ށ.މަރޮށިއަށް ބިން އިތުރުކޮށް ގޯތި ދީ، މަގު ހަދައި، 50 ހައުސިން ޔުނިޓް އަޅައިދިނުމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވައުދުވެވަޑައިގެންފިއެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް މަރޮށިއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ސޯލިހު ވިދާޅުވީ، މަރޮށީގައި ދިމާވެފައިވާ ބިމުގެ ދަތިކަން ހައްލު ކުރުމަށް ކުރިޔަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި އެ ރަށަށް 30 ނުވަތަ 40 ހެކްޓަރުގެ ބިން އިތުރުކޮށް ބިމާއި ގޯތި ރައްޔިތުންނަށް ދޭނެ ކަމަށެވެ.
މަރޮށީގެ ފެނާއި ނަރުދަމާގެ މަސައްކަތް ނިމެމުންދާކަން ފާހަގަކުރައްވައި ރައީސް ސޯލިހު ވިދާޅުވީ، ކުރިޔަށް އޮތް ފަސް އަހަރު ދުވަސް ތެރޭގައި މަރޮށީގެ މަގުތައް ހަދަން ލިސްޓުގެ އެންމެ ކުރިޔަށްލާނެ ކަމަށާއި، އަދި ސަރުކާރުގެ ހައުސިން ސްކީމްގެ ދަށުން 50 ހައުސިން ޔުނިޓްވެސް އަޅައިދޭނެ ކަމަށެވެ.
"މަރޮށިއަކީ މީގެ ކުރީގެ ސަރުކާރުތަކުން ބާކިީކޮށްފައި އޮތް ރަށެއް. މި ސަރުކާރު އައުމާއެކު ތަރައްގީގެ ޗާޓަށް މަރޮށިވެސް ވަނީ އަރާފައި. މީގެ ކުރިން އެއްވެސް ސަރުކާރެއްގައި ނުކުރާ މަސައްކަތް މި ރަށުގައި ދަނީ ހިނގަމުން ނިމެމުން" ރައީސް ސޯލިހު ވިދާޅުވިއެވެ.
މީގެއިތުރުން މަރޮށީގެ ސިއްހީ ނިޒާމު ހަރުދަނާ ކުރުމަށް ސިއްހީ މަރުކަޒު 24 ގަޑިއިރު ހިދުމަތަށް ގެނެސް، މަރުކަޒަށް އިތުރު ޑޮކްޓަރުން ގެންނާނެ ކަމަށާއި، މި އަހަރު ތެރޭގައި އޭޓީއެމްގެ ހިދުމަތްވެސް ދޭން ފަށާނެ ކަމަށެވެ. އަދި މަރޮށީގެ ފުޓުބޯޅަ ދަނޑުގައި ޓާފް އެޅުމުގެ މަސައްކަތްވެސް ކުރިޔަށް އޮތް ދުވަސްަކުގެ ތެރޭގައި ނިމޭނެ ކަމަށެވެ.