ހުޅުމާލޭގެ ރައްޔިޔުންގެ ދިރިއުޅުން ހިތްފަސޭހަކުރުމަށް އިންގިލާބީ ބަދަލެއް ގެނައުމަށް އާބަންކޯއިން ކުރާ ބިޔަ ދަތުރުގައި މުހިއްމު ދައުރެއް އަދާކުރާ އެއް ބްރޭންޑަކީ ސްމާޓްކޮމް އެވެ. ސްމާރޓް ސިޓީއެއްގެ ހުވަފެން ހަގީގަތަކަށް ހެދުމަށްޓަކައި އަސާސީ ހިދުމަތްތައް ހަރުދަނާ ކުރުމަށް ކުރެވިފައިވާ މަސައްކަތްތަކުގެ ތެރެއިން މިފަހަރު މިފާހަގަކޮށްލަނީ މުޅި ހުޅުމާލެ ކަވަރުކުރާގޮތައް ގާއިމު ކުރެވިފައިވާ ވަޔަލެސް އައިއޯޓީ ސެންސަރ ނެޓްވޯކްގެ ވާހަކައެވެ.
އައިއޯޓީ ސެންސަރ ނެޓްވާކެއް މުހިއްމުވަނީ ކީއްވެ؟
ދާދިފަހުން ހުޅުމާލޭ ހިޔާ ފްލެޓް ތަކުގައި ހިނގައިދިޔަ އަލިފާނުގެ ހާދިސާތަކަށް ބަލައިލަމާ ތޯއެވެ. މިފަދަ ހާދިސާތައް ދެނެގަނެ ކޮންޓްރޯލް ކުރުމަށް ކަމާބެހޭ އިދާރާއަށް ދިމާވާނެ އެންމެ ބޮޑު އެއް ގޮންޖެހުމަކީ އެކަށީގެންވާ އަވަސްމިނެއްގައި އިތުބާރު ހިފޭގޮތަކަށް އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭކަން ކަށަވަރުކޮށް ވީހާވެސް އަހަށް އެކަމަށް އިޖާބަދިނުމެވެ. މިކަމުގައި އާއްމު ފަރާތްތަކުން ރިޕޯޓުކުރަންވާއިރަށް އަލިފާނުގެ ހާދިސާއެއް އެސްކަލޭޓު ވެގެން ދާން އެލިބޭ ވަގުތު އެއީ ވަރަށް މުޙިއްމު ވަގުތު ކޮޅެކެވެ.
އަލިފާނުގެ ޙާދިސާތައް ދެނެގަތުމަށް ބޭނުން ކުރާ އެލާމްސިސްޓަމްތައް ގިނަފަހަރަށް ބެލެހެއްޓުންވެސް ވެފައިވަނީ ތަކުލީފު ބޮޑު މަސައްކަތަކަށެވެ. ދެން އޮތީ ޓެކްނޮލޮޖީގެ ބޭނުން ކޮށްގެން އިންޓަނެޓަށް ބަރޯސާވާ ސެންސަރ އެއް ހަރުކުރުމުން އިންޓަނެޓް ނުހުންނަ ވަގުތަކުގައި އޭގެ އިތުބާރު ހިފޭނެ މިންވަރާ ގުޅޭ ސުވާލެވެ. މިފަދަ ކަންކަމަށް ހައްލެއް ހޯދައިދެނީ އެކަމަށް ޚާއްޞަކޮށް ޤާއިމުކުރެވޭ ނެޓްވޯކަކުންނެވެ. މިގޮތުން މިހާރު ހުޅުމާލޭގައި ސްމާރޓްކޮމް އިން ޤާއިމުކޮށްފައިވާ ވަޔަލެސް ސެންސަރ ނެޓްވޯކަކީ މިފަދަ ސެންސަރތަކަށް ޚާއްޞަ ނެޓްވޯކެކެވެ. އަލިފާނުގެ ޙާދިޘާތައް ދެނެގަތުމުގައި ކަމާބެހޭފަރާތްތަކަށް އިތުރު ފަސޭހަކަމާއި އަވަސްކަމެއް މިފަދަ ނިޒާމެއްގެ ތެރެއިން ފަހިކުރެވިދާނެއެވެ.
އައިއޯޓީ ސެންސަރ ނެޓްވާކެއް ގާއިމުކުރުމުން ހުޅުވިގެންދާ ދޮރުތައް
މިފަދަ ނެޓްވޯކެއް ޤާއިމުކުރުމުގެ ސަބަބުން އީޖާދީ ވިސްނުންތަކާއި އިތުރު ސްމާޓް ޓެކްނޮލޮޖީތަކަށް މަގުފަހިވެގެން ދެއެވެ. ކޮލެޖެއް ނުވަތަ ޔުނިވާސިޓީގެ ދިރާސާތަކަށް މިނެޓްވޯކް ބޭނުން ކުރެވިދާނެއެވެ. އަދި ހަމައެހެންމެ، ސިޓީއަކަށް ދިމާވާ އެންމެ ބޮޑެތި ގޮންޖެހުންތައް ހައްލުކުރުމަށް އެކި ދާއިރާތަކުން ސްމާޓް ސޮލިއުޝަންތައް ތަޢާރަފްކުރުމަށް މިފަދަ ނެޓްވޯކެއް ބޭނުން ކުރެވިދާނެއެވެ. ގަސްހެއްދުމާއި ގަސްތަކަށް ފެންޖެހުމަށް ކުރާ މަސައްކަތްތައް ސްމާޓް އިރިގޭޝަންގެ އެހީގައި ލުއި ކުރެވިދާނެއެވެ. މަގުމަތީގެ ތޮއްޖެހުމާއި ޓްރެފިކް މައްސަލަތައް ދެނެގަތުމަށް ސްމާޓް ޓްރެފިކް މޮނިޓަރިން ބޭނުން ކުރެވިދާނެއެވެ. އެއްގަމު އުޅަނދުފަހަރު ޓްރެކްކޮށް ބެލެހެއްޓުމާއި ވެއާހައުސް މެނޭޖުކުރުމަށް ސްމާޓް އެސެޓް މޮނިޓަރިން ބޭނުން ކުރެވިދާނެއެވެ. ކޮންސްޓްރަކްޝަން މަސައްކަތްކުރާ މަސައްކަތްތެރިންގެ ރައްކާތެރިކަން ދެނެގަތުމަށް ސްމާޓް ސޭފްޓީ ބޭނުން ކުރެވިދާނެއެވެ. މީގެ އެހީގައި ރައްކާތެރިކަމުގެ ހެލްމެޓް ނުވަތަ ވަޞީލަތްތައް ބޭނުން ނުކުރާ މަސައްކަތްތެރިން ދެނެގަނެ ޒިންމާދާރުކުރުވިދާނެއެވެ. ރަށުތެރޭގެ ކުނިބުނި މެނޭޖުކުރުމާއި އަޑުގަދަވުމާއި މިބާވަތުގެ އެތައް މައްސަލަތަކެއް ހައްލުކުރުމަށް ބޭނުންކުރަންޖެހޭ އެތަކެއް ސަތޭކަ ސެންސާތަކެއް ވަރަށް ފަސޭހަކަމާއެކު މިފަދަ ނެޓްވޯކަކާއި ގުޅާލެވިދާނެއެވެ.
މިހާރު ކުރިއަށްދާ ޕްރޮޖެކްޓްތައް
ހުޅުމާލޭގައި ދިމާވާ އެންމެ ބޮޑު އެއްމައްސަލަ އަކީ އާއްމު ސަރަޙައްދުތަކަށް ކުނިއެޅުމުގެ މައްސަލައެވެ. ހާއްސަކޮށް މޫދުކައިރި އާއި އަތިރިމަތީގައި ކޮތަޅާއި، ފުޅި ދަޅު އަދި ނެޕީ ފަދަ ކުނި އުކާލާފައި ހުންނަ ހުރުމަކީ ލަދުވެތި ކަމެކެވެ. ހުޅުމާލޭ އޮޕަރޭޝަންސް ސްޓާފުން ފާހަގަ ކުރައްވާގޮތުގައި ބަރާބަރަށް ޑަސްބިންތައް ބޭނުން ނުކުރުމާއި އަދި ފުރޭ ޑަސްބިންތައް ދެނެގަނެ ވީހާވެސް އަވަހަށް އެޑަސްބިންތައް ހުސްކުރުން ވެފައިވަނީ ވަރަށް ބޮޑު ގޮންޖެހުމަކަށެވެ. މިކަމަށް ހައްލެއް ހޯދައި ދިނުމުގެ ގޮތުން ސްމާޓްކޮމް އިން ވަނީ ޑަސްބިންތައް "ސްމާޓް" ކުރަން ފަށާފައެވެ. ނަތީޖާއެއްގެ ގޮތުން ކަމާގުޅޭ މުވައްޒަފުންނަށް މި ޑަސްބިންތައް ބޭނުންކުރާގޮތުގެ ތަފާސްހިސާބު ބަލާލެވެއެވެ. އެންމެގިނައިން ފުރޭ ބިންތަކާއި ފުރޭ ދުވަސްތަކާއި ފުރޭ ވަގުތުތައް ފަސޭހަކަމާއެކު ދެނެގަނެވެއެވެ. މިއީ ތިމާވެއްޓާ ރައްޓެހި ހިތްފަސޭހަ ތަނަކަށް ހުޅުމާލެ ހެދުމަށް ކުރެވޭ މަސައްކަތްތަކަށް އިތުރު ފަސޭހަކަމެއް ލިބިގެންދާ ކަމެއް ކަމަށް އާބަންކޯއިން ބުނެއެވެ.
ލޯރާވޭން – ސްމާރޓްސިޓީތަކަށް އެންމެ އެކަށޭނަ ވަޔަލެސް ނެޓްވާރކް
ސްމާޓްކޮމްއިން ގާއިމުކޮށްފައި މިވަނީ ލޯރާވޭން އައިއޯޓީ ސެންސަރ ނެޓްވޯކެކެވެ. މިއީ މިއަދު ކުރިއަރާފައިވާ ގައުމުތަކުގައި ގާއިމުކުރަމުންދާ އެންމެ ފުރިހަމަ އައިއޯޓީ ނެޓްވާކްގެ ބާވަތެކެވެ. މިނެޓްވޯކުގެ ޚާއްޞަކަމަކީ، ކަވަރޭޖު ބޮޑުވެފައި، ޑޭޓާ ބޭނުންކުރާ ވަރު މަދުވެފައި ޑިވައިސްތަކުގެ ބެޓެރީގެ އުމުރު ދިގުވުމެވެ. ޢާއްމުގޮތެއްގައި މިފަދަ ސެންސައެއްގެ ބެޓެރީގެ ޢުމުރަކީ 5 އަހަރާއި 7 އަހަރާއި ދެމެދެވެ. މިއީ ޑިވައިސްތައް ބެލެހެއްޓުމަށް ކުރަންޖެހޭ މަސައްކަތްތަކަށް ލިބޭ ވަރަށް ބޮޑު ފަސޭހަކަމެކެވެ.
ކުރިމަގަށް ކުރާ އުއްމީދު
ސްމާރޓްކޮމް ގެ އުއްމީދަކީ ރައްޔިތުންނަށް ފަސޭހަވާފަދަ ސްމާޓް ހިދުމަތްތައް ތައާރަފުކުރުން ކަމަށާއި، ރައްޔިތުންނާއި އެންމެ ގުޅުންހުރި ބޮޑެތި މައްސަލަތައް ހައްލުކުރުމަށް އިންފްރާސްޓަރަކްޗަރ ހުޅުވާލައި، ސްމާޓް ސޮލިއުޝަންތަކެއް ފޯރުކޮށްދިނުމަށް މަގުފަހިކޮށްދިނުން ކަމަށް އާބަންކޯއިން ބުނެއެވެ. އަދި އެންމެންގެ ބައިވެރިވުމާއެކު މިއީ ކުރެވިދާނެ ކަމެއް ކަމަށްވެސް އެ ކޯޕަރޭޝަނުން ބުނެއެވެ.