ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުން އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވަކިކުރަން މަޖިލީހަށް ހުށަހަޅަން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ނިންމައިފިއެވެ.
އެމްޑީޕީ ޕާލަމަންޓްރީ ގްރޫޕުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވީ، ޕީޖީ ގްރޫޕްގެ ބައްދަލުވުމެއްގައި މަޖިލީހުގެ ރައީސް ކަމުން ނަޝީދު ވަކިކުރުމުގެ މައްސަލަ މަޖިލީހަށް ހުށަހަޅަން ނިންމާފައިވާ ކަމަށެވެ.
މި ބައްދަލުވުމުގެ ތަފްސީލް ހިއްސާކުރައްވަމުން އަސްލަމް ވިދާޅުވީ، ބައްދަލުވުމުގައި ބައިވެރިވި 42 މެމްބަރުންގެ ތެރެއިން ނަޝީދު ވަކިކުރުމަށް 36 މެމްބަރުން ވޯޓު ދެއްވާފައިވާ ކަމަށާއި، މިގޮތުން ރައީސްކަމުން ނަޝީދު ވަކިކުރުމަށް ސޮއި ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
މީގެއިތުރުން މައްސަލަ މަޖިލީހަށް ވައްދާނީ މެޖޯރިޓީ ސޮޔާއެކު ކަމަށާއި، އަދި 50 މެމްބަރުންނަށްވުރެ ގިނަ މެމްބަރުންގެ ސޮއި ހޯއްދެވުމަށް މަސައްކަތް ކުރައްވާނެ ކަމަށްވެސް އަސްލަމް ވަނީ ވިދާޅުވެފައެވެ.
މަޖިލީހުގެ ރައީސް ކަމުން ނަޝީދު ވަކި ކުރުމަށް މަޖިލީހަށް ހުށަހަޅަން ބޭނުންވާނީ މަޖިލީހުގައި ތިއްބަވާ 87 މެމްބަރުންގެ ތެރެއިން 22 ސޮޔެވެ. އަދި އިތުބާރު ނެތްކަމުގެ މައްސަލަ ފާސް ކުރުމަށް އެ ދުވަހު ޖަލްސާއަށް ހާޒިރުވާ މެމްބަރުންގެ ދެބައިކުޅަ އެއްބައި ވޯޓުން ފާސްވާނެއެވެ.