އަންނަ ދައުރުގައި ނ. ޅޮހީގައި ގިރާ ސަރަހައްދު ހިމާޔަތްކޮށް ޓޫރިސްޓުންނަށް ހާއްސަ ބީޗެއް ހަދައި، ހެލްތު ސެންޓަރު 24 ގަޑިއިރަށް ބަދަލުކޮށް ލެބޯޓަރީއެއް ގާއިމްކޮށް، އައު ކައުންސިލް އިދާރާއަކާއި، ޔޫތު ސެންޓަރަކާއި، މަލްޓި ޕާޕަސް ހޯލެއް އަޅައިދޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞޯލިހު ވައުދުވެވަޑައިގެންފިއެވެ.
ރައީސް މިގޮތަށް ވައުދުވެވަޑައިގެންނެވީ ރިޔާސީ އިންތިހާބަށް ކެމްޕޭން ކުރުމުގެ ގޮތުން ނ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން އެ އަތޮޅު ޅޮހިއަށް ވަޑައިގެން މިއަދު ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ. އެގޮތުން، އެ ޖަލްސާގައި ރައީސް ވިދާޅުވީ، 2018 ވަނަ އަހަރު ޖަޒީރާ ރާއްޖޭގެ މެނިފެސްޓޯއާއެކު ނިކުތްއިރު، ޅޮހީގައިވެސް އަސާސީ ގިނަ ހިދުމަތްތައް ހުރީ ނުނިމި ކަމަށެވެ. އެގޮތުން، ފެނާއި ނަރުދަމާގެ ނިޒާމު ކަމުގައިވިޔަސް، ކަރަންޓުގެ ހިދުމަތްވިޔަސް، އަދި ސްކޫލުގައި ހުންނަން ޖެހޭ ހިދުމަތްތައްވެސް ހުރީ ނުނިމި ކަމަށެވެ. ޅޮހީއަކީ ލަފާފުރުންވެސް ދަތި ރަށެއް ކަމަށާއި، ބަނދަރުގެ މަސައްކަތްވެސް މިހާރު އެމްޓީސީސީއާ ހަވާލުކުރެވިފައިވާ ކަމަށެވެ.
އަސާސީ ހިދުމަތްތައް ޒަމާންތަކެއް ފަހުން ހުރިހާ ރަށެއްގައި ގާއިމްކުރެވެމުންދާއިރު، ރައީސް ވިދާޅުވީ ދެން އޮތީ އޭގެ މައްޗަށް ބިނާކުރުން ކަމަށެވެ. ޕީޕީއެމްގެ ކެނޑިޑޭޓް މުއިއްޒުއަށް ފާޑުވިދާޅުވަމުން ރައީސް ވިދާޅުވީ، ބައެއް ކެނޑިޑޭޓުންގެ އަމާޒު ހުރީ ހަމައެކަނި ބޮޑެތި އާބާދީތަކަށް ކަންކަން ކޮށްދިނުން ކަމަށެވެ. ޕީޕީއެމްގެ ކުރީގެ ސަރުކާރުގައިވެސް ކަންކުރީ އެހެން ކަމަށާއި، މުއިއްޒު ކެމްޕޭނުގައިވެސް ވިދާޅުވަމުންދަނީ އެކަން އެގޮތަށް ކުރާނެ ކަމުގެ ވާހަކަ ކަމަށެވެ. އެހެންނަމަވެސް، މި ސަރުކާރުގެ އަމާޒަކީ ކުޑަ ރަށެއް ބޮޑު ރަށެއް ނުބަލައި ހުރިހާ ރަށެއް ތަރައްގީކުރުމެވެ.
އަންނަ ދައުރުގައި ޅޮއްސަށް ކޮށްދިނުމަށް ހަމަޖެހިފައިވާ ކަންކަން ފާހަގަ ކުރައްވަމުން ރައީސް ވިދާޅުވީ، އެ ރަށުު ގިރާ ސަރަހައްދު ހިމާޔަތްކޮށް، ޓޫރިސްޓުންނަށް ފަސޭހައިން މޫދަށް އެރެވޭނެ ވަކި ބީޗެއް ހަދައިދެއްވާނެ ކަމަށެވެ. އަދި، 8ގަޑިއިރުގެ ހިދުމަތްދޭ ހެލްތު ސެންޓަރު 24 ގަޑިއިރަށް ބަދަލުކޮށް، ލެބޯޓަރީގެ ހިދުމަތް ލިބޭނެ ގޮތްވެސް ހަމަޖައްސައިދެއްވާނެ ކަމަށެވެ. މީގެއިތުރުން، ސްކޫލަށް މަލްޓިޕާޕަސް ހޯލެއް އަޅައި، ރިސޯސް ރޫމްތައް އަޅައި، އައު ކައުންސިލް އިދާރާއަކާއި ޔޫތު ސެންޓަރެއްވެސް ޒުވާނުންނަށް އަޅައިދެއްވާނެކަން ރައީސް ވަނީ އިއުލާންކުރައްވާފައެވެ.
ޅޮހީގެ ރައްޔިތުންގެ ކިބައިން ރައީސް އެދިވަޑައިގެންނެވީ، އެ ރަށަށް އަންނަމުންދާ ތަރައްގީއާއެކު ރަށުގެ ރައްޔިތުން ކުރިއަށް ވަޑައިގެންނެވުމަށްކަމަށެވެ.