ވ. އާރަށް ކުއްޔަށް ދިން މައްސަލައިގައި މަނީލޯންޑަރިންގެ ދައުވާއާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާ ކުރީގެ ރައީސް ޔާމީންގެ މައްޗަށް ސާބިތުވެއްޖެއެވެ.
ޔާމީންގެ މައްޗަށް ސާބިތުވެފައި ވަނީ ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތުގެ ތެރެއިން އެމަނިކުފާނުގެ ވެރިކަމުގައި ރިޝްވަތުގެ ގޮތުން އެއް މިލިއަން ޑޮލަރު ނަންގަވައި އެ ފައިސާ ލޯންޑާ ކުރެއްވި ކަމަށެވެ.
ކުށް ސާބިތުވުމާ އެކު ދައުލަތުން އެދުނީ ޔާމީނަށް ސާބިތުވި ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ އަދަބަކަށް 8 އަހަރުގެ ޖަލު ހުކުމެއް ކަނޑައަޅައި ދިނުމަށެވެ. އަދި މަނީ ލޯންޑަރިންގެ ކުށް ސާބިތުވުމުން ދައުލަތުން އެދުނީ 11 އަހަރުގެ ޖަލު އަދަބެއް އިއްވައި ދިނުމަށެވެ.
މީގެއިތުރުން މަނީ ލޯންޑާ ކުރި ފައިސާގެ އަދަދުގެ 5 ގުނަ ޖޫރިމަނާ ކޮށް ދިނުމަށްވެސް ދައުލަތުން ވަނީ ޝަރީއަތުގައި އެދިފައެވެ.
އަދަބު ކަނޑައެޅުމުގެ މަޖިލިސް 2:00 ގައި ބާއްވާނެކަން އިއުލާންކޮށް ޝަރީއަތުގެ މަޖިލިސް މިވަނީ މެދުކަނޑާލައިފައެވެ.