ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިޙް، އަރިއަތޮޅު އުތުރުބުރީ ފެރިދޫ ސިއްޙީމަރުކަޒަށް އިތުރުކުރެވުނު އައު ޢިމާރާތް ހުޅުއްވައިދެއްވައިފިއެވެ.
އެމަނިކުފާނު މި ޢިމާރާތް ހުޅުއްވައިދެއްވީ، މިއަދު އެމަނިކުފާނު އަރިއަތޮޅަށް ފެއްޓެވި ދަތުރުފުޅުގައި މިއަދު ހަވީރު ފެރިދޫއަށް ކުރެއްވި ޒިޔާރަތުގައެވެ.

ރައީސް ސޯލިހު މިއަދު ހުޅުއްވައިދެއްވި، މި ޢިމާރާތާއި އެކު، ފެރިދޫ ޞިއްޙީ މަރުކަޒަށް ކުރިމަތިވެފައި އޮތް ޖާގައިގެ ދަތިކަން ހައްލުވެގެންދާނެއެވެ. މިޢިމާރާތުގައި، އިދާރީ މަސައްކަތް ކުރާނެ އޮފީހާއި، މީޓިންގ ރޫމާއި، ޕަބްލިކް ހެލްތު ޔުނިޓާއި، ޖެނެރަލް ސްޓޯރއަކާއި މެޑިކަލް ސްޓޯރއެއްގެ އިތުރުން ލޯންޑްރީ އޭރިއާއެއް ހުރެއެވެ.
އަތޮޅުތަކުގެ ޞިއްޙީ ޚިދުމަތް ތަރައްޤީކުރެއްވުމަށް ސަރުކާރުން ޚާއްޞަ އިސްކަމެއް ދެއްވައިގެން ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ވަނީ ހިންގާފައެވެ. މިގޮތުން ޞިއްޙީ މަރުކަޒުތަކާއި އަތޮޅު ހޮސްޕިޓަލްތަކާއި، ސަރަޙައްދީ ހޮސްޕިޓަލްތަކުގެ ޢުމުރާނީ ތަރައްޤީއަށާއި، އިންސާނީ ވަސީލަތްތައް ތަރައްޤީކޮށް، އައު ޚިދުމަތްތައް ވަނީ ފަށާފައެވެ.