ސެރުނާއީ ހަލާލް އީކޮމާސްގެ އެކްސްޕާޓުންނާ އިސްލާމިކް މިނިސްޓަރ ބައްދަލުކުރައްވައިފި

Fyk-iEeaQAAGI3U

މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީ، މެލޭޝިއާގެ ސެރުނާއީ ޙަލާލް އީކޮމާސްގެ އެކްސްޕާޓުންގެ ޓީމާ ބައްދަލުކުރައްވައިފިއެވެ.

ސެރުނާއީ ޙަލާލް އީކޮމާސް އަކީ ޑިޖިޓަލް ޙަލާލް އެޝުއަރެންސް ސިސްޓަމެއް މެދުވެރިކޮށް، އެފަރާތްތަކަށް ޙަލާލް އިންޑަސްޓްރީ ކުރިއެރުވުމަށާއި އެކަމަށްބޭނުންވާ ފަންނީ އެހީފޯރުކޮށްދިނުމުގައި މަސައްކަތްކުރާ ބައެކެވެ.

މިކަމާގުޅޭ މައުލޫމާތު ހިއްސާކުރެއްވުމަށާއި ހޭލުންތެރިކުރުވުމުގެ ވޯކްޝޮޕްތައް ކުރިއަށްގެންދިޔުމަށް މިހާރު ރާއްޖޭގައި ހަރަކާތްތެރިވަމުންދާ އެކްސްޕާޓުން ރާއްޖޭގައި ޙަލާލް ސެޓްފިކެޓްގެ ޚިދުމަތްދިނުމަށް ވަމުންދާ ތައްޔާރީތަކަށް ފަންނީ ގޮތުން އެހީތެރިވެދޭނެއެވެ.

މި ޓީމާއި ބައްދަލުކުރައްވައި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ދެއްކެވި ވާހަކަފުޅުގައި ރާއްޖެއަށް ޒިޔާރަތްކޮށް، އެޓީމުން ކުރައްވަމުންގެންދަވާ މަސައްކަތްތައް ފާހަގަކުރައްވައި، އެކަމަށްޓަކައި ޝުކުރު އަދާކުރެއްވިއެވެ.

ރާއްޖެއަކީ ގިނަ އަދަދެއްގެ ތަކެތި އިމްޕޯޓްކުރާ ޤައުމަކަށްވާއިރު ޙަލާލް ސެޓްފިކެޓް ލިބިފައިވާ ޤައުމުތަކާއި ތަކެތި، އެނގުމުގެ މުހިންމުކަން ފާހަގަކުރައްވައި މިނިސްޓަރ ވިދާޅުވީ ރާއްޖެއަކީ އިސްލާމީ ޤައުމަކަށްވާއިރު ރާއްޖެއަށް އިމްޕޯޓްކުރާ އަދި ރާއްޖެއިން އެހެން ޤައުމުތަކަށް އެކްސްޕޯޓްކުރާ ތަކެއްޗަކީ ޙަލާލް ސެޓްފިކެޓް ލިބިފައިވާ ތަކެއްޗަށްވުމަށް ބޭނުންވާކަމަށެވެ.

މި ޓީމުން މިނިސްޓަރާ ބައްދަލުކޮށް ދެއްކިވާހަކައިގައި ރާއްޖެއިން އެޓީމަށް ދެމުންދާ އެއްބާރުލުން ފާހަގަކޮށް ޝުކުރުއަދާކޮށްފައެވެ. އަދި ކުރިއަށް އޮތްތަނުގައިވެސް ރާއްޖޭގެ އެކިއެކި މުއައްސަސާތަކާއިއެކު މަސައްކަތްކުރުމުގެ ޝައުޤުވެރިކަން އެ ޓީމުންވަނީ ފާހަގަކޮށްފައެވެ.

މި ޓީމުން ރާއްޖޭގެ ކަމާގުޅުންހުރި މުއައްސަސާތަކާ ބައްދަލުކޮށް، މިކަމަށްބޭނުންވާ މަޢުލޫމާތު ވަނީ ޙިއްސާކޮށްފައެވެ. އަދި ކުރިއަށް އޮތްތަނުގައިވެސް ފަންނީ ގޮތުން އެކިއެކި އެހީތެރިކަން ފޯރުކޮށްދޭނެއެވެ.

ސެރުނާއީ ޙަލާލް އީކޮމާސްއިން މި މަސައްކަތް ކުރަނީ އިސްލާމިކް ޑިވޮލަޕްމެންޓް ބޭންކްގެ އެހީތެރިކަމާއެކުގައެވެ.

Leave a Reply

Your email address will not be published. Required fields are marked *