ށ.ކޮމަންޑޫއަށް ބިން އިތުރުކޮށް އެއާޕޯޓެއްގެ އިތުރުން 300 ހައުސިންގ ޔުނިޓް އަޅައިދިނުމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވައުދުވެވަޑައިގެންފިއެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕޭން ރަސްމީކޮށް ރައީސް ސޯލިހު ފައްޓަވާފައި ވަނީ ށ.އަތޮޅުން ކަމަށްވާއިރު، ރައީސް އެންމެ ފުރަތަމަ މިއަދު ވަޑައިގެންފައި ވަނީ ށ.ކޮމަންޑޫއަށެވެ.
ކޮމަންޑޫ ރައްޔިތުންނާ ބައްދަލު ކުރައްވައި ރައީސް ސޯލިހު ވިދާޅުވީ، ކޮމަންޑޫއަކީ މިހާރު ދެ ބަޔަކަށް ބެހިފައިވާ ރަށެއް ކަމަށާއި، ނަމަވެސް ކުރިޔަށް އޮތް ދުވަސްތަކުގައި ކޮމަންޑޫވެގެންދާނީ އެއް ކޮމަންޑޫއަކަށް ކަމަށެވެ.
ކޮމަންޑޫ ރައްޔިތުން އެދޭ ގޮތަށް ކުޑަފަރުގައި ކުރިޔަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި އެއާޕޯޓެއް އަޅާނެކަން ވައުދުވެވަޑައިގެން ރައީސް ސޯލިހު ވިދާޅުވީ، ދެކޮމަންޑޫ ގޫޅާލުމުގެ މަސައްކަތް އަންނަ އޯގަސްޓް މަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށެވެ. އަދި ކޮމަންޑޫގައި 300 ހައުސިންގ ޔުނިޓްގެ އިތުރުން ކޮމަންޑޫ ސިއްހީ މަރުކަޒު 30 އެނދުގެ ހޮސްޕިޓަލަކަށް ބަދަލުކުރާނެ ކަމަށްވެސް ރައީސް ވަނީ ވައުދުވެވަޑައިގެންފައެވެ.
"އަލަށް ގެންނަ ޑްރެޖަރު މާދަން އިހަވަންދޫއަށް ވަންނާނެ. އިހަވަންދޫގައި 7 ދުވަސް ތެރޭގައި މަސައްކަތް ނިންމައި ޑްރެޖަރު އަންނާނީ ކޮމަންޑޫއަށް. މި މަހުގެ ފަހު 10 ގައި ދާނެ. ހިއްކަން ޖެހޭ ބިން އަޅުގަނޑުމެން ހިއްކާނަން. ކޮމަންޑޫއަށް ބިން ބޭނުންވޭ. މަތި ކޮމަންޑޫގައި 300 ހައުސިންގ ޔުނިޓް ކުރިޔަށް އޮތް 5 އަހަރު ދުވަހުގެ ތެރޭގައި އަޅުގަނޑުމެން އަޅައިދޭނަން އަދި އެއާޕޯޓް ރައްޔިތުން އެދޭ ގޮތަށް ކުޑަފަރުގައި އަޅައިދޭނަން" ރައީސް ސޯލިހު ވިދާޅުވިއެވެ.
މި އަހަރުގެ ރިޔާސީ އިންތިހާބަށް ނިކުތް އިރު 2018 ގެ ރިޔާސީ އިންތިހާބުގައި ވީ ވައުދުތަކުގެ ތެރޭގައި 90 އިންސައްތައަށްވުރެ ގިނަ ވައުދުތައް ފުއްދިފައިވާކަން ފާހަގަކުރައްވާ ރައީސް ސޯލިހު ވިދާޅުވީ، މި ސަރުކާރުން ވައުދެއް ވެއްޖެނަމަ އެ ވައުދެއް ފުއްދާނެ ކަމަށާއި، ދަތިތަކާ އުނދަގޫތައް ހުރި ނަމަވެސް ހައްލު ހޯއްދަވަން އެމަނިކުފާނަށް އެނގިވަޑައިގަންނަވާ ކަމަށެވެ.
ފާއިތުވި ސަރުކާރުތަކުގައި ކަންތައް ހިނގިގޮތް އެންމެންނަށްވެސް އެނގޭނެ. އަދި މި ސަރުޚާރުގެ ފަސް އަހަރުތެރޭގައި އޮތް ހަމަޖެހުން ފެނިއްޖެ. ކުރީގައި އޮތް އަނިޔާވެރި ކަމަށް އެނބުރި ދާނީތޯ ނިންމަވާނީ ތިބޭފުޅުން. ހަމަ ޔަގީނުންވެސް އެއްވެސް ރައްޔިތަކު އެ އަނިޔާވެރިކަމެއް ބޭނުމެއް ނުވާނެ
ރިޔާސީ އިންތިހާބަށް 2018 ގައި ނިކުތީ ބޮޑެތި ވައުދުތަކެއްވެގެން. ޖުމްލަކޮށް ރާއްޖެއަށްވީ ވައުދުގެ ތެރެއިން 90 އިންސައްތައަށްވުރެ ބޮޑު އަދަދެއް ވަނީ ފުއްދިފައި. އަޅުގަނޑުމެން ވައުދެއް ވިއްޔާ އެ ވައުދެއް ފުއްދާނަން. ދަތިތަކާ އުނދަގޫތައް ހުރޭ ނަމަވެސް ހައްލު ހޯދަން އެނގޭ. އަޅުގަނޑުމެންގެ ތެރޭގައި އޮތް ޓީމަކީ ވައުދުތައް ފުއްދުމަށް ވިސްނުންތެރިކަމާއި ހިކުމަތްތެރިކަމާއެކު މަސައްކަތްކުރާނެ ޓީމެއް.