ދިރިއުޅުމުގައްޔާއި ވަޒީފާގެ މާޙައުލުގައި ކަންކަން ނިންމުމުގައި އަވަސްއަރުވައި ނުލުމަށް މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ. އިބްރާހިމް ޙަސަން ނަސޭޙަތްތެރި ވެވަޑައިގެންފިއެވެ.
މޯލްޑިވްސް ބިޒްނަސް ސްކޫލްގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި އާދީއްތަ ދުވަހުގެރޭ ވާހަކަފުޅު ދައްކަވަމުން، އެ ރަސްމިއްޔާތުގައި ތިބި ދަސްވެނީންގެ ތެރެއިން ގޮތް ނިންމާ ފަދަ މަޤާމުތަކުގައި ތިބި ފަރާތްތަކަށް ނިސްބަތްކުރައްވައި މިނިސްޓަރ ޙަސަން ވިދާޅުވީ، ކަންކަން ނިންމާ، ގޮތް ކަނޑައަޅުމުގެ ބާރު އޮތް މަޤާމެއްގައި ހުރިނަމަ ތިމާގެ ނިންމުމަކީ އަވަސް އަރުވާލައިގެން ނިންމާ ނިންމުމަކަށް ހަދައިގެން ނުވާނެ ކަމަށެވެ.
"ކޮންމެސް ވަރަކަށް ދިރާސާކޮށްލާފަ، ކޮންމެސް ވަރަކަށް އެހެންމީހުންނާ މަޝްވަރާކޮށްލާފަ ކަންކަން ނިންމުމަކީ އަބަދުވެސް ފައިދާހުރިކަމަކަށް ވާނެ. އޭރުން އެ ނިންމުމަކީ މީހުން ބަލައިގަންނަ ނިންމުމަކަށްވެސް ވާނެ. އަދި އޭރުން އެ ނިންމުމަކީ ރަނގަޅު ނިންމުމަކަށްވެސް ވާނެ. އަވަސް އަރުވާލައިގެން ކަންކަން ކުރުމަކީ އެއްގޮތަކަށްވެސް ރަނގަޅު ކަމެއް ނޫން. އޭގެން ގިނަފަހަރަށް ފައިދާއަށްވުރެ ލިބެނީ ގެއްލުން"
އިތުރަށް ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ، ތިމާއަށް ލިބޭ ކޮންމެ މަޢުލޫމާތަކީ ސައްޚަ މަޢުލޫމާތެއް ކަމަށް ދެކިގެން ނުވާނެ ކަމަށެވެ. އޭގެ ބަދަލުގައި ކަންކަމުގައި އަމިއްލަ ވިސްނުން ގެންގުޅޭން ވާނެ ކަމަށާއި، ވާހަކައެއް އިވުމުން، އެކަން އަމިއްލައަށް ދިރާސާކޮށް، ބަލައި، އަމިއްލަ ނަފްސަށް ޔަޤީން ވާވަރަށް އެކަމާއި ގުޅޭ މަޢުލޫމާތު ހޯދަން ވާނެ ކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
މީގެއިތުރުން އަމިއްލަ ނަފްސަށް އިތުބާރުކުރުމުގެ މުހިއްމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ދަސްވެނިވި ގިނަ ދަރިވަރުންނަކީ މަސައްކަތުގެ މާހައުލުގައި އުޅެމުން ކިޔަވައި، ދަސްވެނިވި ދަރިވަރުން ކަމަށާއި، ވަޒީފާގެ ދާއިރާއަކީ ވާދަވެރި ދާއިރާއެއް ކަމުން އަމިއްލަ ނަފްސަށް އިތުބާރު ނުކުރާ މީހަކަށް އެފަދަ ވާދަވެރި މާހައުލެއްގައި ކުރިއެރުމެއް ނުލިބޭނެ ކަމަށެވެ.
"ވަޒީފާގެ ދާއިރާއަކީ ވާދަވެރި ދާއިރާއެއް. ވަޒީފާގެ މާޙައުލަކީ ވާދަވެރި މާޙައުލެއް. ތިމާއަކީ އަމިއްލަ ނަފްސަށް އިތުބާރު ނުކުރާ، ސެލްފް ކޮންފިޑެންސް ނެތް މީހެއްނަމަ، ފަހަރުގަ ވަރަށް ފަސޭހައިން ތިމާއަކީ ވަޒީފާގެ މާޙައުގައި ގެއްލި، ކަނަކަށް ގެއްލިފައި ހުންނަ މީހަކަށް ވެގެން ހިނގައިދާނެ"، މިނިސްޓަރ ވިދާޅުވިއެވެ.
މިިނިސްޓަރ ހަސަން ވިދާޅުވީ، ބުރަ މަސައްކަތްތަކަކާއި ގިނަ ޚަރަދުތަކެއް ކޮށް ދަސްވެނިވެގެން ވަޒީފާގެ މާޙައުލަށް އެނބުރި ދާއިރު، އެކުގައި އުޅޭ މީހުންނަށް ކިޔެވި ކިޔެވުމުގެ ސަބަބުން ތިމާއަށް ތަފާތެއް އައިސްފައިވާކަން އިޙުސާސް ވުމަކީ މުހިއްމު ކަމެއް ކަމަށެވެ. އެގޮތުން ލިބުނު ތަޢުލީމުގެ ބޭނުން މަސައްކަތުގެ ދާއިރާގައި ބޭނުންކުރެވޭނެ ގޮތްތަކާއި މެދު ވިސްނައި އެކަންކަން ދެނެގަތުން މުހިއްމުކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ކިޔެވުމުގެ ތެރެއިން ލިބުނު ތަޢުލީމާއި ހުނަރު ވަޒީފާގެ މާޙައުލުގައި އީޖާދީ ގޮތްގޮތުން އެންމެ ފުރިހަމައަށް ބޭނުންކުރުމަކީ ދިރިއުޅުމާއި، ވަޒީފާގެ މާޙައުލުގައިވެސް ތިމާ ކުރިއަރައިގެން ދިއުމަށް މުހިއްމު ކަމެއްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
މިނިސްޓަރ ޙަސަންގެ ވާހަކަފުޅުގައި އެމަނިކުފާނު ވަނީ ދިރިއުޅުމުގެ ހުރިހާ މަރުޙަލާއެއްގައިވެސް ކަންކަމާއި މެދު ފައްސިކޮށް ވިސްނުމުގެ މުހިއްމުކަންވެސް ފާހަގަކުރައްވާފައެވެ. އެގޮތުން ކަންކަމާއިމެދު ފައްސިކޮށް ވިސްނާ މީހަކަށް ގޮންޖެހުންތަކުން އަރައިގަންނަން ފަސޭހަވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
އާދީއްތަ ދުވަހުގެރޭ ބޭއްވި ދަސްވެނިވުމުގެ ރަސްމިއްޔާތުގައި މޯލްޑިވްސް ބިޒްނަސް ސްކޫލްގައި އެކި ދާއިރާތަކުން ޑިޕްލޮމާއިން ފެށިގެން މާސްޓަރސްް އާއި ހަމައަށް ތަޢުލީމު ޙާސިލްކުރި 155 ދަރިވަރަކު ދަސްވެނިވެފައިވެއެވެ.