އަންނަ ދައުރުގައި މަސް ރައްކާ ކުރާ ގުދަންތަކުގެ ކެޕޭސިޓީ ދެގުނަކޮށް، މަހުގެ އަގު ކަނޑައެޅުމުގެ ބާރު ދިވެހިންނަށް ހޯދައިދޭނެމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞޯލިހު ވައުދުވެވަޑައިގެންފިއެވެ.
ގދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން އެ އަތޮޅު ދެއްވަދޫއަށް ވަޑައިގެން މިއަދު ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ދެއްވަދޫގެ ރައްޔިތުން އެންމެ ބޮޑަށް ކަންބޮޑުވަނީ މަސްވެރިކަމުގެ ސިނާއަތާއި ގުޅިގެން ކަމަށެވެ. އެގޮތުން، ކުރީގެ ސަރުކާރު ތަކުން މި އިންޑަސްޓްރީއަށް ވަރަށް ބޮޑަށް އިހުމާލުވެފައިވާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، 30 ވަރަކަށް އަހަރު ކުރިން އެޅި ދެތިން ތަނެއް ފިޔަވައި ސިނާއަތް ހަގީގީ މާނައިގައި ތަރައްގީ ކުރުމަށް މާބޮޑު ކަމެއް ކޮށްފައި ނުވާ ކަމަށެވެ.
ސަރުކާރުތަކުން މަސްވެރިކަމުގެ ސިނާއަތާއި ދުރަށް ގޮސް، އެއީ އަމިއްލަ ފަރުދުން ކުރިއަރުވަންޖެހޭ ސިނާއަތެއްގެ ގޮތުގައި ދެކޭ ދެކުން އެމަނިކުފާނު ގަބޫލުނުކުރައްވާކަން ހާމަކުރައްވަމުން ރައީސް ވިދާޅުވީ، އަމިއްލަ ފަރުދުން އަތަށް ދޫކުރެވޭނީ ސަރުކާރުން ސިނާއަތް ކުރިއަރުވާފައި ކަމަށެވެ. އެގޮތުން، މަސް ގަނެ ރައްކާ ކުރެވޭ ގުދަންތައް ދެގުނަ ކުރުމަކީ އެމަނިކުފާނުގެ އަމާޒެއް ކަމަށެވެ. ރައީސް ވިދާޅުވީ، މަހަށް ބޭނުންވާ އަގު ހޯދައިދެވޭނީ އޭރުން ކަމަށެވެ. ރޯ މަސް ރާއްޖެއިން ބޭރު ކުރުމުގެ ނަތީޖާ އަކީ މަހުގެ އަގު ދިވެހިންނަށް ކަނޑައެޅުމުގެ ފުރުސަތު ނުލިބުން ކަމަށާއި، 10،000 ޓަނުގެ މަސް ރައްކާ ކުރެވޭ ގުދަންތައް ސަރުކާރުން ހަދާނެ ކަމަށާއި، އަދި ނަތީޖާއެއްގެ ގޮތުން ބޭރުގެ މާކެޓަށް މަސްވިއްކާނެ އަގު ކަނޑައެޅިގެން ދާނެ ކަމަށެވެ.
މަހަށް ރަނގަޅު އަގު ހޯދުމަށްޓަކައި، އިނގިރޭސިވިލާތާއެކު ފްރީ ޓްރޭޑް އެގްރީމެންޓެއް ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި، އެކަން މިހާރު އޮތީ ފަހު މަރުހަލާގައި ކަންވެސް ރައީސްވަނީ އިއުލާންކުރައްވާފައެވެ. މީގެއިތުރުން، ޔޫރަޕިއަން ޔޫނިއަންއާއެކު ވެސް މަހަށް ރަނގަޅު އަގެއް ހޯދުމަށް މަސައްކަތް ކުރަމުން އަންނަކަމަށާއި އެކަންވެސް އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް ވާނެ ކަމަށެވެ.
އަދިވެސް، ރައީސް ވަނީ މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް މި ސަރުކާރުން ގިނަ ކަންތައްތަކެއް ކުރާކަން ފާހަގަކޮށްފައެވެ. މަސްވެރިންނަށް ނުދައްކާ އޮތް 38 މިލިއަނެއްހާ ރުފިޔާވެސް ދައްކައި، ވަގުތުން ފައިސާ ދިނުމުގެ މަގު މިހާރު ހަމަޖައްސާފައިވާ ކަމަށާއި، އައިސް ޕްލާންޓްތައް އަޅައި މިހާރުން މިހާރަށް ބޭނުންވާ ކަންކަންވެސް ކުރަމުން އަންނަ ކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ.