ޑިމޮކްރަޓްސްއާ ޕީޕީއެމްގެ ގުޅުން – ނުފަށަނީސް ނިމޭނެކަމުގެ ކޮޅުމަތި!

IMG_0582

މިވަގުތު ދިވެހިރާއްޖޭގައި އޮތް އެންމެ ބޮޑު އިދިކޮޅު ޕާޓީ ޕީޕީއެމް-ޕީއެންސީ އާއި އަލަށް އުފެއްދުމަށް މަސައްކަތް ކުރަމުންދާ ދަ ޑިމޮކްރެޓްސް އިން އިއްތިހާދުވެ އެކުގައި ސިޔާސީ މަސައްކަތް ފެށީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަން ނިމުމަކަށް ގެނައުމަށްޓަކައެވެ. ރިޔާސީ އިންތިހާބަށް ދެ މަސް ދުވަހަށް ވެފައިވާއިރު، މި ދެ ޕާޓީއިން މިހާރު ވަނީ ރަސްމީ މަޝްވަރާ ބައްދަލުވުންތައްވެސް ބާއްވަން ފަށާފައެވެ. ޕާޓީތަކުން އަތުގުޅާލައިގެން ތިބީ ރައީސް ސޯލިހުގެ ވެރިކަން ނިމުމަކަށް ގެނައުމަށް ކުރަން ޖެހުނު ކޮންމެ ކަމެއް ކުރުމަށެވެ.

އެހެންނަމަވެސް، އެކުގައި މަސައްކަތް ކުރައްވާނީ ދެ ޕާޓީން އެއްބަސްވެވޭ ކަންކަމުގައި ކަމަށް ކުރިންވެސް އަޑުހަރުކޮށް ދެ ޕާޓީގެ ފަރާތުންވެސް ވަނީ ބުނެފައެވެ. ކޮންމެ ސައްލާއަކަށްފަހު ނޫސްވެރިންނާއި ބައްދަލުކޮށް، ދައްކަވަނީވެސް އެ ވާހަކައެވެ. ދާން ބޭނުންވަނީ އެއް އަމާޒަކަށް ކަމަށެވެ. އެހެނަސް، ދާން ބޭނުންވާ މަންޒިލަށް ވާސިލްވާނީ ކޮން މަގަކުންތޯ އޭރުވެސް، އަދި މިހާރުވެސް އެއްބަސްވެވިފައިވާކަމަށް ގަބޫލުކުރަން ދައްޗެވެ. ފެންނަ ފެނުމަށް، އަސްލު ހަގީގީ މަސައްކަތް ނުފެށެނީވެސް އެހެންވެއެވެ. އެއްބަސްވެވޭ ކަންކަމަށްވުރެ އެއްބަސްނުވެވޭ ކަންކަން ގިނައީއެވެ.

ރިޔާސީ ޓިކެޓާއި މެދު ދެބަސްވުން

ރައީސް ސޯލިހުގެ ވެރިކަން ނިމުމަކަށް ގެނެވޭނެ ހަމައެކަނި ދިމަގްރާތީ ގޮތަކީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުން އެމަނިކުފާނު ބަލިކުރުމެވެ. އެކަން ކުރުމަށް ރިޔާސީ ކެނޑިޑޭޓެއް ކޮންމެހެންވެސް ބޭނުންވެއެވެ. ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ޓިކެޓު 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ރައީސް ޔާމީނަށް އަރުވާފައިވާއިރު، ދަ ޑިމޮކްރަޓުންގެ ފަރާތުންވެސް ރިޔާސީ ކެނޑިޑޭޓަކު ނެރޭނެކަން އެ ޕާޓީއިން އަންނަނީ ފެށުނީއްސުރެ ބުނަމުންނެވެ. އެ ކެނޑިޑޭޓަށް ވުން ގާތީ ރައީސް މުހައްމަދު ނަޝީދެވެ. މި ދެ ކެނޑިޑޭޓުންނަކީވެސް އިއްތިހާދުގެ ދެން އޮތް ބައިވެރިޔާ ހިތް ރުހޭ ކެނޑިޑޭޓަކަށް ނުވެއެވެ.

ފުރަތަމަ މަޝްވަރާ ބައްދުލުވުމަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ރައީސް ޔާމީންއަށް އިންތިހާބުގައި ވާދަކުރެވެން ޖެހޭ ކަމަށް ގަބޫލުކުރައްވަންތޯ ނޫސްވެރިން ތަކުރާރުކޮށް އެއްސެވުމުންވެސް، އެ ސުވާލަށް ދަ ޑިމޮކްރަޓުންގެ ފަރާތުން އަލީ އާޒިމް ސީދާ ޖަވާބެއް ނުދެއްވައެވެ. ރައީސް ޔާމީން މިނިވަންކުރުމާއި ދެކޮޅަށް ކުރިން އެތައް ވާހަކައެއް ދައްކާފައިވާ އާޒިމްއަށްވެސް ޑިމޮކްރަޓުންގެ ވިސްނުން އެނގިވަޑައިގަންނަވައެވެ. ހިޔާނާތުގެ ކުށް ސާބިތުވެފައިވާ ރައީސް ޔާމީން މިނިވަންކުރުމާއި އެ ބޭފުޅުން ދެކޮޅެވެ.

