އައިއޭއެކްސް ސަބްމެރިން ކޭބަލް ރަސްމީކޮށް ރާއްޖެއާ ގުޅާލައި ތާރީހުގެ ތެރެއަށް

F3P-TNCb0AA33E1

ސަރުކާރުގެ 100 އިންސައްތަ ހިއްސާވާ އޯޝަން ކަނެކްޓް މޯލްޑިވްސް (އޯސީއެމް) އާއި އިންޑިއާގެ ޓެލެކޮމް ކުންފުނި ޖިއޯ ޓެލެކޮމްއާ ގުޅިގެން އައިއޭއެކްސް ސަބްމެރިން ކޭބަލް ރަސްމީކޮށް ދިވެހިރާއްޖެއާ ގުޅާލައި ތާރީހުގެ ތެރެއިން ޖާގަ ހޯދައިފިއެވެ.

މިއަދު ހަވީރު އިންޑިޔާ އޭޝިޔާ އެކްސްޕްރެސް ސަބްމެރިން ކޭބަލް ރަސްމީކޮށް ދިވެހިރާއްޖެއާ ގުޅައިލުމުގެ ހަފުލާ ޝަރަފުވެރި ކޮށްދެއްވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުއެވެ. އަދި އައިއޭއެކްސް ސަބްމެރިން ކޭބަލް ރަސްމީކޮށް ގުޅައިލެވިފައި ވަނީ ހުޅުމާލޭގައި ހުންނަ އޯޝަން ކަނެކްޓް މޯލްޑިވްސްގެ ކެބަލްލޭންޑިންގް ސައިޓާއެވެ.

މިއީ ރާއްޖޭގައި އިންޓަރނެޓްގެ ހިދުމަތް އަގުހެޔޮކޮށް, ފެންވަރު ރަނގަޅު ޚިދުމަތެއް ފޯރުކޮށްދިނުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންފައިވާ ވައުދުގެ ދަށުން, މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓްގެ އިސްނެގުމަކަށް ކުރެވޭ މަސައްކަތަކަށްވާއިރު، މި އަހަރުގެ ރިޔާސީ ބަޔާނުގައިވެސް ރައީސް ސޯލިހު ވަނީ މިކަމަށް އަލިއަޅުވާލައްވާފައެވެ.

"ދުނިޔެ ބަދަލުވެ، އިންޓަރނެޓްގެ ޛަރީޢާއިން ކުރެވޭ މުޢާމަލާތާއި ހިންގުމުގެ ދާއިރާއަށް އަންނަ އަވަސްކަމަކީ ކުރިއަށް އޮތް ތަނަށް މުހިންމު ބަދަލެއް. ރާއްޖޭގެ އިންޓަރނެޓްގެ އަގަށް ގެނެވުނު ބަދަލާއި، އޭގެ ސްޕީޑަށް އަދިވެސް އިތުރު ތަރައްޤީ އައުން މުހިންމު. ސަރުކާރު ޝާމިލްވާ އާ ސަބްމެރިން ކޭބަލުން މިކަމަށް އިތުރު ފަހިކަން ގެނުވާނެ. ފްރާންސްގެ މާސޭއިން ސިންގަޕޫރަށް އަޅާ ސަބްމެރިން ކޭބަލް، ކުރިއަށް އޮތް ފަސްމަސްތެރޭ ރާއްޖެއަށް އެއްގަން ކުރެވި، ސެޕްޓެންބަރު މަހުގެ ނިޔަލަށް މި ސަބްމެރިން ކޭބަލް ބޭނުންކުރުމުގެ ފުރުޞަތު ލިބޭނެ. މިއީ އިންޓަރނެޓުގެ އަގު ހެޔޮވެ، ސްޕީޑަށް އިންޤިލާބީ ބަދަލެއް ގެނުވާނެ މަޝްރޫޢެއް. އެއީ، އުފެއްދުންތެރި ޒުވާނުންނާއި ވިޔަފާރިތައް، ދުނިޔޭގެ މާކެޓާ ގުޅުވައިދޭނެ ވަސީލަތެއް." މި އަހަރުގެ ރިޔާސީ ބަޔާނުގައި ރައީސް ސޯލިހު ވިދާޅުވިއެވެ.

