ރައީސްގެ ވައުދު ފުވައްމުލަކަށް: އެއާޕޯޓާއި ބަނދަރު ބޮޑުކޮށް، އޮފީސް އިމާރާތަކާއި، ހޮސްޕިޓަލެއް އަޅައިދޭނަން

IMG_9442

ފުވައްމުލަކު ސިޓީގެ އެއާޕޯޓާއި ބަނދަރު ބޮޑުކޮށް، މަލްޓި ޕާޕަސް އޮފީސް ކޮމްޕްލެކްސްއަކާއި 50 އެނދުގެ އައު ހޮސްޕިޓަލެއް އަޅައިދޭން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞޯލިހު ވައުދުވެވަޑައިގެންފިއެވެ.

ރައީސް މިހެން ވިދާޅުވީ، ރިޔާސީ އިންތިހާބަށް ކެމްޕޭން ކުރުމުގެ ގޮތުން ފުވައްމުލަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، މިރޭ އެ ރަށުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. އެގޮތުން، ރައީސް ވިދާޅުވީ ފުވައްމުލަކަކީ އެހެން ރަށްތަކާއި އަޅާބަލާއިރު މުޅިން ތަފާތު ހާއްސަ ސިފަތަކެއް ލިބިގެންވާ ރަށެއް ކަމަށާއި ވަށައިގެން މާ ކަނޑު އޮތް ރަށެއް ކަމަށެވެ، އެހެންނަމަވެސް، މިއީ ދިރުން އޮތް ރަށެއްކަމަށާއި ރާއްޖެ މިދެކޭ ތަރައްގީގެ ހުރިހާ ދާއިރާއެއްގައި ފުވައްމުލަކު ރައްޔިތުންގެ ދައުރު ބޮޑުކަންވެސް ފާހަގަކުރެއްވިއެވެ.

ކޮންމެ ސަރުކާރަކުންވެސް ފުވައްމުލަކަށް ކަންތައްތަކެއް ކުރެވޭތޯ ބަލައެވެ. ރައީސް ވިދާޅުވީ، ފަހަރަކު ކަމެއް މަޑުމަޑުން ކުރާތީ އަންނަން ޖެހޭ ދިރުން ނާންނަކަށެވެ. ރަށުގައި ބަނދަރަކާއި އެއާޕޯޓެއް މިހާރުވެސް އެބައޮތެވެ. އަދި، 2003 ވަނަ އަހަރު 2 ކިލޯމީޓަރުގެ މަގު ހެދިގޮތަށް، އެކަންވެސް އިތުރަކަށް ކުރިއަކަށް ނުދެއެވެ. ރައީސް ވިދާޅުވީ، މިހާރު ބަނދަރާއި އެއާޕޯޓްވެސް ކުޑަވެފައިވާކަމަށެވެ. އެހެންކަމުން، ކުރިއަށް އޮތް ދައުރުގައި ބޮޑުކުރެވެން އޮތް ވަރެއް ބަލައި ދިރާސާ ކުރުމަށްފަހު، އައިލެންޑް އޭވިއޭޝަންގައި ގެންގުޅޭ އޭޓީއާރް ޖެއްސޭ ވަރަށް އެއާޕޯޓް ބޮޑު ކޮށްދެއްވާނެކަމަށެވެ.

މީގެއިތުރުންވެސް، ފުވައްމުލަކު ގުދުރަތީ ގޮތުން އުފެދިފައި އޮތް ގޮތުން، އެ ރަށުގެ ބަނދަރު އަޅާފައިވަނީ ވަރަށްގިނަ ދިރާސާތަކެއް ކޮށްގެންނެވެ. އެކަމަކު، ބަނދަރު ކުޑަވެ މިހާރު ރައްޔިތުން ބޭނުންވަނީ ބޮޑު ބަނދަރެކެވެ. އެކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، އެރަށު ރައްޔިތުން އެދުނުގޮތަށް ބޮޑު ކުރެވެން އޮތީ ކިހިނެއްތޯ ބަލައި ބޮޑު ކުރައްވާނެކަމަށެވެ. އެކަމާއި ގުޅޭ ދިރާސާތައް މިހާރުވެސް މިނިސްޓަރ އަސްލަމްގެ ބެއްލެވުމުގެ ދަށުން ކުރިއަށްދާކަންވެސް ރައީސް އިއުލާންކުރެއްވިއެވެ. އަދި، 2003 ވަނަ އަހަރަށްފަހު އަތުން ދޫކޮށްފައި އޮތް މަގުތައްވެސް ޒަމާނީ ފެންވަރަށް މި ސަރުކާރުން އަންނަނީ ހަދަމުންނެވެ. އެގޮތުން، 19.7 ކިލޯމީޓަރުގެ މަގު ހެދިފައިވާއިރު، ރައީސް ވިދާޅުވީ ފުވައްމުލަކުގެ ބޮޑު ހުރިހާ މަގެއް އަންނަ ދައުރުގައި ޒަމާނީ ފެންވަރަށް ހައްދަވާނެ ކަމަށެވެ.

