ދަ ޑިމޮކްރެޓްސް ދޫކޮށް ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާން އެމްޑީޕީއަށް ސޮއިކޮށްފިއެވެ.
އެމްޑީޕީ ދޫކޮށް ދަ ޑިމޮކްރެޓްސްއާ ގުޅުނު މެމްބަރުން ތެރޭގައި ހިމެނޭ ޝިޔާން އަނބުރާ އެމްޑީޕީއަށް ސޮއިކުރި މެމްބާޝިޕް ފޯމް ހަވާލުކުރެއްވީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާއެވެ.
އެމްޑީޕީއަށް ސޮއިކުރުމަށްފަހު ޝިޔާން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ތޮއްޑޫ ދާއިރާ އާއި ރާއްޖޭގެ ގިނަ ރައްޔިތުންގެ ވިންދާ އެއްގޮތަށް އޭނާގެ ވިސްނުން ބަދަލުކޮށް އެމްޑީޕީއާ ގުޅިފައިވާ ކަމަށާއި، އަދި ތޮއްޑޫ ދާއިރާގެ ސާފު ބޮޑު އަގުލަބިއްޔަތާއެކު އެއްބުރުން ރައީސް ސޯލިހު ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާނެ ކަމަށެވެ.
އެމްޑީޕީ ދޫކޮށް ދަ ޑިމޮކްރެޓްސްއާ ގުޅުނު މެމްބަރުންގެ ތެރެއިން ގިނަ މެމްބަރުން އަނބުރާ އެމްޑީޕީއާ އަންނަނީ ގުޅެމުންނެވެ. އަދި އެމްޑީޕީއަށް މެމްބަރުން އިތުރު ކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން މަޖިލިސް މެމްބަރުންނާއި، ކައުންސިލަރުންނާއި، އަދި އެހެން ޕާޓީތަކުގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތްތައް ހިމެނެއެވެ.