މުވައްޒަފުންގެ ތައުލީމާއި ތަމްރީނުގެ ފުރުސަތުތައް ހޯދައިދިނުމުގެ ގޮތުން މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމްޕީއެލް) އިން މެލޭޝިއާގެ "ނެދަލޭންޑްސް މެރިޓައިމް ޔުނިވަރސިޓީ ކޮލޭޖް" (އެން.އެމް.ޔޫ.ސީ)އާއެކު އެމްއޯޔޫއެއްގައި މިއަދު ސޮއިކޮށްފިއެވެ.
އެމްޕީއެލްގެ ހެޑް އޮފީހުގައި މިއަދު އޮތް ރަސްމިއްޔާތެއްގައި އެމްޕީއެލްގެ ފަރާތުން އެމްއޯޔޫގައި ސޮއިކުރެއްވީ ސީއީއޯ ޝާހިދު ޢަލީއެވެ. އަދި އެންއެމްޔޫސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ޔުނިވަރސިޓީގެ އެގްޒެކުޓިވް ޗެއާމަން ޑަޓޯ ކެޕްޓަން ރަޒާލީ ޔާކޮބްއެވެ.
މި އެމްއޯޔޫގެ ދަށުން ޕޯޓާ ގުޅުންހުރި އެކި ދާއިރާތަކުން އެމް.ޕީ.އެލްގެ މުވައްޒަފުންނަށް ފައުންޑޭޝަން އިން ފެށިގެން، މާސްޓާސް ޑިގްރީއާ ހަމައަށް ކިޔެވުމުގެ ފުރަސަތު ލިބޭނެ ކަމަށާއި، މީގެ އިތުރުން ކުރު މުއްދަތުގެ ތަމްރީނު ޕްރޮގްރާމްތަކުގައި ވެސް ބައިވެރިވުމުގެ ފުރުސަތު އެމް.ޕީ.އެލްގެ މުވައްޒަފުންނަށް ލިބިގެންދާނެ ކަަމށް އެމްޕީއެލް އިން ބުނެއެވެ. އަދި ދެ ފަރާތުން ލިބިގެން، މީހުން ބިނާކުރުމާއި ތަޢުލީމާއި ތަމްރީނު ދިނުމުގެ ދާއިރާތަކުން ކޮންސަލްޓަންސީގެ ބައެއް މަސައްކަތްތައް ވެސް ކުރިއަށް ގެންދާނެ ކަމަށްވެސް އެ ކުންފުނިން ބުނެއެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމް.ޕީ.އެލްގެ ސީއީއޯ ޝާހިދު ވިދާޅުވީ، މި އެމްއޯޔޫ އަކީ މެރިޓައިމް ޕޯޓުގެ ދާއިރާ އިން މީހުން ބިނާކުރުމަށް އެމްޕީއެލް އިން ކުރަމުންދާ މަސައްކަތަށް ލިބުނު އިތުރު ކުރިއެރުމެއް ކަމަށެވެ.
"ޕޯޓުގެ އެކި ދާއިރާތަކުން މަތީ ތަޢުލީމް ހާސިލްކުރުމުގެ ފުރުސަތު މި ކުންފުނީގެ ހަ މުވައްޒަފަކަށް ކޮންމެ އަހަރުވެސް ލިބިގެންދާނެ. މީގެ އިތުރުން ކުރު މުއްދަތުގެ ތަމްރީނުތައް ވެސް މުވައްޒަފުންނަށް ފޯރުކޮށްދޭނެ. މީހުން ބިނާކުރުމާއި މުވައްޒަފުންނަށް މަސައްކަތުގެ ދާއިރާގެ ތަމްރީނާއި ތަޢުލީމުގެ ފުރުސަތުތައް ފޯރުކޮށްދިނުމަށް އަޅުގަނޑުމެން ކުރަމުންދާ މަސައްކަތަށް ލިބުނު އިތުރު ކުރިއެރުމެއް މިއީ،" ޝާހިދު ވިދާޅުވިއެވެ.
އެންއެމްޔޫސީގެ ޗެއަރމަން ޑަޓޯ ކެޕްޓަން ރަޒާލީ ވިދާޅުވީ މިއަދަކީ "ބަދަހި ގުޅުމެއްގެ ފެށުން" ކަމަށާއި މި އެމް.އޯ.ޔޫގެ ދަށުން އެމް.ޕީ.އެލްގެ މުވައްޒަފުންނަށް ތަޢުލީމުގެ އިތުރުން، މަސައްކަތާ ގުޅޭ އަމަލީ ތަޖުރިބާ ވެސް ލިބިގެންދާނެ ކަމަށެވެ.
"މެލޭޝިއާގައި އެބަހުރި ވަރަށް ފެންވަރު ރަނގަޅު ޕޯޓުތައް. ޕޯޓްގެ ދާއިރާގައި އަޅުގަނޑުމެންނަށް ލިބިފައިވާ އަމަލީ ތަޖުރިބާގެ އިތުރުން، ޔުނިވަރސިޓީ އިން ތަޢުލީމް ހާސިލްކުރާ ފަރާތްތަކަށް މަސައްކަތުގެ އަމަލީ ތަޖުރިބާތައް ލިބޭނެ. އަޅުގަނޑުމެންގެ އަމާޒަކީ ދެ ފަރާތުން ގުޅިގެން، ދެ ފަރާތަށްވެސް ފައިދާކުރާނެ މަސައްކަތްތަކެއްކުރުން،" ޑަޓޯ ކެޕްޓަން ރަޒާލީ ވިދާޅުވިއެވެ.
ނެދަލޭންޑްސް މެރިޓައިމް ޔުނިވަރސިޓީ ކޮލޭޖް (އެންއެމްޔޫސީ) އަކީ މެރިޓައިމްގެ އެކި ދާއިރާތަކުގެ ތަޢުލީމާއި ތަމްރީނު އަދި ކޮންސަލްޓަންސީ ފޯރުކޮށްދޭ މެލޭޝިއާގެ ޔުނިވަރސިޓީއެކެވެ. މި ޔުނިވަރސިޓީގެ މައި ކެމްޕަސް ހުންނަނީ މެލޭޝިއާގެ ޖޮހޯރުގައެވެ.