ހދ.ހަނިމާދޫގައި ޤާއިމްކުރާ އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑްގެ އައު ހެޑްކުއޯޓަޒްގެ ބިންގާ އަޅުއްވައިދެއްވައިފިއެވެ.
ހދ. ހަނިމާދޫގައި މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، އައު ހެޑްކުއޯޓަޒްގެ ބިންގާ އަޅުއްވައިދެއްވީ މިނިސްޓަރ އޮފް ޑިފެންސް، އަލްއުސްތާޛާ މާރިއާ އަޙްމަދު ދީދީ އާއި ޗީފް އޮފް ޑިފެންސް ފޯސް ލެފްޓިނެންޓް ޖެނަރަލް ޢަބްދުﷲ ޝަމާލް އެެވެ.
ނޮދަން އޭރިއާ ކޮމާންޑްގެ އައު ހެޑްކުއޯޓަރޒް ޤާއިމް ކުރުމަށްޓަކައި، ހދ.ހަނިމާދޫން ހަތަރު ލައްކަ އަކަފޫޓަށް ވުރެ ބޮޑު ބިމެއް ސަރުކާރުން ވަނީ ހަމަޖައްސަވާދެއްވާފައެވެ. އަދި ހދ.ހަނިމާދޫގައި ޤާއިމްކުރާ ނޮދަން އޭރިއާ ކޮމާންޑްގެ ހެޑްކްއޯޓަރޒްގެ މަސައްކަތްތައް ރޭވިފައިވަނީ ދެ ފޭސްއަކަށް ބަހާލައިގެންނެވެ.
ޕްރޮޖެކްޓްގެ މަސައްކަތްތައް ތާވަލް ކުރެވިފައިވާ ގޮތުން، ފޭސް 1 ގެ މަސައްކަތް ފަށާތާ 8 މަސް ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ އެއްބަސްވެފައިވާއިރު، އެންމެ ފަހުގެ ޒަމާނީ ވަޞީލަތްތަކާއެކު ޤާއިމްކުރާ މި މަރުކަޒުގެ މަސައްކަތްތައް ނިމި، ނޮދަން އޭރިއާ ކޮމާންޑްގެ ހެޑްކުއޯޓަރޒްގެ ދާއިމީ މަރުކަޒަށް ބަދަލުކުރެވުމުން ނޮދަން އޭރިއާ ކޮމާންޑްގެ އަސްކަރީ ޤާބިލްކަށް މިހާރަށްވުރެ އިތުރުވެގެންދާނެ ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.
މި ޕްރޮޖެކްޓަކީ ސަރުކާރު ބަޖެޓުން 35 މިލިއަން ރުފިޔާ ޚަރަދު ކުރައްވައިގެން އުތުރުގައި ޤާއިމްކުރާ ސިފައިންގެ އެންމެ ބޮޑު މަރުކަޒެވެ.
ސިފައިންގެ ހިންގުން ހަރުދަނާ ކުރުމަށް ސިފައިންގެ ލީޑަރޝިޕުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުގެ ދަށުން، 2019 ވަނަ އަހަރު އެކުލަވާލި އެމްއެންޑީއެފް ކެޕްސްޓޯން ޑޮކްޓްރީންގައި ބަޔާންކޮށްފައިވާ ގޮތަށް ސިފައިންގެ ފޯސް ސްޓްރަކްޗަރއަށް ގެންނަމުންދާ ބަދަލުތަކުގެ ތެރެއިން، އެމްއެންޑީއެފް އޭރިއާ ކޮމާންޑްތަކުގެ އޮޕަރޭޝަނަލް ޤާބިލުކަން އިތުރުކޮށް، އާލާތްތަކާއި ވަސީލަތްތައް ޤާއިމުކުރުމުގެ މަސައްކަތް ހަލުވި ދުވެއްޔެއްގައި ދަނީ ކުރެވެމުންނެވެ. އަދި މިހާރު ވެސް އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑްގެ ހަ ރަށެއްގައި ސިފައިންގެ ހަތް މަރުކަޒު ޤާއިމްކުރެވި، ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް ދަނީ ފޯރުކޮށްދެމުންނެވެ.