ދެވަނަ ބުރަކަށް އިންތިހާބު ގެންގޮސްގެން ބައިނަގަން އުޅުއްވިޔަސް އެކަމެއް އިރާދަކުރެއްވިއްޔާ ނުވާނެކަމަށް ވިދާޅުވެ ބައެއް ކެނޑިޑޭޓުންނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞޯލިހު ބަހުގެ ހަމަލާތަކެއް ފޮނުވައިލައިފިއިވެެ.
ރައީސް މިގޮތަށް ވިދާޅުވީ ރިޔާސީ އިންތިހާބަށް ކެމްޕޭން ކުރުމުގެ ގޮތުން ބ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން އެ އަތޮޅު ކެންދޫއަށް ވަޑައިގެން މިއަދު ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ. އެގޮތުން، އެ ޖަލްސާގައި ރައީސް ވިދާޅުވީ، އިންތިހާބުގައި ވާދަކުރައްވާފައިވާ ބައެއް ކެނޑިޑޭޓުން ދައްކަވަމުން ގެންދާ ވާހަކަތަކުން، ސީރިއަސް ކަމާއެކު އިންތިހާބު ކާމިޔާބު ކުރުމަށް މަސައްކަތް ކުރައްވަނީ ވަރަށް މަދު ކެނޑިޑޭޓުންކަން ސާފުވާ ކަމަށެވެ. ގިނަ ކެނޑިޑޭޓުންގެ ވިސްނުން ހުރީ ވޯޓު ބައިބައި ކޮށްގެން އިންތިހާބު ދެވަނަ ބުރަކަށް ގެންގޮސް ސަރުކާރުގެ ގިނަ މަގާމްތަށް ހޯދުމަށް ކަމަށެވެ.
އެކަމަކު، ކެމްޕޭނަށް ނުކުތުމުން އަސްލު މަންޒަރު ފެނި ބައެއް ކެނޑިޑޭޓުން ވަރަށް ކޯފާއިސްވެގެން އެބަ އުޅުއްވާ ކަމަށެވެ. ޖަންގަލީގައި އެކި ގޮތްގޮތަށް ވާ މަގުތައް ހުންނާނެ ކަމަށާއި، އަންތަރީހަށް ނާރައި ވިސްނުން އިސްކުރަން ޖެހޭނެ ކަމަށް ވިދާޅުވެ ރައީސްވަނީ ޅެން ބައިތަކުންވެސް ދެން ތިބި ކެނޑިޑޭޓުންނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
"ދަންނަވަންތޯ. އިންތިހާބު މިއޮތީ ފުރަތަމަ ބުރުން ނިމިފައި. ދެންވެސް ކުރަންވީ ކަމަކީ ވިސްނުން އިސްކުރައްވައި އަޅުގަނޑުމެންނާއި އެއްކޮޅަށް އެރުން" ރައީސް ވިދާޅުވިއެވެ. އެގޮތުން، އެ ޕާޓީތަކަށް އެންމެ ފައިދާ ބޮޑު ގޮތަކީވެސް އެއީ ކަމަށާއި، ދެވަނަ ބުރަކަށް ގެންގޮސްގެން ސަރުކާރު ބައި ނަގަން ފުރުސަތު ނުދެއްވާނެ ކަމަށެވެ.
ރައްޔިތުންނަށްވެސް މިހާރު އެކަން ވިސްނޭ ކަމަށާއި، އެ ފުރުސަތު ދިނުމަކަށް ރައްޔިތުން ނޭދޭ ކަމަށެވެ. ރައީސް ވިދާޅުވީ، ދެވަނަ ބުރެއްގައި އުފެދޭ ކޯލިޝަންތަށް އަބަދުވެސް ދެމި ނޯންނަ ކަމަށާއި، ފުރަތަމަ ބުރާއި ދެވަނަ ބުރު ދޭތެރޭގައި މަޝްވަރާކުރަން މާ ވަގުތު ނުލިބޭ ކަމަށެވެ. ނަތީޖާ އަކީ ފުރަތަމަ އުފެދުނު ކޯލިޝަން 21 ދުވަސް ނުވެ ރޫޅިގެން ދިޔުން ކަމަށާއި، 2013 ވަނަ އަހަރުވެސް ކޯލިޝަން 6 މަސް ދުވަސްނުވެ ރޫޅުނީ ކަމަށެވެ. 2018 ވަނަ އަހަރު ފުރަތަމަ ބުރު ކޯލިޝަން ހެދީ އެކަން ވިސްނިގެން ކަމަށާއި، ކޯލިޝަނެއްގެ ގޮތުގައި އަދިވެސް ސަރުކާރު ދެމެހެއްޓުނީ އެހެންވެ ކަމަށެވެ.
2023 އަށްވެސް ރައީސް ނިކުމެ މިހުންނެވީ އެ ތަޖުރިބާއާއެކު ކަމަށާއި، މި ކޯލިޝަނުންވެސް އިރާދަކުރެއްވިއްޔާ މި ފަހަރުވެސް އިންތިހާބު ބޮޑުތަނުން ނަގާނެ ކަމަށެވެ.