ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ހުއްޓި މަސައްކަތްތެރިންގެ ހައްގުތަކާއި ގުޅުންހުރި ގާނޫނުތައް ފާސްކުރުން ލަސްވާތީ މޯލްޑިވްސް ޓްރޭޑް ޔޫނިއަން ކޮންގްރެސް (އެމްޓީޠޫސީ) އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
ޓްރޭޑް ޔޫނިއަން އިން ނެރުނު ބަޔާނެއްގައި ބުނީ، މިހާރު ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ އިންޑަސްޓްރިއަލް ރިލޭޝަންސް ބިލް އެޖެންޑާ ނުކުރެވި ބަހުސް ނުކުރެވި، ފާސް ނުކުރެވި، އެފަދަ ގާނޫނަކުން މަސައްކަތްތެރިންނާއި ވަޒީފާދޭ ފަރާތްތަކުގެ ހައްގުތަކަށް ގާނޫނީ ރައްކާތެރިކަން ލިބުން އިތުރަށް ލަސްވެގެންދިޔުމަކީ ނުހަނު ކަންބޮޑުވާ ކަމެއް ކަމަށެވެ.
މިއާއެކު 2022 ވަނަ އަހަރު ހުށަހެޅި މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ރައްކާތެރިކަމުގެ ބިލް، ކޮމިޓީތައް ހުއްޓުވާފައިވާތީ ކޮމިޓީ މަރުހަލާ ނުނިމި ދިގުލައިގެން ގޮސް ފާސްވުން ލަސްވުމަކީ އެތައް މަސައްކަތްތެރިންނަކަށް ލިބެންވާ ސިއްހީ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުވުން އިތުރަށް ލަސްވެގެންދާނެ ކަމެއް ކަމަށްވެސް ޓްރޭޑް ޔޫނިއަނުން ބުނެއެވެ.
ދައުލަތުގެ އެއްބާރުގެ މަސައްކަތް ވަކި ބައެއްގެ ސިޔާސީ މަސްލަހަތު ހިމާޔަތް ކުރުމަށް ހުއްޓުވައި އެންމެހައި މަސައްކަތްތެރިންގެ ހައްގުތަކާއި ގުޅިފައިވާ މުހިންމު ގާނޫނުތައް ފާސްކުރުން ލަސްވާ ފަދަ އަމަލުތަކުން ދުރުވެ، ތަހްޒީބް މުޖުތަމައުތަކުގައި ކަން ކުރާ ގޮތްތައް ދަސްކޮށް މަޝްވަރާގެ ރިވެތި އުސޫލް އިސްކޮށް މަޖިލީހުގެ ހަގީގީ މަސައްކަތްތައް ކުރިޔަށް ގެންގޮސް މަސައްކަތްތެރިންގެ މުހިންމު ގާނޫނުތައް ވަގުތުން ވަގުތަށް ފާސް ކުރުމަށް ޓްރޭޑް ޔޫނިއަނުން ވަނީ ގޮވައިލާފައެވެ.