ރައީސްގެ ވައުދު މަޑިފުށްޓައް: މަގު ހަދައި، ހައުސިން ޔުނިޓާއި ދޯނި އެހެލާނެ ތަނެއް ހަދައިދޭނަން

F4mgb22a4AAKnhZ

އަންނަ ދައުރުގައި ތ. މަޑިފުށީގައި ރިވެޓްމެންޓް އުސްކޮށް، ބޮޑެތި މަގު ހަދައި، ހައުސިންގ ޔުނިޓާއި ދޯނި އެހެލާނެ ތަނެއް ހަދައި، ސިއްހީ މަރުކަޒު އަޕްގްރޭޑް ކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞޯލިހު ވައުދުވެވަޑައިގެންފިއެވެ.

ރައީސް މިގޮތަށް ވައުދުވެވަޑައިގެންނެވީ ރިޔާސީ އިންތިހާބަށް ކެމްޕޭން ކުރުމުގެ ގޮތުން ތ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން އެ އަތޮޅު މަޑިފުށީގައި ވަޑައިގެން މިއަދު ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ. އެގޮތުން، އެ ޖަލްސާގައި ރައީސް ވިދާޅުވީ، ކުރީ ސަރުކާރުން ވެރިކަން ކުރީ ރައްޔިތުންގެ ތެރޭގައި ބިރުވެރިކަން އުފައްދައިގެން ކަމަށާއި، އަނިޔާވެރިކަން އޮތީ އިންތިހާއަށް ގޮސްފައި ކަމަށެވެ. ރަށެއްގައިވެސް ސަރުކާރާ ހިޔާލުތަފާތުވާ މީހަކު ހުރެއްޖެނަމަ އެޅެން އޮތް ފިޔަވަޅެއް އަޅާ ކަމަށާއި، ބައެއް ފަހަރު ފެނަކަ ވަޒީފާގައި ތިބި މީހުން އާއިލާއާ ދުރު ރަށަކަށް ފޮނުވާލާފައިވެސް އެބަހުރި ކަމަށެވެ.

2018 ވަނަ އަހަރު ރައްޔިތުން ނިކުތީ އެ ބިރުވެރިކަން ނިންމުމަށް ކަމަށާއި، އެކަން ހާސިލް ކުރެވިއްޖެ ކަމަށެވެ. މި ފަސް އަހަރު ކުށް މަދުވެއްޖެ ކަމަށާއި، ބަސް ބުނުމުގެ ހައްގު ހުޅުވާލެވި، ސަރުކާރާއި ދެކޮޅަށް ވާހަކަ ދެއްކުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދެވުނީ ސިޔާސީ ހަލަބޮލިކަމުގެ ތެރެއަށް ނުގޮސް މަސައްކަތްކުރުމުން ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

އަންނަ ދައުރުގައި މަޑިފުށްޓަށް ކޮށްދިނުމަށް ހަމަޖެހިފައިވާ ކަންކަމަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، އަންނަ ދައުރުގައި ބޮޑެތި ހުރިހާ މަގެއްގައި ތާރު އަޅައި ޒަމާނީ ފެންވަރަށް ހަދައިދެއްވާނެ ކަމަށެވެ. އަދި، އުދަ އެރުމުގެ މައްސަަލައަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން، ވަށައިގެންވާ ރިވެޓްމެންޓް އުސްކުރައްވާނެ ކަމަށާއި، ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން، ހައުސިންްގ ޔުނިޓު އަޅުއްވައިދެއްވާނެ ކަމަށެވެ. މަޑިފުށީ ސްކޫލަށް 10 ކްލާސްރޫމްވެސް އިތުރުކޮށް، ދޯނި އެހެލާނެ ތަނެއް ހަދައި، ސިއްހީ މަރުކަޒު އަޕްގްރޭޑް ކޮށްދެއްވާނެ ކަމަށްވެސް ރައީސް ވައުދުވެވަޑައިގެންނެވިއެވެ.

ދިޔަމިގިއްޔާއި މަޑިފުށި ގުޅާލުމަކީވެސް އެ ދެ ރަށު ރައްޔިތުން ބޭނުންވާކަމެއްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، އެ މަސައްކަތްވެސް އަންނަ ދައުރުގައި ފަށާނެކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *