އަލީ ވަހީދު ބުނީ އެތެރެއިން ދިން 'ސިޔާސީ ހަމަލާ’އެއް ކަމަށް – ތުހުމަތު ނުސީދާކޮށް ނަޝީދަށް؟

IMG_0732

އަލީ ވަހީދަކީ ސިޔާސީ މައިދާނަށް ބައު ނަމެކެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ހައިސިއްޔަތުން ޑީއާރްޕީއިން ސިޔާސީ ހަޔާތް ފެއްޓެވުމަށްފަހު، އެމްޑީޕީއާއި ގުޅިވަޑައިގެން އެ ޕާޓީގެ ޗެއާޕަރސަން ކަމުގެ މަގާމުވެސް ފުރުއްވިއެވެ. އޭގެ ފަހުން ޖޭޕީގެ ރައީސްކަމާއި ޓޫރިޒަމް މިނިސްޓަރުކަންވެސް ކުރެއްވިއެވެ. ގާތްގަނޑަކަށް 10 ވަރަކަށް އަހަރު، މެދު ނުކެނޑި ސިޔާސީ މައިދާނުން ފެނުނު ނަމަވެސް، މިއަދު މާލެ ވަޑައިގެންނެވީ ގާތްގަނޑަކަށް ދެ އަހަރާއި ފަސް މަސް ސިިޔާސީ މައިދާނާއި ބޭރުގައި ހޭދަކުރައްވާފައެވެ.

އަލީ ވަހީދު އިނގިރޭސިވިލާތަށް ފުރާވަޑައިގެންނެވީ ޓޫރިޒަމް މިނިސްޓަރު ކަމުގެ މަގާމުގައި ހުންނަވައިގެން 15 މުވައްޒިފަކަށް ޖިންސީ ފުރައްސާރަ ކުރި ކަމުގެ ތުހުމަތުގައި ދައުވާތައް އުފުލައި ކްރިމިނަލް ކޯޓުގައި ޝަރީއަތް ފަށާފައި ވަނިކޮށެވެ. ބޭސްފަރުވާ އަށް ރާއްޖޭން ބޭރަށް ދާން ހުއްދަ ދިނުމުން ކޯޓަށް ހާޒިރު ނުވެ ދިރިއުޅުއްވަމުން ގެންދެވީ އިނގިރޭސިވިލާތުގައެވެ.

މިއަދު އެނބުރި ވަޑައިގެންނެވީ އެ ދައުވާތައް އަނިޔާ ލިބުނު ކަމަށް ބުނެ ކުރިން ބަޔާންދިން މީހުންނާއި، ދެކޮޅަށް ހެކިބަސް ދޭން ތިބި މީހުން މި މައްސަލަ އިތުރަށް ކުރިއަށް ގެންދަން ބޭނުންނުވާކަމަށް ޕީޖީގައި އެދުމުން، މައްސަލަ ފައިލްކުރުމުންނެވެ. މާލެ ވަޑައިގެން، ގިނަ އިރުތަކެއްވަންދެން ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބުދެއްވިއެވެ.

އެތެރޭގެ ރޭވުމެއް

"ސިޔާސީ މީހުން ކުރިން ބައެއް ފަހަރު ވަޅިޖަހަން ފޮނުވަނީ. މިހާރު މިބަލަނީ މިކަހަލަ ތުހުމަތެއް އަޅުވައި ނިޒާމުން ގެއްލުވާލަން" އަލީ ވަހީދުގެ ވާހަކަތައް ފެށެނީ އެ ހިސާބުންނެވެ. ވިދާޅުވީ، ގަސްތުގައި އަލީ ވަހީދު ފްރޭމް ކުރީ ކަމަށެވެ.

