އައްޑޫ ސިޓީއަށް ލިބެމުން އަންނަ ކުރިއެރުމާ ތަރައްގީއަކީ ރައްޔިތުން މި ސަރުކާރަށް ކުރި އިތުބާރުގެ ސަބަބުން ލިބެމުން އަންނަ ކުރިއެރުންތައްކަމުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
އައްޑޫ ސިޓީގެ ރައްޔިތުންނާއެކު ރޭ ބޭއްވެވި ރޭގަނޑުގެ ފަރިއްކޮޅުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހުގެ ވާހަކަފުޅުގައި ވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދޭ އެލަވަންސްއަށް ހެޔޮބަދަލެއް ގެނައުމަށް ކުރަންޖެހޭ ކަންކަންނިންމައި ވަރަށް އަވަހަށް ސަރުކާރުން އެބަދަލުތައް އިޢުލާނުކުރާނެ ކަންވެސް ހާމަކުރައްވާފައެވެ.
މީގެ އިތުރުން އެމަނިކުފާނު ވަނީ ކުރިޔަށް އޮތްތަނުގައި ޕޭ ހާމަނައިޒޭޝަންގެ ދަށުން ހުރިހާ ދާއިރާއެއްގެ މުސާރަތަކަށް ގެންނަންޖެހޭ ހެޔޮބަދަލުތައް ގެންނަވާނެކަން ވެސް ފާހަގަކުރައްވާފައެވެ. އަދި ކޮވިޑްގެ ބަލިމަޑުކަން ކުރިމަތި ނުވިނަމަ މިހާތަނަށް އައިއިރު އެމަސައްކަތް އޮންނާނީ ނިމިފައިކަން އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
ރައީސް ސޯލިހުގެ ވާހަކަފުޅުގައި އައްޑޫ ސިޓީގެ ތަރައްޤީއަށް މިހާރު ކުރިޔަށްއެދަނީ އައްޑޫ ސިޓީގެ ރައްޔިތުން ބޭނުންވާކަންކަމުގެ ގޮތުގައި މީގެ ކުރިން އެމަނިކުފާނަށް ހުށަހަޅާފައިވާކަންތައްކަން ފާހަގަކުރެއްވިއެވެ. އަދި އެމަނިކުފާނު ވަނީ ރާއްޖޭގެ ރަށްރަށުގެ އަސާސީ ޚިދުމަތްތައް ޤާއިމުކުރުމަށް މީގެ ކުރިން އެއްވެސް އިރަކު ނުހިންގާހާ ބޮޑެތި ގިނަ މަޝްރޫޢުތަކެއް މި ދައުރުގެ ތެރޭގައި ހިންގާފައިވާކަން ފާހަގަކުރައްވާފައެވެ.
އެގޮތުން މިހުރިހާ މަސައްކަތެއް ނިމޭއިރު އަސާސީ ޚިދުމަތްތައް ޤާއިމުކުރުމުގެ ގޮތުން ކުރަންޖެހޭނެ މަދުކަމެއް ފިޔަވައި ދެން ނުހުންނާނެކަމުގައި ރައީސް ސޯލިހު ވިދާޅުވިއެވެ.
ރައީސް ސޯލިހުގެ ވާހަކަފުޅުގައި އެމަނިކުފާނުގެ ސަރުކާރުގެ މި ދައުރުގައި އެންމެ އިސްކަމެއްދީނީ ޤައުމުގައި ހަމަޖެހެން ޤާއިމުކުރުމަށްކަން ފާހަގަކުރައްވައި، ކުރިޔަށް އޮތްތަނުގައިވެސް އެންމެ އިސްކަމެއް ދެއްވާނީ އެކަމަށް ކަމުގައި ވިދާޅުވިއެވެ. އަދި އިޖުތިމާޢީ މައްސަލަތައް ޙައްލުކުރުމަށާއި ދެ ޖިންސްގެ ހަމަހަމަކަން ޤާއިމުކުރުމަށް މިހާރަށްވުރެ ބޮޑަށް ކުރިޔަށް އޮތް ތަނުގައި އިސްކަން ދެއްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.