އަންނަ ދައުރުގައި ގދ. ފިޔޯރީ ބޮޑެތި މަގުތަކުގައި ތާރު އަޅައި، ސިއްހީ މަރުކަޒު 24 ގަޑިއިރަށް ބަދަލުކޮށް، ކަރަންޓުގެ މައްސަލަ ހައްލުކޮށް، އައު މިސްކިތަކާއި އޭޓީއެމްއެއް އަޅައިދޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞޯލިހު ވައުދުވެވަޑައިގެންފިއެވެ.
ރައީސް މިގޮތަށް ވައުދުވެވަޑައިގެންނެވީ ރިޔާސީ އިންތިހާބަށް ކެމްޕޭން ކުރުމުގެ ގޮތުން ގދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން އެ އަތޮޅު ފިޔޯރީއަށް ވަޑައިގެން މިއަދު ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ. އެގޮތުން، އެ ޖަލްސާގައި ރައީސް ވިދާޅުވީ، 2018 ވަނަ އަހަރު ވެރިކަމަށް އައީ ވައުދުތަކެއް ވެގެންކަމަށެވެ. އޭގެތެރެއިން އަސާސީ ހިދުމަތް ފޯރުކޮށްދިނުމުގެ ވައުދަކީީ އެންމެ މުހިންމު ވައުދެވެ. "އެ ވައުދާއި އެއްގޮތަށް ކޮންމެ ރަށެއްގައި މިދަނީ އެކަންކަން ފުރެމުން" ރައީސް ވިދާޅުވިއެވެ.

އުސް އިމާރާތެއް އެޅިޔަސް، ރައްޔިތުންގެ ތެރޭގައި އުފާވެރިކަމާއި އަމާންކަން ނެތްނަމަ، އެކަންކަމުގެ މާ ބޮޑު ބޭނުމެއް ނެތްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، މިހާރު އަމާޒު މިހުރީ ގެނެވިފައިވާ އަމާންކަމާއި އުފާވެރިކަން ދެމެހެއްޓުމަށް ކަމަށެވެ.
މި ޖަލްސާގައި ރައީސް ވަނީ އަންނަ ދައުރުގައި ފިރޯރީއަށް ކޮށްދިނުމަށް ހަމަޖެހިފައިވާ ގިނަ ކަންކަން ހިއްސާކުރައްވާފައެވެ. އެގޮތުން، ފިޔޯރީ ސްކޫލްގައި މަލްޓި ޕާޕަސް ހޯލެއް އަޅައި ސްކޫލުގެ ކަރަންޓުގެ މައްސަލަ ހައްލުކޮށް ސޯލާއަށް ބަދަލުކޮށްދޭނެ ކަމަށާއި، އަދި 600 ކިލޯވޮޓުގެ އައު ޖެނެރޭޓަރ ގެނެސް ރަށުގެ ކަރަންޓުގެ މައްސަަލަވެސް ހައްލުކޮށްދެއްވާނެކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. މީގެއިތުރުންވެސް، ބޮޑެތި މަގުތަކުގައި ތާރު އަޅައި ރަނގަޅު ފެންވަރަކަށް ހަދައިދޭނެ ކަމަށާއި، އަދި ރަށުގެ ސިއްހީ މަރުކަޒު ލެވެލް ތިނަކަށް ބަދަލުކޮށް އެކްސްޓެންޝަން އިމާރާތެއް އަޅައި 24 ގަޑިއިރު ހިދުމަތްދޭ ތަނަކަށް ހައްދަވައިދެއްވާނެ ކަމަށްވެސް ރައީސް ވަނީ ވައުދުވެވަޑައިގެންފައެވެ.
ރަށުގައި މޫދަށް އެރެވޭނެ ވަކި ސަރަހައްދެއްވެސް އަންނަ ދައުރުގައި ހަމަޖައްސައި ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި، ކުޅީ ސަރަހައްދުގައި ގެސްޓް ހައުސް އެޅުމަށް ހަމަޖެހިފައިވާ ބިންތަކަށް ލުއި ލޯނު އެހީ ފޯރުކޮށްދޭނެކަމަށްވެސް ރައީސް ވިދާޅުވިއެވެ. ރަށުގެ މިސްކިތް ނޫރުލް އިމާން ބޮޑުކޮށްދިނުމުގެ އިތުރުން، އޭޓީއެމްގެ ހިދުމަތް ގާއިމްކޮށް، ފުޓްބޯޅަ ދަނޑާއި ފުޓްސެލް ދަނޑަކީ ރޭގަނޑު ކުޅެވޭނެ ތަނަކަށް ހެދުމަށްވެސް ނިންމާފައިވާކަން ރައީސް އިއުލާންކުރެއްވިއެވެ.
ރިޔާސީ އިންތިހާބަށް ކެމްޕޭން ކުރުމުގެ ގޮތުން ރައީސް އަންނަނީ މިއަދު ގދ. ގެ ރަށްތަކަށް ވަޑައިގެން ކޮންމެ ރަށަކަށްވެސް ކޮށްދިނުމަށް ހަމަޖެހިފައިވާ ގިނަ ކަންކަން ހިއްސާ ކުރަމުންނެވެ.