މައުސޫމްކަން ދެއްކުމަށް ހެއްކެއްގެ ގޮތުގައި ހުށަހެޅީ 15 މުވައްޒިފުންގެ ތެރެއިން އެއްވެސް މުވައްޒިފެއް ޕަބްލިކްގައި އެ ވާހަކަތައް ނުދައްކާ ކަމެވެ. އަލީ ވަހީދު ގަބޫލުކުރައްވާ ގޮތުގައި ހަގީގަތުގައި ބޭނުމަކަށްވީ އާއިލާ އާއި ނޫސްވެރިންވެސް ނުވަދެވެހޭނޭހެން ހިންގާ ޝަރީއަތެއްގައި ހުކުމްކޮށް 35 އަހަރަށް ޖަލަށްލުމެވެ. ފިއްލަވައިގެން އިނގިރޭސިވިލާތަށް ވަޑައިގެންނެވީ އެހެންވެއެވެ.

"މައުސޫމް ބައެއް ސްޓާފުން ސިޔާސީ ބޭނުމަށް ބޭނުންހިފީ. ސިޔާސީ ބަޔަކު އަޑީގަ ތިބެގެން" ނޫސްވެރިއެއްގެ ސުވާލަށް ޖަވާބުދެއްވަމުން ވިދާޅުވިއެވެ. ފިއްލަވައިގެން ވަޑައިގެންނެވިއިރު ފްރޭމް ކުރީ ކޮންބައެއްކަން ނޭނގޭ ކަމަށާއި، އެކަމަކު އެއީ ޕީޕީއެމް އަކުން ނުވަތަ ޖުމްހޫރީ ޕާޓީއަކުން ކުރިކަމެއް ނޫންކަމަށެވެ. އިނގިރޭސިވިލާތުގައި ހުންނަވައިގެން ދެއްވި ޕްރެސްކޮންފަރެންސް ބޭނުންކުރެއްވީ އެއީ ކޮން ބައެއްކަން ހޯދުމަށް ކަމަށްވެސް ވިދާޅުވިއެވެ.

"ޕްރެސް ދޭން އޮތް ދުވަހު ފުރަތަމަ އިނގިރޭސި ވިލާތުން ހައްޔަރު ކުރީ. އެވެސް ހައިރާން ކުރުވަނި ކަމެއް. ފަތިސް ނަމާދު ކޮށްގެން ޓްވީޓް ކުރީ. އިރުކޮޅެއް ނުވެ ހީވީ ދޮރު ވައްޓާލަފާނެހެން" ރޭވިގެން ނިޒާމުން ގެއްލުވާލަން ބަޔަކު މަސައްކަތްކުރާކަމަށް އަނެއްކާވެސް ތުހުމަތުކުރަމުންނެވެ. ވިދާޅުވީ، ގާނޫނާ ހިލާފަށް ހައްޔަރު ކުރީ މާލެއިން އެ ބޯޅަ ޖެހި ބަޔަކު ޖަހައިގެންކަމަށެވެ. ހަމަލާއައީ އެތެރެއިންކަމަށާއި، ޕްރެސް ކޮންފަރެންސަށްފަހު ހަމަލާއައި ދިމާ 'ޔަގީން ކަށަވަރު’ވި ކަމަށެވެ.

ނުސީދާ ތުހުމަތު ނަޝީދަށް؟

އަލީ ވަހީދަކީ ސިޔާސީ މައިދާނަށް ފަރިތަ ބޭފުޅެކެވެ. ނޫސްވެރިން ދަންނަބޭފުޅެކެވެ. ސުވާލުތަކަށް ޖަވާބު ދެއްވަނީވެސް ސިޔާސީ މީހުން ޖަވާބުދެއްވާ އުސޫލުންނެވެ.

ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވީ މައްސަލައިގެ ތެރެއަށް ރައީސް ސޯލިހު އަތް ނުބާނައްވާ ކަމަށެވެ. ރައީސް ޔާމީން އަލީ ވަހީދުގެ ހާލުވެސް ބެއްލެވި ކަމަށާއި، ހަމަލާ އައީ އެ ދެ ބޭފުޅުންކުރެ ބޭފުޅެއްގެ ދިމާލުން ނޫންކަންވެސް ޔަގީންވާކަމަށެވެ. އަދި މިކަމުގެ ތެރޭގައި ކުރީގައި އަލީ ވަހީދާއެކު ޑީއާރްޕީގައި މަސައްކަތްކުރެއްވި ބޭފުޅުންކުރެ ބޭފުޅެއްވެސް ނުހިމެނޭ ކަމަށް ވިދާޅުވިއެވެ. އެހެންނަމަވެސް، މި ބާވަތުގެ ކަންކަމުގައި ބޮޑު މަހެއް އަބަދުވެސް ފަހަތުގައި އޮންނާނެކަމަށެވެ.