2018 ވަނަ އަހަރުގެ ކެމްޕޭންގެ ހަނދާންތައްވެސް ރައީސް ވަނީ މިރޭ އައު ކުރައްވާފައެވެ. އޭރު ރައްޔިތުން އެދުނު ގޮތަށް ނަރުދަމާގެ ނިޒާމު ހައްލުކޮށް ފެނުގެ ނިޒާމްވެސް ގާއިމްކޮށްދީފައިވާނެކަމަށް ރައީސް ވިދާޅުވިއެވެ. އުމްރާނީ ތަރައްގީގެ ގިނަ މަޝްރޫއުތަކެއް މިހާރު އެ ރަށުގައި ނިމިފައިވާއިރު، ދެން ރައްޔިތުން ބޭނުންވަނީ ރަށުގައި ތިބެގެން ވަޒީފާ އަދާކުރެވޭނޭ ގޮތެކެވެ. ރަށުގެ އާބާދީގެ 48 އިންސައްތަ މީހުން ރަށުން ހިޖުރަކޮށް އެހެން ރަށްތަކުގައި ދިރިއުޅެނީ ވަޒީފާ އަދާ ކުރުމުގެ ފުރުސަތު ނުލިބޭތީއެވެ. އެކަން ހައްލު ކުރުމަށް މި ސަރުކާރުން ވަނީ  ސަރުކާރުގެ ބައެއް އޮފީސްތަކުގެ ބެކް އޮފީސް އެ ރަށަށް ބަދަލުކޮށްފައެވެ. ކުރިއަށް އޮތް ތަނުގައިވެސް އެކަން އެގޮތަށް ކުރައްވާނެކަމަށާއި، އެކަމަށް މަގުފަހި ކުރުމަށް އެ ރަށުގައި މަލްޓި ޕާޕަސް އޮފީސް ކޮމްޕްލެކްސްއެއް ގާއިމް ކޮށްދެއްވާނެކަމަށްވެސް ރައީސް ވަނީ މިރޭ ވައުދުވެވަޑައިގެންފައެވެ.

ފުވައްމުލަކަށް އިތުރަށް ކޮށްދިނުމަށް ހަމަޖެހިފައިވާ ކަންކަމަށް އަލިއަޅުއްވާލައްވަމުން ރައީސް ދެން ވިދާޅުވީ، އެ ރަށުގެ ހޮސްޕިޓަލުގެ ހިދުމަތްވެސް ރަނގަޅު ކުރަން ޖެހޭ ކަމަށެވެ. އެގޮތުން، 50 އެނދުގެ އައު ހޮސްޕިޓަލެއް އަޅައި ކުޑަކުދިންނަށް ހާއްސަ ތަނެއްގެ ގޮތުގައި ސްޕެޝަލައިޒް ކުރައްވާނެ ކަމަށެވެ. ފުވައްމުލަކުގައި މި ސަރުކާރުން 40 އެތައް މަޝްރޫއުއެއް ހިންގާއިރު، އެ ހުރިހާ މަޝްރޫއުއަކަށް 544 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައެވެ. އަދި، އެ ރަށުގައި އެޅުމަށް ހަމަޖެހިފައިވާ 400 ހައުސިންގ ޔުނިޓުގެ މަޝްރޫއު ނިމޭއިރު އެކު ޖުމްލަ އެއް ބިލިއަނެއްހާ ރުފިޔާ ފުވައްމުލަކަށް ހަރަދުވާނެކަމަށްވެސް ރައީސް ވަނީ މިރޭ ވިދާޅުވެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *