ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ގދ. މަޑަވެއްޔަށް ވަޑައިގެން، އެރަށު ސިއްހީ މަރުކަޒަށް އިތުރުކުރި އިމާރާތް ރަސްމީގޮތުން ހުޅުއްވައިދެއްވައި އެރަށުގައި ފެނުގެ ނިޒާމު ގާއިމުކުރުމުގެ މަޝްރޫއުގެ ނިމުން ފާހަގަކޮށްދެއްވައިފިއެވެ.
މި ރަސްމިއްޔާތުތައް ބޭއްވެވީ ރައީސުލްޖުމްހޫރިއްޔާ ގދ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.
މަޑަވެލީގައި ފެނުގެ ނިޒާމު ގާއިމުކުރުމުގެ މަސައްކަތްކޮށްފައި ވަނީ ޓްރިވެނި އިންޖިނިއަރިންގ އެންޑް އިންޑަސްޓްރީސް ލިމިޓެޑާ ހަވާލުކޮށްގެންނެވެ. މަޑަވެލީ ސިއްހީ މަރުކަޒަށް އިތުރުކުރި އިމާރާތުގެ މަސައްކަތްކޮށްފައި ވަނީ އަމޭން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެންނެވެ. މި އިމާރާތުގައި 3 އޯޕީޑީ ރޫމާއި ލެބޯޓްރީ، އީ.އާރު، ރިސެޕްޝަން އަދި ވެއިޓިންގ ރޫމާއި ޑްރެސިންގ އެންޑް އިޖެކްޝަން ރޫމް ހިމެނެއެވެ.
އަތޮޅުތަކުގެ ރަށްރަށުގައި އަސާސީ ޚިދުމަތްތައް ޤާއިމްކޮށް، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށްޓަކައި، ސަރުކާރުން ވަނީ، އަތޮޅުތަކުގެ ރަށްރަށުގައި ޢުމުރާނީ ތަރައްޤީގެ ވަރަށް ގިނަ މަޝްރޫޢުތައް ހިންގާފައެވެ. އަދި މިހާރުވެސް ތަރައްޤީގެ ވަރަށް ގިނަ މަޝްރޫޢުތައް އެކި މަރުޙަލާތަކުގައި ދަނީ ހިންގެމުންނެވެ.