ރައީސްގެ ވައުދު ލ.ގަމަށް: އަންނަ އަހަރު 1،000 ހައުސިން ޔުނިޓު އަޅައި، ބަރަސްދޫ ޓޫރިޒަމަށް

IMG_7560

އަންނަ ދައުރުގައި ލ. ގަމުގައި އިންޓަނޭޝަނަލް މުބާރާތް ބޭއްވޭވަރު ސްޕޯޓްސް އެރީނާ އަދި އަންނަ އަހަރު 1،000 ހައުސިންގ ޔުނިޓު އަޅައި ބަރަސްދޫ ޓޫރިޒަމަށް ދޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞޯލިހު ވައުދުވެވަޑައިގެންފިއެވެ.

ރައީސް މިގޮތަށް ވައުދުވެވަޑައިގެންނެވީ ރިޔާސީ އިންތިހާބަށް ކެމްޕޭން ކުރުމުގެ ގޮތުން ލ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން އެ އަތޮޅު ގަމަށް ވަޑައިގެން މިއަދު ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ. އެގޮތުން، އެ ޖަލްސާގައި ރައީސް ވިދާޅުވީ، އަމާޒު ހިފާފައި މިހިރީ ހެޔޮ ބޮޑު ބަދަލަކަށް ކަމަށެވެ. އެންމެ އިސްކަމެއް ދެނީ އިގްތިސާދު ޑަބަލްކުރުމަށް ކަމަށާއި، އިގްތިސާދުގެ އެކި ހިސާބުތަކުގައި ރައްޔިތުންގެ ބައިވެރިކަން އިތުރުކުރުމަށް ކަމަށެވެ. އެކަން ކުރަން ބޭނުންވަނީ ރާއްޖޭގެ ގުދުރަތީ ރީތިކަމުގެ ބޭނުންވެސް ހިފަައިގެންކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ގަން ބަދަލުކުރުމަށް ނިންމާފައިއޮތީ އާރބަން ސެންޓަރެއްގެ ގޮތުގައި ކަމަށެވެ.

އެހެންނަމަވެސް، ރައީސް ވިދާޅުވީ ކޮވިޑާއެކު ބައެއް މަޝްރޫއުތަކަށް ލަސްކަމެއް އައިކަމަށާއި، އެކަމަކު އަދިވެސް ޕްލޭނަކަށް ބަދަލެއް ނާންނަ ކަމަށެވެ. އަމާޒަކީ ކުރިއަށް އޮތް 10 އަހަރު ތެރޭގައި 25،000 މީހުންގެ އާބާދީއަކަށް ގަން ބަދަލުކުރުން ކަމަށާއި، އެކަން ކުރުމަށް ނިންމާފައިވަނީ ބޯހިޔާވަހިކަމާއި އަދި އެނޫންވެސް އަސާސީ ހިދުމަތްތައް ފޯރުކޮށްދީގެންނެވެ. ރައީސް ވިދާޅުވީ، މަޖުބޫރުން މީހުން ގެނައުމުގެ ވިސްނުމެއް ނެތް ކަމަށާއި، މީހުން ޝައުގުވެރިވާނެ ކަހަލަ ކަންކަން ގަމުގައި ތަރައްގީކުރީމާ މީހުން ހިޖުރަ ކުރާނެ ކަމަށެވެ.

"މިސާލަކަށް މާލެއަށް މީހުން ދަނީ ކީއްވެތާ؟ އެއް ކަމަކީ ވަޒީފާ، އަނެއް ކަމަކީ ތައުލީމު، ދެން ސިއްހީ ހިދުމަތް، މިކަންކަން ފުރިހަމަ ވީމާ މީހުން އަންނާނެ" ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން، އަސާސީ ހިދުމަތްތައް ގަމުގައި ގާއިމްކޮށްދިނުމުގެ ގޮތުން، ފުރަތަމަ ފޭޒްގެ ދަށުން އަންނަ އަހަރު 1،000 ހައުސިންގ ޔުނިޓު އަޅައިދޭނަކަމަށް ރައީސްވަނީ ވައުދުވެވަޑައިގެންފައެވެ. މުޅި ޖުމްލަ 5،000 ހައުސިންގ ޔުނިޓު އަޅައިދިނުމަށް ހަމަޖެހިފައިވާ ކަމަށާއި، އެ ޔުނިޓުތައް ހާއްސަކުރާނީ ގަމު ރައްޔިތުންގެ އިތުރުން، އެ ރަށަށް ދިރިއުޅުން ބަދަލުކުރަން ބޭނުންވާ ހަމަ ކޮންމެ މީހަކަށް ކަމަށެވެ.

