގެސްޓް ހައުސްތަކުން ހިދުމަތް ދިނުމަށް ބޭނުންވާ ގިނަ ވަސީލަތްތަކެއް ހެޔޮ އަގެއްގައި އެއްތަނަކުން ލިބިގެން ދާއިރު، ފަތުރުވެރިންނަށް ވެސް އައު މާހައުލެއްގައި ގިނަ ހަރަކާތްތަކެއްގައި ބައިވެރި ވުމުގެ ފުރުސަތު ލިބިގެންދާ ކަމަށާއި، އަދި ގަވައިދުން ހުޅުމާލެއިން ކުޑަގިރިއަށް ކޮންމެ ދުވަހަކުވެސް ކަނޑައެޅިފައިވާ ގަޑިތަކުގައި ފެރީ ދަތުރު މިހާރު ދަނީ ކުރަމުން ކަމަށެވެ.
އެހެންކަމުން، ކުޑަގިރިއަށް ދިއުމަށާއި ވަސީލަތްތައް ބޭނުން ކުރުމަށް ގިނަ ފަސޭހަތަކެއް ގެސްޓް ހައުސް ވިޔަފާރިތައް ހިންގާ ފަރާތްތަކަށް ލިބިގެންދާނެ ކަމަށާއި، އާބަންކޯގެ އަމާޒަކީ ކުޑަގިރިން އާއްމުންނަށް ދެމުންގެދާ ހިދުމަތްތައް އަދިވެސް އިތުރުކޮށް ފަތުރުވެރިކަމުގެ ސިނާޔަތް ކުރިއެރުވުމަށް މިފަދަ ގެސްޓް ހައުސް ވިޔަފާރިތަކަށް ވެސް ގިނަ ލުއިތަކެއް ހޯދައިދިނުން ކަމަށް އެ ކުންފުނިން ބުނެއެވެ.