ރާއްޖޭގެ މުޅި މުވާސަލާތީ ނެޓްވަރކް ބަރޯސާވަނީ ޓެލެކޮމް އޮޕަރޭޓަރުންގެ މައިކްރޯވޭވް ވިއުގައަކަށްވާއިރު، އެކި ރަށްރަށަށް ފޯރުކޮށްދޭ އިންޓަރނެޓް އާއި ލީސްޑް ލައިންތަކާއި ޓެލެފޯން ނެޓްވަރކް ބޭނުންކުރާ މި ނެޓްވަރކްގެ އިކުއިޕްމެންޓަށް އެންމެ މައްޗަށްވެސް ގެންދެވޭ ސްޕީޑަކީ 3ޖބޕސ އާއި 5ޖބޕސ އާ ދޭތެރޭގައި ކަމުން ރަށްރަށަށް ބޭނުންވާ ހައި ސްޕީޑް އިންޓަރނެޓް ފޯރު ކޮށްދިނުމުގައި ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެއެވެ.

ނަމަވެސް ސަރުކާރުން ބުނީ، އައިއޭއެކްސް ސަބްމެރިން ކޭބަލް ގުޅާލުމުން ގިގަބައިޓް ސްޕީޑްގައި ރާއްޖޭގެ އިދާރާތައް ގުޅާލެވާއި، އިދާރާތައް ގުޅާލުމަށް ހިނގާ ހަރަދު ބޮޑުތަކުން ކުޑަކޮށް، ރާއްޖޭގައި ވިލުންތެރި މުވާސަލާތީ ވިއުގައެއް ޤާއިމުކޮށް، ގަވަމެންޓް ނެކްވަރކް އޮފް މޯލްޑިވްސް މެދުވެރިކޮށް އިންޓަރނެޓް ފޯރު ކޮށްދިނުމުގެ މަގު ފަހިވުމުގެ އިތުރުން ދިވެހިންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުވެގެންދާނެއެވެ.

ކުޑަ ރަށެއް ބޮޑު ރަށެއް ތަފާތު ކުރުމެއްނެތި މުޅި ރާއްޖެއަށް ތަރައްޤީ ގެނެސް ދިނުމަކީ މި ސަރުކާރުގެ އެންމެ މުހިންމު އެއް ސިޔާސަތެވެ. މިގޮތުން އާބާދީ މަދު ކުދި ރަށްރަށުގައި ސެޓެލައިޓް ސްކޫލުން މި ސަރުކާރުންވަނީ ކާމިޔާބު ކަމާއެކު ފަށާފައިވާއިރު، މިފަދަ ކަންކަމުގައި އިންޓަރނެޓަށް ބަރޯސާ ވާންޖެހޭ މިންވަރު ނުހަނު ބޮޑު. އައި.އޭ.އެކްސް ސަބްމެރިން ކޭބަލްގެ ސަބަބުން ސެޓެލައިޓް ސްކޫލިންގ ގެ ނިޒާމް އިތުރަށް ހަރުދަނާ ވެގެންދާނެ ކަމަށް ސަރުކާރުން ބުނެއެވެ.

ރާއްޖޭގެ ސިއްޙީ ދާއިރާ ޑިޖިޓަލައިޒްކޮށް ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތައް އެއް ސިސްޓަމްއަކުން ގުޅާލުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަށް މިއާއެކު އިތުރު ކުރިއެރުމެއް ލިބިގެންދާނެއެވެ. މިގޮތުން, ދުރު ރަށްތަކުގައި ތިބި ބަލިމީހުންނަށް ރާއްޖޭގެ މައި ހޮސްޕިޓަލްގައި ފަރުވާދޭ ޑޮކްޓަރުންގެ ލަފާ ހޯދުމުގައި އެތައް ލުއި ފަސޭހައެއް ލިބިގެންދާނެއެވެ. އަދި ސިއްހީ ފަރުވާއަށް އެއްރަށުން އަނެއް ރަށަށް ދަތުރުކުރަން ޖެހުމަށް ހައްލެއް ލިބިގެންދާނެއެވެ.

