ރައީސްގެ ވައުދު ތ.ކިނބިދޫއަށް: ވޭމަންޑޫއާ ކޯޒްވޭއަކުން ގުޅާލަދޭނަން

IMG_1450

އަންނަ ދައުރުގައި ތ. ކިނބިދޫއާއި ވޭމަންޑޫއާ ކޯޒްވޭއަކުން ގުޅާލައި، ބޮޑު ހުރިހާ މަގެއް ހަދައި، މަލްޓި ޕާޕަސް ހޯލާއި ކްލާސްރޫމް އިތުރުކޮށް، ކުޅިވަރު އެރީނާ އަޕްގްރޭޑް ކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞޯލިހު ވައުދުވެވަޑައިގެންފިއެވެ.

ރައީސް މިގޮތަށް ވައުދުވެވަޑައިގެންނެވީ ރިޔާސީ އިންތިހާބަށް ކެމްޕޭން ކުރުމުގެ ގޮތުން ތ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން އެ އަތޮޅު ކިނބިދޫއަށް ވަޑައިގެން މިއަދު ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ. އެގޮތުން، އެ ޖަލްސާގައި ރައީސް ވިދާޅުވީ، ކިނބިދޫ ރައްޔިތުންނަކީ އިސްލާހީ މަސައްކަތް ފެށިގެން މިއަދާއި ހަމައަށް އައި އިރު އެމްޑީޕީއިން ކުރި ދަތުރު ވަރަށް ރަނގަޅަށް ދަންނާނެ ރައްޔިތުން ދިރިއުޅޭ ރަށެއް ކަމަށެވެ. އީވާން ނަސީމްގެ މަރުން ފެށިގެން، އޮގަސްޓް 12،13 ގެ އެއްވުމާއި، 2008 ވަނަ އަހަރު ވަތަން އެދޭގޮތަށް ކުރި ދަތުރު އެ ރަށު ރައްޔިތުން ހަނދާން ހުންނާނެ ކަމަށާއި، އެ ވެރިކަން އައީ އެތައް ބައެއްގެ އެތައް އުންމީދާއެކު ކަމަށެވެ.

ވެރިކަން ވެއްޓިގެން ދިޔަގޮތުން ވަރަށް ގިނަ އިބުރަތްތަކެއް އެންމެނަށްވެސް ލިބުނު ކަމަށާއި، އަނެއްކާވެސް އެމްޑީޕީ ނިކުންނަން ޖެހުނީ މަގުމައްޗަށް ކަމަށެވެ. ރައީސް ވިދާޅުވީ، ފަހަތަށް ނުޖެހި ކުރި މަސައްކަތުން 2018 ވަނަ އަހަރު ވޯޓުން ވެރިކަން ބަދަލު ކުރި ކަމަށާއި، އޭގެ ފަހުން މިއަދާއި ހަމައަށްވެސް މަސައްކަތް ކުރަމުން މި އަންނަނީ ރައްޔިތުންނަށް ކޮށްދޭން ޖެހޭ އަސާސީ ކަންކަން ކޮށްދިނުމަަށް ކަމަށެވެ. ކޮވިޑުގެ ވަބާއާއެކުވެސް ގިނަ މަސައްކަތްތަކެއް ކުރެވުނުކަން ރައީސް ފާހަގަކުރެއްވިއެވެ. އެގޮތުން، 2008 ވަނަ އަހަރުގެ ފައިނޭންޝިއަލް ކްރައިސިސްއާ ހިލާފަށް ކޮވިޑުގެ ދުވަސްވަރު އެއްވެސް މީހެއްގެ މުސާރަ ސަރުކާރުން ކުޑަނުކުރާކަންވެސް ރައީސް ފާހަގަކުރެއްވިއެވެ.

އަންނަ ދައުރުގައި ކިނބިދޫއަށް ކޮށްދިނުމަށް ހަމަޖެހިފައިވާ ކަންކަމަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، އެ ރަށުގެ ރައްޔިތުންގެ އެދުމުގެ މަތިން 25 ހެކްޓަރުގެ ބިން ހިއްކުމަށް މިހާރު ހަވާލުކުރެވިފައިވާއިރު، ކިނބިދޫއާއި ވޭމަންޑޫއާ ކޯޒްވޭއަކުން އަންނަ ދައުރުގައި ގުޅާލާނެ ކަމަށެވެ. އަދި، ސްކޫލަށް ބޭނުންވާ މަލްޓި ޕާޕަސް ހޯލާއި، ކްލާސްރޫމް އިތުރުކޮށް، ފުޓްބޯޅަ ދަނޑުގައި ސިޑިބަރިއަކާއި ޗޭންޖިންގ ރޫމެއް ހަދައި، ކުޅިވަރު އެރީނާ އަޕްގްރޭޑް ކުރުމަށް ހަމަޖެހިފައިވާ ކަންވެސް ރައީސް ވަނީ ވައުދުވެވަޑައިގެންފައެވެ. ރަށުގެ ބޮޑެތި ހުރިހާ މަގެއްގައި ތާރު އަޅައި ޒަމާނީ ފެންވަރަށް ހަދައިދިނުމަށް ހަމަޖެހިފައިވާކަންވެސް ރައީސް އިއުލާންކުރެއްވިއެވެ.

ރައީސް ވިދާޅުވީ، ކެމްޕޭނަށް ވަޑައިގަންނަވާ ކޮންމެ ރަށަކުންވެސް ފެންނަނީ ތަރައްގީއާއެކު ކުރިއަށް ދިޔުމުގެ ވިސްނުން ކަމަށެވެ. އިންތިހާބު ދެވަނަ ބުރަކަށް ގޮސް، ހަލަބޮލިކަމަކަށް ރާއްޖެ އަމާޒު ހިފާފާނެ ކަމަށާއި، އެކަމަށް އެނބުރި ދިޔުމަކީ އެމަނިކުފާނުވެސް އަދި ރައްޔިތުންވެސް އެދޭނެ ގޮތް ނޫންކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *