ސްކޫލް ދަރިވަރުންނަށް ނަފްސާނީ ފުރަތަމަ އެހީ ފޯރުކޮށްދިނުމަށް ގާއިމްކުރި ހެލްޕްލައިން 1484 ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު އިފްތިތާހްކޮށް ދެއްވައިފިއެވެ.
މެޑަމް ފަޒްނާ މިއަދު އިފްތިތާހްކޮށްދެއްވި މި ހެލްޕްލައިން 1484 ޤާއިމްކޮށްފައިވަނީ، މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން އިސްނަގައިގެން، ޔުނިސެފާއި، ޑަބްލިޔު.އެޗް.އޯ ގެ އެހީތެރިކަމާއި އެކުގައެވެ.
މި ހެލްޕްލައިންގައި މަސައްކަތްކުރައްވާ ކައުސިލަރުން ތަމްރީން ކުރުމާއި ހެލްޕްލައިން ޚިިދުމަތް ފޯރުކޮށްދޭނެ އުޞޫލުތައް އެކުލަވާލުމުގައި ދިވެހި ރެޑްކްރެސެންޓުން ވަނީ ފަންނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.
ދަރިވަރުންނަށް ނަފްސާނީ ފުރަތަމަ އެހީ ފޯރުކޮށް ދިނުމަށް ޤާއިމްކުރި މިހެލްޕްލައިން 1484 ގެ ޚިދުމަތް ހުކުރު ދުވަސްފިޔަވައި ކޮންމެ ދުވަހަކު މެންދުރުފަހު 3:00 އިން ރޭގަނޑު 9:00 އަށް ލިބޭނެ ކަމަށެވެ.
މި ހެލްޕްލައިންގެ ހިދުމަތް ފެށުމަށް ހަމަޖެހިފައިވަނީ މި ހިނގާ ޖޫންމަހުގެ 18ވަނަ ދުވަހުންފެށިގެންނެވެ. އަދި މިއީ ރާއްޖޭގެ ސްކޫލް މަދަރުސާތަކުގެ ދަރިވަރުންނަށް ނަފްސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ގާއިމްކުރެވުނު މިފަދަ ފުރަތަމަ ހެލްޕްލައިނެވެ.
ސްކޫލް މަދަރުސާތަކުގެ ދަރިވަރުންނަށް މި ހެލްޕްލައިން މެދުވެރިކޮށް ނަފްސާނީ ފުރަތަމަ އެހީ ފޯރުކޮށްދެއްވުމުގެ މަސައްކަތް ކުރައްވާނީ އެކަމަށްޓަކައި ޚާއްޞަކޮށް ތަމްރީން ދެެއްވާފައިވާ ސްކޫލްތަކުގައި މިހާރު ތިއްްބެވި ކައުންސިލަރުންނެވެ. މި ހެލްޕްލައިނުން ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި ތިބި ސްކޫލް މަދަރުސާތަކުގެ ދަރިވަރުންނަށް ޚިދުމަތް ހޯދޭނެއެވެ.