"މި ބާވަތުގެ ކަމެއް ނުވާނެ ބޮޑު މަހެއް ފަހަތުގައި ނެތި. އަޅުގަނޑު ގަބޫލެއްނުކުރަން ރައީސް ސޯލިހު ނުވަތަ ރައީސް ޔާމީން އަޅުގަނޑު ފްރޭމް ކުރުމުގަ އެއްވެސް އަތެއް އޮތް ކަމަކަށް. އެކަމަކު ދެން މި މައިދާނުގައި ވެރިންގެ ގޮތުގައި ތިބި ބައެއް ބޭފުޅުންގެ ވަހާއި އަތާއި ފަޔާއި އެބަ އޮތް" މިފަހަރު ތަންކޮޅެއް ތިލަކޮށް ބުނެލިއެވެ.

އެއާއެކު، މިއީ ރައީސް ނަޝީދު ކުރެއްވި ކަމެއްތޯ ނޫސްވެރިއަކު ސުވާލުކުރެއްވުމުން، ވިދާޅުވީ އެފަދަ ކަމެއް ރައީސް ނަޝީދު ކުރައްވަފާނެކަމަށް އަލީ ވަހީދުގެ ހިތް ނުބުނާ ކަމަށެވެ. "އެކަމަކު ރައީސް ނަޝީދު އަރިހުގައި އެފަދަ ބޭފުޅުން ފެނޭ" ކުރިން ބުނިއެއްޗަށް އިތުރުކޮށްލިއެވެ.

ނުސީދާކޮށް ވިދާޅުވަމުން ގެންދެވީ ސިޔާސީ ހަމަލާ ދިނުމުގައި ހަރަކާތްތެރިވީ ރައީސް ނަޝީދުގެ ބޭފުޅުންކަމަށެވެ. "މިސާލަކަށް ވަކި ޕާޓީއެއްގަ ނިސްބަތްވާ މީހަކު އުޅެދާނެ. އޭނަ ކަމެއް ކުރުމަކީ އޭނަގެ ލީޑަރު ޒިންމާވާން ޖެހޭ ކަމެއްވެސް ނޫން. ހިތެއް ނުބުނޭ ރައީސް ނަޝީދު ކުރައްވަފާނޭ" އަލީ ވަހީދު ވިދާޅުވިއެވެ.

ސިޔާސީ މުސްތަގްބަލެއް އަދިވެސް އޮންނަން ބޭނުންވާތީއާއި، ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބުދެއްވަން ފަރިތަވީމާ ސީދާ ރައީސް ނަޝީދަށް ތުހުމަތު ނުކުރިނަމަވެސް، އަލީ ވަހީދުގެ ހުރިހާވެސް ވާހަކައަކުން ދޭހަވީ އެކަމެވެ. ކައިރީގައި ގެންގުޅޭ ކުދިންނާއި އެކި ގޮތްގޮތަށް އެކަމުގެ ތެރޭގައި އަތްފައި ބަދެވިފަތިބި ލީޑަރުން ތިއްބެވިކަމަށް އެ ވިދާޅުވަނީ ރައީސް ނަޝީދަށް ތުހުމަތުކޮށެވެ. އެއިން ބޭފުޅަކު ކުރިއެކޭ ނުކުރެއޭ ބުނެ ހަމަޖައްސާލަނީ ސިޔާސީ މައިދާނަށް ފަރިތަވީމައެވެ.

Leave a Reply

Your email address will not be published. Required fields are marked *