ދެންއޮތީ ގުޅިގެން ކެނޑިޑޭޓަކު ނެރުމުގެ ވިސްނުމެވެ. އެ ސުވާލުތަކަށް ޖަވާބު ދެއްވަމުން އާޒިމް އެދުވަހު ވިދާޅުވީ، "އަޅުގަނޑުމެން މި ސަރުކާރު ބަލިކުރަން، ނިންމަން ކުރަންޖެހޭ ހުރިހާ ކަމެއް އަޅުގަނޑުމެންގެ ފަރާތުން ކުރާނަން" ކަމަށެވެ. އެދުވަހު އެކަމާއި ގުޅިގެން ވަކިއެއްޗެއް ޝިޔާމް ވިދާޅު ނުވި ނަމަވެސް، ރައީސް ނަޝީދު ހިންގަވާ "އޯޝަން ވީކްލީ" ނޫހުގައި، "ނަޝީދެއްވެސް ނޫން! ޔާމިނެއްވެސް ނޫން! ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓެއް.." ނަމުގައި ޝާއިއުކުރި ލިޔުމާއި ގުޅިގެން އެ ވާހަކަތަކަށް ރައްދު ދެއްވަން ޝިޔާމަށްވެސް މަޖުބޫރުވީއެވެ. ވިދާޅުވީ އެއީ ހުވަފެނީ ވާހަކައެއް ކަމަށެވެ. ޕީޕީއެމްގެ ކެނޑިޑޭޓަކީ ރައީސް ޔާމީންކަމަށް ބުނެ، އެ ވާހަކަ ނިންމާލެއްވިއެވެ.

އިންޑިއާ އައުޓް ކެމްޕޭން – އެއްގަލަކަށް ނޭރޭ

ދެން އޮތީ ޕީޕީއެމް-ޕީއެންސީއާ ގުޅިގެން ދަ ޑިމޮކްރަޓުން މަގުމަތީ ހަރަކާތަށް ނިކުތުމުގެ ވާހަކައެވެ. ދެ ޕާޓީ ގުޅިގެން އާންމުކޮށް މަސައްކަތް ކުރުމަށްޓަކައި، މަގުމަތީ ބައްދަލުވުންތައްވެސް ގުޅިގެން ބާއްވާނެކަމަށް އޮތީ ބުނެފައެވެ. އެހެންނަމަވެސް، ޕީޕީއެމް-ޕީއެންސީ އިން ހިންގާ އެންމެ ބޮޑު މަގުމަތީ ހަރަކާތް، "އިންޑިއާ އައުޓް" ކެމްޕޭނަށް ދަ ޑިމޮކްރަޓުންގެ ތާއީދު ނުލިބޭނޭކަން ހަމަ ޔަގީނެވެ.

"އިންޑިއާ އައުޓް ހަރަކާތް ފަދަ އެއްވެސް ހަރަކާތެއްގައި ޑިމޮކްރެެޓްސް ބައިވެރިވާތަން ފެނިގެން ހިނގައިދާނެތޯ؟" ނޫސްވެރިއަކު އެއްސެވި ސުވާލަށް ޖަވާބު ދެއްވަމުން، "ސަރުކާރު ބަދަލުކުރަން ކުރަން ޖެހުނު ހުރިހާ ކަމެއް އަޅުގަނޑުމެން ކުރާނެ ހަމަ އެކުއެކީގައި. އެހެންވީމާ ކޮންމެ ކަމެއް ވެސް އެއީ ހަމަ ޕޮސިބަލް ކަންކަން" ކަމަށް އާޒިމް އޭރު ވިދާޅުވިއެވެ. އެހެންނަމަވެސް، އެއީ ދަ ޑިމޮކްރަޓުންގެ ލީޑަރު ރައީސް ނަޝީދުގެ ތާއީދު ލިބޭނެ ކަމެއް ނޫނެވެ. އާޒިމްގެ އެ ވާހަކަތައް ފަހުން ބަދަލުކުރަން ޖެހުނީވެސް އެހެންވެއެވެ.

