ފައިދާ ހޯދުމަށްވުރެ ބޮޑަށް އިސްކަންދެނީ ހިދުމަތްތައް ދިނުމަށް: ސްޓެލްކޯގެ އެމްޑީ

303858_717c3a49-f-scaled

ފައިދާ ހޯދުމަށްވުރެ ބޮޑަށް ސްޓެލްކޯއިން އަބަދުވެސް އިސްކަން ދެމުން ދާނީ ރައްޔިތުންނަށް އިހުލާސްތެރި ރަނގަޅު ހިދުމަތެއް ކޮށްދިނުމަށް ކަމަށް އެ ކުންފުނީގެ އެމްޑީ އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ސްޓެލްކޯގެ އަހަރީ ދުވަހުގެ ޖަލްސާގައި ވާހަކަދައްކަވަމުން އެމްޑީ ޝަރީފް ވަނީ ކަސްޓަމަރުން ބޭނުން ނުކުރާ ކަރަންޓަކަށް ބިލެއް ނުކުރާނެ ވާހަކަ ތަކުރާރު ކުރައްވައި، އެކަން މިހާތަނަށްވެސް އަދި ކުރިމަގުގައިވެސް ނުކުރާނެ ކަމަށް ވިދާޅުވެފައެވެ.

ނަމަވެސް ބޭނުން ނުކުރާ ކަރަންޓަށް ބިލުކޮށްފައިވާ ކަމަށް ބުނެ ސްޓެލްކޯއާއި ކުންފުނީގެ މުވައްޒަފުންނަށް ކުރެވޭ ތުހުމަތުތަކަށް ހައްލު ހޯދުމަށް ވަރަށް އަވަހަށް ގޭގޭގައި ސްމާޓް މީޓަރު ހަރުކުރުމުގެ މަސައްކަތް ފަށާނެ ކަމަށާއި، އެ ވަސީލަތް ބޭނުންކޮށްގެން ކަސްޓަމަރުންނަށް ދުވާލެއްގެ މައްޗަށް ކަރަންޓް ބޭނުންކުރާ މިންވަރު ދެނެގަނެވޭނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.

މީގެއިތުރުން ސްމާޓް މީޓަރުން ކަރަންޓް އެވްރެޖުކޮށް ބޭނުންކުރާ މިންވަރު މަތިވެއްޖެ ނަމަ މެސެޖެއްގެ ޒަރިއްޔާއިން ކަސްޓަމަރުގެ ސަމާލު ކަމަށް ގެނެވޭނެ ވަސީލަތެއް ގާއިމުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ޝަރީފް ވަނީ ވިދާޅުވެފައެވެ.

ހަމައެކަނި ކަރަންޓު ފޯރުކޮށް ދިނުމަށް އުފެއްދި ސްޓެލްކޯ އިން މިއަދު ކަރަންޓުގެ ހިދުމަތުގެ އިތުރުން، ފެނުގެ ހިދުމަތާއި ނަރުދަމާގެ ހިދުމަތް ފޯރުކޮށް ދެމުން އަންނަކަން ފާހަގަކުރައްވާ ޝަރީފް ވިދާޅުވީ، ފެނާއި ނަރުދަމާގެ ހިދުމަތްދޭ އެހެން ކުންފުނިތަކާއި އެއްވަރުގެ ހުނަރުވެރި ގާބިލް މުވައްޒަފުންތަކެއް މިވަގުތު ސްޓެލްކޯގައި އުފެއްދިފައިވާ ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *