ވަކި ފަރުދަކަށްވުރެ އެމްޑީޕީ އާއި ގައުމު މާ ބޮޑު ކަމަށާއި، އެ ފަލްސަފާ ޕާޓީގައި އަށަގަތުމަކީ އެމްޑީޕީއަށް ލިބުނު ބޮޑު ކާމިޔާބީއެއް ކަމަށް އެ ޕާޓީގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ 18 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ދެއްވި ވީޑިއޯ ހިތޯބެއްގައ ވިދާޅުވީ، އެމްޑީޕީއަށް ލިބިފައި އޮތް ކާމިޔާބީއަށް ވާސިލުވެފައި މިވަނީ ފަސޭހަ ދަތުރަކުން ނޫން ކަމަށައި، އެތެރޭގެ ގޮންޖެހުންތަކުން ކުރިމަތިވި ތަކުލީފުތަކަކީ ސިޔާސީ ޕާޓީއަކުން ތަހަންމަލުކުރާނެ އެންމެ އުނދަގޫ މަރުހަލާ ކަމަށެވެ.
ނަމަވެސް ކެތްތެރިކަމާއެކު ޕާޓީގެ މަސްލަހަތު ހިފަހައްޓައި އެމްޑީޕީގެ އަސާސް ކަމަށްވާ ޑިމޮކްރަސީގެ ހަމަތައް އެންމެ ކުރިޔަށް ނެރުނު ކަމަށާއި، ހިތި ހަގީގަތްތަކާއެކު ހިތުގެ އެއް ފަޅީގައި އެ ހިތާމަ ބަނދެގެން އެމްޑީޕީ ބަރުދާސްތުކުރި ކުރިކުރުން ފައްޔާޒް ވަނީ ހިތޯބުގައި ފާހަގަކުރައްވާފައެވެ.
"އެއީވެސް ލިބުނު ފުން ތަޖުރިބާއެއް. މި ތަޖުރިބާއިން ލިބުނު ފިލާވަޅަކީ ކުރިޔަށް އޮތް ތަނުގެ ކާމިޔާބީއަށް ހުޅުވާލެވުނު އާ ދޮރެއް. އެއްވެސް ވަކި ފަރުދަކަށްވުރެ އެމްޑީޕީ އަދި މި ގައުމު މި ޕާޓީގެ މެމްބަރުންނަށް މާ ބޮޑު. އެ ފަލްސަފާ ޕާޓީގައި އަށަގަތުމަކީ ޕާޓީއަށް ލިބުނު ބޮޑު ކާމިޔާބީއެއް" ފައްޔާޒްގެ ހިތޯބުގައި ވިދާޅުވިއެވެ.
އެމްޑީޕީގެ މެމްބަރުން ހަތް އަހަރު ހުއްޓުމެއްނެތި މަގުތައްމަތީ ގަނަތެޅިގެން ރާއްޖެ ސަލާމަތުގެ އައްސޭރިއަށް ގެންދިޔަކަން ފާހަގަކުރައްވާ ފައްޔާޒް ވިދާޅުވީ، އެމްޑީޕީގެ ވެރިކަމުގައި ފާއިތުވެދިޔަ ފަސް އަހަރު އެމްޑީޕީއަށް އަދި ރާއްޖޭގެ ރައްޔިތުންނަށް ހަމަނޭވާއެއް ލެވުނު ކަމަށާއި، އަދި ސިޔާސީ ހަލަބޮލިކަމާއި ދެބަސްވުމާއި ޒުވާބަކީ މުޅި އުމުރު އުފުލޭނެ ބުރައެއް ނޫން ކަމަށެވެ.
"އަމިއްލަ ދިރިއުޅުމައިގެން ކުރިޔަށް ދިޔުމުގެ އިހުސާސް މުޅި ރާއްޖޭގައި މިއަދު އެބަ ހިނގާ. އެތައް އަހަރަކުން ނުވެ ދިގުލި ކިތަންމެ ކަމެއްގެ ހައްލު އެމްޑީޕީން އުފެއްދި މި ވެރިކަމުން ރައްޔިތުންނަށް ލިބެން ފަށައިފި. އަސާސީ ހިދުމަތްތަކާއި އިގްތިސާދީ ފުރުސަތު ހުޅުވިގެންދާ ކިތަންމެ މަޝްރޫއެއް މި ފަސް އަހަރު ގެނެވިއްޖެ. މިއީ އެމްޑީޕީ މެމްބަރުން ކުރި މަސައްކަތް" އެމްޑީޕީގެ ޗެއާޕާސަން ދެއްވި ހިތާބުގައި ވިދާޅުވިއެވެ.