ހަނިމާދޫ އެއާޕޯޓް ތަރައްގީ ކުރުމުގެ މަސައްކަތުގެ 50 އިންސައްތަ ނިމިފައިވާ ކަމަށް އެ މަޝްރޫއު ކުރިޔަށް ގެންދާ އިންޑިއާގެ ޖީއެމްސީ ކުންފުނިން ބުނެފިއެވެ.
ޖީއެމްސީ އިން ބުނީ، ހަނިމާދޫ އެއާޕޯޓްގެ މަސައްކަތުގެ 50 އިންސައްތަ ފުރިހަމަ ކުރެވިފައިވާ ކަމަށާއި، އެއާޕޯޓްގައި ހަދާ 2.7 ކިލޯ މީޓަރުގެ ރަންވޭގެ ތެރެއިން، 1.2 ކިލޯ މީޓަރުގެ ރަންވޭގެ މަސައްކަތް ކުރިޔަށް އޮތް ދެ ހަފްތާ ތެރޭގައި ނިމޭނެ ކަމަށެވެ.

މީގެއިތުރުން މަޝްރޫއުގެ ދަށުން އެއާ ޓްރެފިކް ކޮންޓްރޯލް ބިލްޑިންގެ 42 އިންސައްތަ މަސައްކަތް ނިމިފައިވާއިރު، އާރްއޯ އާއި ޕަވާ ޕްލާންޓްގެ 63 އިންސައްތަ މަސައްކަތް ވަނީ ނިމިފައެވެ. އަދި ކާގޯ ބިލްޑިންގެ 30 އިންސައްތަ މަސައްކަތް ނިމިފައިވާއިރު، ޕެސެންޖާ ޓާމިނަލްގެ 21 އިންސައްތަ މަސައްކަތް ވަނީ ނިމިފައެވެ.
މި މަޝްރޫޢުގެ ދަށުން ހަނިމާދޫގައި 2.7 ކިލޯމީޓަރުގެ އާ ރަންވޭއަކާއި، އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ ޒަމާނީ ޓާމިނަލަކާއި، އެއާޕޯޓަށް ބޭނުންވާނެ އެހެނިހެން ވަސީލަތްތައް ގާއިމުކުރެވިގެން ދާނެއެވެ. އަދި އެއާޕޯޓަށް އޭ 320 އަދި ބޮއިން 737 ބޯޓު ޖެއްސޭނެއެވެ.
މި މަޝްރޫއަށް 136 މިލިއަން ޑޮލަރު ހަރަދުވާނެއެވެ.