އަންނަ ދައުރުގައި ހއ.ފިއްލަދޫ ބަނދަރާއި ސްކޫލަށް ދިމާވެފައި އޮތް ދަތިކަން ހައްލުކޮށް، އައު މިސްކިތަކާއި ފުޓްބޯޅަ ދަނޑެއް އަޅައި، ދައްޕަރަށް ކަރަންޓާއި ފެނާއި ނަރުދަމާ ގުޅައިދޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞޯލިހު ވައުދުވެވަޑައިގެންފިއެވެ.
ރައީސް މިގޮތަށް ވައުދުވެވަޑައިގެންނެވީ ރިޔާސީ އިންތިހާބަށް ކެމްޕޭން ކުރުމުގެ ގޮތުން ހއ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން އެ އަތޮޅު ފިއްލަދޫއަށް ވަޑައިގެން މިއަދު ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ. އެގޮތުން، އެ ޖަލްސާގައި ރައީސް ވިދާޅުވީ އެމަނިކުފާނު 2018ގައި ކުރިމަތިލީ އަސާސީ ހިދުމަތް ނުލިބި ހުރި ރަށްތަކަށް އަސާސީ ހިދުމަތް ފޯރުކޮށްދިނުމުގެ އުންމީދުގަކަމަށެވެ. އެއީ ކުޑަ ރަށެއް ބޮޑު ރަށެއް ނުބަލާ ތަރައްގީ ކުރުމުގެ ސިޔާސަތެއް ކަމަށާއި އޭގެ ދަށުން އަސާސީ ހިދުމަތްތައް ގާއިމްކުރެވެމުން އަންނަ ކަމަށެވެ.
އެގޮތުން، މެނިފެސްޓޯގައި ހުރި މަސައްކަތް ތަކުގެ ތެރެއިން 90 އިންސައްތަ މަސައްކަތް މިހާރު އޮތީ ނިމިފައި ނޫނީ ނިމުމުގެ މަގުމަތީގައި ކަމަށެވެ. "މި ރަށުގައި ވެސް އެކަން އޮތީ އެހެން" ރައީސް ވިދާޅުވިއެވެ. ފިއްލަދޫ ސިއްހީ މަރުކަޒު އައު އިމާރާތް ނިމި މިއަދު ހުޅުވާފައިވާކަމަށާއި، އަދި ފެނާއި ނަރުދަމާގެ މަސައްކަތްވެސް ނިމިފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ. ރައީސް ވިދާޅުވީ، އެ ރަށުގައި ބާރު ސްޕީޑުގައި ކުރިއަށް ނުދަނީ ހަމައެކަނި މަގު ހެދުމުގެ މަޝްރޫއު ކަމަށެވެ.
މީގެއިތުރުންވެސް، ފިއްލަދޫއަކީ ރީތި ރަށެއްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އެއީ ޓޫރިޒަމް ކުރިއެރުވޭނޭ ރަށެއް ކަމަށެވެ. އެގޮތުން، އެ ރަށް ކައިރި ދައްޕަރުގައި އިންޓަގްރޭޓެޑް ޓޫރިޒަމްގެ މަޝްރޫއުއެއް ހިންގުމަށް ސަރުކާރުން މަސައްކަތް ކުރިކަމަށާއި އެހެންނަމަވެސް، ކައުންސިލްގެ އެދުމުގެ މަތިން އެ މަސައްކަތް މިހާރު ކައުންސިލާއި ހަވާލުކުރެވިފައިވާ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އަދި، ކުރިއަށް އޮތް ދައުރުގައި އެ ސަރަހައްދަށް ކަރަންޓާއި ފެނާއި ނަރުދަމާގެ ހިދުމަތް ފޯރުކޮށްދެއްވާނެ ކަމަށް މިއަދު ވަނީ ވައުދުވެވަޑައިގެންފައެވެ.
ފިއްލަދޫއަށް އިތުރަށް ބޭނުންވާ އެހެން ކަންކަމަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، އެ ރަށުގެ ފުޓްބޯޅަ ދަނޑު ޒަމާނީ ފެންވަރަށް ހަދައި ބަނދަރަށް ދިމާވެފައި އޮތް ދަތިތަކަށްވެސް ހައްލެއް ހޯދައިދެއްވާނެ ކަމަށެވެ. އަދި، ސްކޫލްގެ ކްލާސްރޫމް މަދުވުމުގެ ސަބަބުން ދިމާވެފައި އޮތް ދަތިކަން ހައްލުކޮށް، ގިނަ ދުވަސްވެފައިވާ ހުކުރު މިސްކިތުގެ ބަދަލުގައި ޒަމާނީ އައު ހުކުރު މިސްކިތެއްވެސް އަޅާނެކަމަށް ރައީސް ވަނީ ވައުދުވެވަޑައިގެންފައެވެ.
ފިއްލަދޫގެ ރައްޔިތުންގެ ކިބައިން ރައީސް އެދިވަޑައިގަތީ އިންތިހާބަށް ފޯކަސް ކޮށް ރައްޔިތުންނަށް އެންމެ މަސްލަހަތު ރަނގަޅު ގޮތަކީ ކޮބާތޯ ވިސްނާފައި ނިންމުން ނިންމެވުމަށެވެ. ރައީސް ވިދާޅުވީ އިސްކުރަންވާނީ ގައުމީ މަސްލަހަތު ކަމަށެވެ.