"އިންޑިއާ އައުޓް" ކެމްޕޭނަކީ އެއްވެސްގޮތަކަށް ބަލައިގަނެވޭނެ ކެމްޕޭނެއް ނޫންކަމަށާއި، އެއީ ހިޔާލުފާޅުކުރުމުގެ މިނިވަންކަން ނޫންކަމަށްބުނެ ޕީޕީއެމް-ޕީއެންސީގެ ކެމްޕޭނަށް އާޒިމްވަނީ ޓްވިޓާގައި ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. ދަ ޑިމޮކްރަޓުންގެ ތާއީދު ނުލިބުނަސް، "އިންޑިއާ އައުޓް" ކެމްޕޭން ޕީޕީއެމް-ޕީއެންސީ އަށް ހުއްޓާލެވޭކަށެއް ނެތެވެ. އެއީ ރައީސް ޔާމީން ނުރުހޭނޭކަމެކެވެ. އަދި، އެއީ ރިޔާސީ އިންތިހާބަށް ރައްޔިތުން ތައްޔާރުކުރުމަށާއި، އިންތިހާބުގައި ވޯޓު ހޯދުމަށްވެސް އެ ބޭފުޅުންނަށް އިންތިހާއަށް މުހިންމު ކެމްޕޭނެކެވެ. ފަހަރުގައި "އިންޑިއާ އައުޓް" ކެމްޕޭން ހުއްޓާލުމުން، އެއީ ހަލަބޮލި ކުރުމަށް ބޭނުންކުރި އުކުޅެއްކަން ފަޅާއެރުމުގެ ޖާގަވެސް އޮތަތީއެވެ.

އިއްތިހާދަށް ޕީޕީއެމް އެތެރޭގެ ނުރުހުން

މުހިންމު ބައެއް ކަންކަމުގައި އެއްގަލަކަށް އަރަން ދަތިވެފައިވާއިރު، ޕީޕީއެމް-ޕީއެންސީގެ ގްރާސްރޫޓުންވެސް މި އިއްތިހާދަށް އެއްބަސްވެދާނެކަމަށް ގަބޫލުކުރަން ދައްޗެވެ. ޝިޔާމް މަޝްވަރާތަކުގައި ބައިވެރިވެވަޑައިގަންނަވަނީ މިހާރު ޖަލުގައި ހުންނެވި ކުރީގެ ރައީސް ޔާމީން އަންގަވައިގެން ކަމަށް އަޑު ފެތުރިފައިވީ ނަމަވެސް ކޯލިޝަންގެ ލީޑަޝިޕާއި ސެނެޓަށް ވެސް އެކަން ނޭނގޭކަމަށް އެ ބޭފުޅުން އަންނަނީ ބުނަމުންނެވެ. ސެނެޓު ވަޓްސްއަޕް ގްރޫޕްގެ ބައެއް މެސެޖުތައް ލީކުވެފައިވާއިރު، އެ ބޭފުޅުންގެ ނުރުހުން އިންތިހާއަށް އެ މެސެޖުތަކުން ފެނެއެވެ.

"ޕާޓީގެ ސެނެޓުން ޕާޓީގެ ލީޑާޝިޕަށް އިހްތިޔާރުތަކެއް ދިން ކަމުގައިވިޔަސް، ޕާޓީގެ ސެނެޓް އެއީ ނެތް އެއްޗެއް ކަމުގައި ހަދައިގެން ނުވާނެ. ލީޑާޝިޕްގެ ނިންމުންތަކުގެ މައުލޫމާތު ޕާޓީގެ ސެނެޓަށް އަރުވާން ވާނެ ކަމަށް ދެކެން،" ސެނެޓް މެންބަރެއް ކަމަށްވާ އަދި ރައީސް ޔާމީން ސަރުކާރުގައި ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ކުރެއްވި އަހްމަދު ސިއްދީގު ލިޔުއްވާފައިވެއެވެ. ސިއްދީގު އެ ވިދާޅުވަނީ ޕާޓީގެ މަސްލަހަތަށްޓަކައި މުހިންމު ކަމެކެވެ. ޕާޓީގެ ބާރުތައް ފެށެނީ ގްރާސްރޫޓުންނެވެ. ޕާޓީގެ މެންބަރުންގެ ބަހެއް ނުހޯދައި، އެ މެންބަރުންގެ ވިސްނުމާއި ދެކޮޅަށް، ދަ ޑިމޮކްރަޓުންނާއި އިއްތިހާދުވުމަކީ މެންބަރުންނަށް ހިޔާނާތްތެރިވުމެވެ. ސެނެޓްގެ އެއްވެސް ބައްދަލުވުމެއް ނުބާއްވާ މައުލޫމާތު ވެސް ހިއްސާ ނުކޮށް ކުރިއަށް ދާނަމަ ގެއްލޭނީ އާންމު މެންބަރުންގެ ތާއީދެވެ.

އެކުގައި މަސައްކަތް ކުރެވޭނީ އެއްކަހަލަ ވިސްނުމުގެ މީހުންނަށެވެ. އެއީ ދުނިޔެ ދައްކާ ހަގީގަތެވެ. ދެ ވިސްނުމެއްގެ ދެ ބަޔަކު އެއް ކުރަން އުޅުނަސް އެއީ ވުމަށްވުރެ ނުވުން ގާތްކަމެކެވެ. ފެންނަމުން މިދަނީ އެ މަންޒަރުތަކެވެ. ޑިމޮކްރަޓްސްއާ ޕީޕީއެމްގެ ގުޅުން ނުފެށެނީސް ނިމެން އުޅޭ ކަމުގެ ކޮޅުމައްޗެވެ.

Leave a Reply

Your email address will not be published. Required fields are marked *