ކ.މާފުށީގައި ބޮޑެތި މަގުތައް ހަދައި، ޒަމާނީ ފެރީ ޓާމިނަލަކާއި އެރައިވަލް ޖެޓީއެއްގެ އިތުރުން ހިއްކި ބިމުގައި އަސާސީ ހިދުމަތް ގާއިމުކޮށްދޭނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭތް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
މާފުށީގައި ބޭއްވި "އުފާވެރި އަމާންރާއްޖެ" ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، އަންނަ ދައުރުގައި މާފުށީ ބޮޑެތި މަގުތައް ހަދައި، ޒަމާނީ ފެރީ ޓާމިނަލަކާއި އެރައިވަލް ޖެޓީއެއް ގާއިމުކުރުމުގެ އިތުރުން އަލަށް ހިއްކި ސަރަހައްދުގައި ފެނާއި ނަރުދަމާގެ ނިޒާމުކަހަލަ އަސާސީ ހިދުމަތްތައް ގާއިމުކޮށްދޭނެ ކަމަށެވެ.
މީގެއިތުރުން މާފުށީގައި ކުރިން ހުރި ސިއްހީ މަރުކަޒު މި ސަރުކާރުން ހޮސްޕިޓަލަކަށް ބަދަލުކޮށްފައިވާ ކަމަށާއި، މިހާރު އެ ހޮސްޕިޓަލަށް ބޭނުންވާ އިތުރު ވަސީލަތްތައް ހޯދަމުންދާ ކަމަށެވެ. މިގޮތުން އެ ހޮސްޕިޓަލްގެ ފެންވަރު ކުރިޔަށް އޮތް ދައުރުގައި އިތުރަށް ރަނގަޅު ކުރާނެ ކަމަށެވެ.
ރައްޔިތުން ބޭނުންވާ މަސައްކަތް ކުރެވޭނީ ބޭނުންވާ ފުރުސަތު ހޯދައިދީގެން ފާހަގަކުރައްވާ ރައީސް ސޯލިހު ވިދާޅުވީ، ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތައް ފޯރުކޮށްދޭން ޖެހޭ ކަމަށާއި، އެ ހިދުމަތްތައް ތަފާތު ކުރުމެއް ނެތި ފޯރުކޮށްދެމުންދާ ކަމަށެވެ. މިގޮތުން މި ދައުރު ނިމޭއިރު ރާއްޖޭގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކޮށް ނިމެމުންދާ ކަމަށެވެ.
"މާފުށިން ފެންނަނީ އުފާވެރިކަން. އެއީ ރާއްޖޭގައި ހަމަޖެހުން އޮތީމަ. ތަރައްގީގެ މަޝްރޫއުތައް ކުރިޔަށް ގެންދެވެނީ ރާއްޖޭގައި ހަމަޖެހުން އޮތީމަ. މި މަސައްކަތް ކުރެވެނީ ތި ތާއީދާއެކު. މިއަދު ފެނުނު މަންޒަރުން އެނގެނީ އުފާވެރި އަމާންރާއްޖެއާއެކު ކުރިޔަށްދާން މާފުށިން ބޭނުންވާކަން" ރައީސް ސޯލިހު ވިދާޅުވިއެވެ.
ރައްޔިތުން ބޭނުންވާ މަސައްކަތް ކުރެވެނީ އަދި ކުރެވޭނީ ބޭނުންވާ ފުރުސަތު ހޯދައިދީގެން. އަސާސީ ހިދުމަތް ފޯރުކޮށްދީގެން. އެ ހިދުމަތް އަޅުގަނޑުމެން ފޯރުކޮށްދެމުން މިދަނީ ތަފާތު ކުރުމެއްނެތި ކަމަށެވެ.