މީގެއިތުރުން ސަބްމެރިން ކޭބަލް ގުޅާލުމުން:

  • އިޤްތިސާދާއި ވިޔަފާރީގެ ދާއިރާއިން ކުރިއަށްދާން ބޭނުންވާ ފަރާތްތަކަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި މާހިރުންނާއެކު ފަސޭހަ ކަމާއި ހަލުވި ކަމާއެކު މަސައްކަތުގައި ކުރިއަށްދެވޭނެ މަގު ފަހިވެގެންދާނެ. އަދިި ބޭނުން ކޮންމެ ދާއިރާއަކުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ތަޖުރިބާކާރުންގެ ލަފާ ހޯދުމުގައި މިހާރު ކުރިމަތިވާ އެތައް ގޮންޖެހުމެއް ހައްލު ކުރެވިގެންދިޔުމާއެކު ރާއްޖޭގެ ވިޔަފާރިތައް މުޅި ދުނިޔެއަށް ހުޅުވައިދިނުމަށް އެތައް ފުރުސަތެއް ފަހިވެގެންދާނެ.
  • ރާއްޖެއަށް އިންވެސްޓްކުރާ ބޭރުގެ ފަރާތްތަކަށްވެސް ރާއްޖެއާއެކު މަސައްކަތް ކުރުމުގައި އިތުބާރު ބޮޑުވެގެންދޭ. ހަމަ މިއާއެކު ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށްވެސް މިކަމުން ލުއިފަސޭހަތަކެއް ލިބިގެންދާނެ.
  • ދައުލަތުގެ އެކިއެކި އިދާރާތަކުން އާންމުންނަށް ފޯރު ކޮށްދޭންޖެހޭ ޚިދުމަތްތައް އަވަސްވެ, ޚިދުމަތުގެ ފެންވަރު ރަނގަޅުވެގެންދާނެ. އެއް އިދާރާއާ އަނެއް އިދާރާއާ ދެމެދު ބަދަލުކުރަންޖެހޭ މައުލޫމާތުތައްވެސް ގަވަރމަންޓް ނެޓްވަރކް އޮފް މޯލްޑިވްސް ވިއުގަ ތެރެއިން ރައްކާތެރިކަމާއެކު ބަދަލުކުރެވޭނެ. މިކަމުން އާންމުންގެ އިތުބާރު ބޮޑު ވެގެންދޭ.
  • ޤައުމީ ސަލާމަތުގެ ނަޒަރަކުން ބަލާއިރު, ރައްކާތެރިކަމާއެކު މައުލޫމާތު ބަދަލު ކުރެވޭނެ މިފަދަ ނިޒާމެއް ޤާއިމުވެގެން ދިއުމަކީ މުހިންމު ކަމެއް.
  • މުސްތަގުބަލުގައި ގަވަރމަންޓް ނެޓްވަރކް އޮފް މޯލްޑިވްސްގެ ޒަރީއާއިން ރާއްޖޭގައި އިންޓަރނެޓް ޚިދުމަތްދިނުމަށް މަގުފަހިކުރުމަށް ކުރެވޭ މި މަސައްކަތަކީ, އިންޓަރނެޓް ޚިދުތުގެ ފެންވަރު ރަނގަޅު ކުރުމަށާއި އަގު އެތައްތަނެއް ހެޔޮ ކުރުމަށް އެޅިގެންދާ މުހިންމު ފިޔަވަޅެއް

މީގެ ކުރިންވެސް ސަރުކާރުންވަނީ ރާއްޖޭގެ އިންޓަރނެޓްގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް ހެޔޮ އަގެއްގައި އާންމުންނަށް ފޯރު ކޮށްދިނުމަށްތަކައި "ނެޓުހެޔޮ" ސިޔާސަތު ތަންފީޒުކޮށްފައެވެ. މިފަދަ ހުރިހާ ކަމަކުންވެސް ދިވެހި ރައްޔިތުން އާންމު ޚިދުމަތްތައް ހޯދުމަށް ކުރަންޖެހޭ ޚާރަދާއި އުފުލަންޖެހޭ ބުރައަށް ލުޔެއް ލިބިގެންދެއެވެ. ދިވެހިންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރުމަށް ހުރިހާ ދާއިރާއަކުންވެސް ސަރުކާރުން މުހިންމު މަސައްކަތްތަކެއް ކުރަމުން ގެންދެއެވެ.

Leave a Reply

Your email address will not be published. Required fields are marked *