ޓާރޝިއަރީ ހޮސްޕިިޓަލްގެ މަސައްކަތްވެސް ޓެންޑަރ ކޮށް ބަޔަކާއި ހަވާލުކުރެވިފައިވާކަން ފާހަގަކުރައްވަމުން ރައީސް ވަނީ ޕްލޭނާއި އެއްގޮތަށް ކެންސަރު ހޮސްޕިިޓަލްވެސް އަޅުއްވައިދެއްވާނެކަމުގެ ޔަގީންކަން އަރުވާފައެވެ. އެއާޕޯޓް އިންޓަނޭޝަނަލް އެއާޕޯޓްއަކަށް ބަދަލުކުރުމުގެ މަސައްކަތްވެސް އަމަލީ ގޮތުން ފަށައިގަންނަ ހިސާބުގައި އޮތްކަމަށާއި، އަމާޒަކީ ޓޫރިޒަމްގެ ބޮޑު މަސައްކަތްތަކެއް ގަމުގައި ކުރިއަށް ގެންދިޔުން ކަމަށެވެ. އެއާޕޯޓް ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި ނިމުމާއެކު، ޓޫރިޒަމް ފައްކާ ކުރުމުގެ މަސައްކަތް ރައްޔިތުންނަށް ފެންނާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ގަމުގައި މެޑިކަލް ޓޫރިޒަމްގެ އިތުރުން ސްޕޯޓްސް ޓޫރިޒަމްވެސް ތަރައްގީ ކުރުމަށް ހަމަޖެހިފައިވާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ގަމުގައި ސްޕޯޓްސް އެރީނާތަކެއް ހަދާނެ ކަމަށެވެ. އިތުރު ފުޓްބޯޅަ ދަނޑާއި، އިންޑޯ ވޮލީއާއި، ދުވާ ޓްރެކް ހިމެނޭހެން އިންޓަނޭޝަނަލް މުބާރާތްތައް ބޭއްވޭވަރުގެ ވަސީލަތްތައް ގާއިމްކޮށްދެއްވާނެ ކަމަށެވެ. އެއާއެކު އިތުރު ވަޒީފާތައް އުފެދިގެންދާނެ ކަމަށާއި، ރަށަށް އަލަށް ހިޖުރަކުރަން ބޭނުންވާ ފަރާތްތަކަށްވެސް ގަން ފޮނަދޫ ފައްކާކުރެވޭނެ ކަމަށެވެ.

މީގެއިތުރުން، މިހާރުން މިހާރަށް ގަމަށް ކޮށްދިނުމަށް ހަމަޖެހިފައިވާ ކަންކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، އިތުރު ޓާރފް ދަނޑަކާއި، ދުވާ ޓްރެކަކާއި، ތުނޑީ އަވަށުގައި ވޮލީ ކޯޓަކާއި، ކުރިން ގޯތި ދޫކޮށްފައިހުރި ހިސާބުތަކަށް ފެނާއި ނަރުދަމާ ފޯރުކޮށްދީ، ބަރަސްދޫގައި ޓޫރިޒަމްގެ މަސައްކަތެއް ފަށާނެކަމަށް ރައީސް ވަނީ ވައުދުވެވަޑައިގެންފައެވެ.

ރައީސް ވިދާޅުވީ، ރިޔާސީ ރޭހުގައި އެމްޑީޕީ އޮތީ މާ ކުރީގައި ކަމަށާއި އެއްހަމަ ކުރަން އިދިކޮޅު ބޭފުޅުންނަށް އަދިވެސް ދެތިން ހަފްތާ ނަގާނެ ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *