ކުރިން ބުނި އެތި ކެންސަލް: މުއިއްޒުއަށް "އިންޑިއާ އައުޓް" އެއްނޫން، "އިންޑިއާ ފަސްޓް"

photo_2023-08-27_19-12-37

ފާއިތުވި ހަތަރު އަހަރު އިދިކޮޅު ޕީޕީއެމް-ޕީއެންސީ އިން ދެއްކީ އެއް ވާހަކައެކެވެ. ދުލަށް ފަސޭހަ ބަހެއް ތައާރަފްކޮށް، ޓީޝާޓް ތަކަށް ޕްރިންޓްކޮށް ހެދުން އަލަމާރި ތަކުގައި އެލުވައި، ބިލްޑިންގ ތައް މަތިން ބެނާތައް ވައްޓައިގެންވެސް ދައްކަމުންދިޔައީ ހަމަ އެންމެ ވާހަކައެކެވެ. ޕާޓީގެ ލީޑަރޝިޕަށް އޭރު އެންމެ ފައިދާ ބޮޑީ އެގޮތަށް ވާހަކަ ދެއްކެމުންކަން ވިސްނިފައި އޮތުމުން، "އިންޑިއާ އައުޓް" ނޫން ވާހަކައެއް ނުދެއްކެއެވެ. މާލޭގެ މަގުތައް މަތީ މުޒާހަރާކޮށް، ދިވެހިންގެ ހިތްތަކުގައި އިންޑިއާ މީހުންނާއި މެދު ބިރުވެރިކަން އުފައްދަމުން ދިޔައީ، މިވަގުތު ޕީއެންސީގެ ރިޔާސީ ޓިކެޓުގައި ވާއްދަ ކުރައްވާ ޑރ. މުއިއްޒުވެސް އިސްވެ ހުންނަވައިގެންނެވެ.

އިންޑިއާއަކީ ދިވެހިރާއްޖެއާއި އެންމެ ގާތް އަވައްޓެރިޔާއެވެ. މި ސަރުކާރުގެ "އިންޑިއާ ފަސްޓް" ޕޮލިސީ ބިިނާވެފައި އޮތީ އެ ބަދަލު ނުކުރެވޭ ހަގީގަތުގެ މައްޗަށެވެ. އިންޑިއާ އާއި ދިވެއްހިރާއްޖެއާ ދެމެދު އޮތް އިގްތިސާދީ އިޖްތިމާއީ ގުޅުންތަށް ދެނެގަނެ، އިންޑިއާއަކީވެސް ދިވެހިރާއްޖޭގެ ތަރައްގީގައި ބައިވެރިއެއްގެ ގޮތުގައި ބަލައިގަތުމުގެ މައްޗަށެވެ. އިންޑިއާ ކަނޑުގެ ރައްކާތެރިކަން ދެމެހެއްޓުމަށްޓަކައިވެސް ދެ ގައުމުގެ ދެމެދުގައި ގުޅުން ބަދަހިވެފައި އޮންނަން ޖެހޭނެ ކަން ވިސްނި އެކަން ހާސިލްކުރުމަށެވެ.

"އިންޑިއާ އައުޓް" ކެމްޕޭނަކީ ކަނޑައެޅިގެން ދިވެހިންގެ ތެރޭގައި އިންޑިއާ ރައްޔިތުންނާއި މެދު ބިރުވެރިކަން އުފެއްދުމުގެ ނިޔަތުގައި ކުރިއަށް ގެންދިޔަ ކެމްޕޭނެކެވެ. އިންޑިއާގެ ބޮޑުވަޒީރަށް ފުރައްސާރަކުރުމުން ފެށިގެން ގޮސް، އެ ގައުމުގެ ދިދައިގައި ކުރަހައި ޕާޓީ އޮފީހުގައި އެލުވީ، އިންޑިއާ އާމެދު ދިވެހިންގެ ހިތްތަކުގައި ރުޅިވެރިކަން އުފެއްދުމަށެވެ. އިންޑިއާ ހައި ކޮމިޝަން ދޮށުގައި މުޒާހަރާ ކުރުމަށް ގޮވާލަމުން ދިޔައިރު، އޭރުވެސް ދިވެހި ސަރުކާރުން އެކަން ކުށްވެރި ކުރިއެވެ. ދެ ގައުމު ދެމެދުގައި އޮތް ގުޅުންތަކަށް ބުރޫނާރުވައި، ރާއްޖޭގެ ހާރިޖީ ސިޔާސަތަކީ އެތެރޭގެ ކުޅިވަރަކަށް ނުހެދުމަށް އޭރުވެސް އެދެމުން ދިޔައެވެ.

އޭރު ޑރ. މުއިއްޒު އުޅުއްވީ "އިންޑިއާ އައުޓް" ޓީޝާޓްތަކުގައި ލިޔެގެން މާލޭ މަގުމަތީ މުޒާހަރާ ކުރުމަށެވެ. ގައުމުގެ ހާރިޖީ ސިޔާސަތަކީ ކުޅޭ ކުޅޭ ކުޅިވަރަކަށް ހައްދަވައިގެންނެވެ. ސިޔާސީ މަންފާއަށް ކޮންމެ ފަދަ ކަމެއްވެސް ކުރަން ތައްޔާރަށެވެ.

އެހެންނަމަވެސް، މިއަދު އިންތިހާބަށް ނުކުމެ ވަޑައިގަތުމުން ވާހަކަ ބަދަލުވެއްޖެއެވެ. "ދައުރު" ނޫހަށް ދެއްވި އިންޓަވިއުގައި ޑރ. މުއިއްޒު ވިދާޅުވީ، "އިންޑިއާ އަކީ އެންމެ ގާތް ރަހުމަތްތެރި އަވައްޓެރިޔާ. އެހެންވީމާ އިންޑިއާ ފަސްޓް ޕޮލިސީ، ހާރިޖީ ސިޔާސަތުގައި ޒަމާނުއްސުރެ އޮތް އެންމެ އިސްކަންދޭ ޕޮލިސީ އޮންނަންވާނެ" ކަމަށެވެ. ހަގީގަތަކީ، ގައުމުގެ ހާރިޖީ ސިޔާސަތަކީ އޭރުގެ ސިޔާސީ މަންފާއަށް ބަދަލުކުރަން އޮންނަ އެއްޗެއް ނޫނެވެ. ރާއްޖެއަށް އެންމެ ފައިދާބޮޑީ ކޮންގޮތެއްކަން އެއީ ސިޔާސީ ވެރިން ހިތަށް އެރީމާ ބަދަލުވާ އެއްޗެއްވެސް ނޫނެވެ.

ރައީސް ޔާމީންގެ ސަރުކާރުގައި، ވެރިމީހާ ހިތަށް އެރީމާ ހާރިޖީ ސިޔާސަތު ބަދަލު ކުރުމުގެ ނަތީޖާ އަކީ، ދިވެހިރާއްޖެއަށް ގައުމުތަކުން ކުރަމުން އައި އިތުބާރު ކުޑަވުމެވެ. ކޮމަންވެލްތުން ނިކުތުމާއި، އެއްވެސް އުޒުރެއް ދެއްކުމަކާއި ނުލާއި ގަތަރާއި ގުޅުން ކަނޑާލުމާއި، އިންޑިއާ ކޯޅެން ފެށުމަކީ ރާއްޖޭގެ ހާރިޖީ ސިޔާސަތާއި މެދު އިތުބާރު ކުޑަވާން ފެށި ކަމެކެވެ. އެކަން ހައްލުކުރުމަށް މި ސަރުކާރަށް ޖެހުނީ އަލުން މަސައްކަތް ކުރާށެވެ.

ޑރ. މުއިއްޒުވެސް ހިންގަވަނީ ރައީސް ޔާމީން ހިންގަވާ މަގުންނެވެ. ހިތަށް އެރީމާ ހާރިޖީ ސިޔާސަތު ބަދަލުކޮށް، މިއަދު "އިންޑިއާ ފަސްޓް" ކަމަށް ބުންޏަސް، އަހަރުތަކެއް ވަންދެން ކުރިއަށް ގެންދިޔަ އެ ކެމްޕޭނުން މި ގައުމުގެ ހާރިޖީ ސިޔާސަތަށް އަގު ނުކުރެވޭނޭ ގެއްލުން ދީފިއެވެ. މިހާރު ސަރުކާރުގެ ހާރިޖީ ސިޔާސަތު ކަމުގޮސްގެން އެވާހަކަ ދެއްކީމާ ދޭހަ ވަނީ ދުރުވިސްނުން ނެތް މިންވަރެވެ. ގައުމުގެ ކުރިމަގާއި މެދު ވިސްނުމުގެ ބަދަލުގައި، އަމިއްލަ ސިޔާސީ ކުރިމަގަށް މާ ބޮޑަށް ވިސްނޭކަމެވެ.

Leave a Reply

Your email address will not be published. Required fields are marked *